19 Jan 2011, 15:18
މިއަދުގެ ވަގުތެއްގައި މަޝްހޫރު ހެކަރ ޖޯޖް ހޮޓްޒް އޭނާގެ ވެބްސައިޓް އަޕްޑޭޓްކުރިއެވެ. އެ އަޕްޑޭޓްގައި، އެންމެފުރަތަމަ ވިންޑޯސް ފޯނު ހަތެއް ޖެއިލްބްރޭކްކުރި ގުރޫޕް (ޗެވްރޮން ވީޕީ7) ގެ މެންބަރުންނާއި މެދު މައިކްރޯސޮފްޓުން ގެންގުޅެފައިވާ އެކުވެރި ސިޔާސަތަށް ރުހޭކަން ހާމަވާފަދަ އިބާރާތަކަށްފަހު ލިޔެފައިވަނީ އެނާވެސް މި ދަނީ ވިންޑޯސް ފޯނު ހަތަކުން ހިންގާ ފޯނެއް ގަންނަންކަމަށެވެ.
އޭގެ ދެތިން ގަޑިއިރުފަހުން ވިންޑޯސް ފޯނު ހަތެއް ގެ ޑައިރެކްޓަރު ބްރެންޑޮން ވަޓްސޮން، ހުޅުވިފައިވާ މެސެޖެއް ޓްވީޓްކުރިއެވެ. އޭގައި ބުނެފައިވަނީ ޖެއޯހޮޓް ވިންޑޯސް ފޯނު ހަތެއްގެ ބިންގަލުގެ މަތީގައި މޮޅެތި އީޖާދުތައް ކުރަންބޭނުންނަމަ ބްރެންޑޮން އަށް މެސެޖެއް ކޮއްލުމަށެވެ. އަދި އޭރުން އެކަމަށްޓަކައި ހިލޭ ފޯނެއް ފޮނުވައިދޭނެކަމަށާއި، ވިންޑޯސް ފޯނު ހަތެއް ޑިވެލޮޕްކުރުމުގައި އުފެއްދުންތެރިކަން ދައްކާލައި، ދިރުން ގެނެސްދިނުމަށް ވަނީ އެދިފައެވެ.
މި ޓްވީޓަކީ ޖެއޯހޮޓްގެ ވެބްސައިޓް އަޕްޑޭޓާއި ސީދާ ގުޅުން ހުރި ޓްވީޓެއްކަން ޔަޤީންވެފައިނެތަސް އެނގޭ އެއްޗަކީ ފޯނު އޮޕަރޭޓިން ސިސްޓަމްގެ ކުޅަދާނަކަން އެންމެ ފުރިހަމަގޮތުގައި ހިފޭނޭ މަގުތަށް ދެނެގަނެ، ހޯދައި ބެލުމަށްޓަކައި މައިކްރޯސޮފްޓުން މި ގެންގުޅޭ ސިޔާސަތަކީ ސިނާޢަތުގެ އެހެން ގިނަ ކުންފުނިތަކާއި ތަފާތު ސިޔާސަތެއްކަމެވެ.