ކުޑަކުދިންތަކަކާ މެދު ބަދަލުއަހުލާގީ އަމަލު ހިންގި މައްސަަލައެއްގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ދަށު ކޯޓުން ދޫކޮށްލުމުން އަލުން އެމީހާ ހައްޔަރުކުރުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި 53 އަހަރުގެ ފިރިހެނެއް ހައްޔަރުކުރީ 2011 ވަނަ އަަހަރުން ފެށިގެން ތިން ކުޑަ ކުއްޖަކާ މެދު އެކި ފަހަރު މަތިން ޖިންސީ އަމަލް ހިންގި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި އެ މައްސަލާގެ ތުހުމަތުގައި އެމީހާ އެންމެ ފުރަތަމަ ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭގެ ފަހުން އެމީހާގެ ބަންދުގެ މުއްދަތު ހަތަރު ފަހަރެއްގެ މަތިން ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ. އޭނާ ދޫކޮށްލީ މިދިޔަ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު މުއްދަތު ޖެހުމަށް ޏ. ފުވައްމުލައް މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުންނެވެ.

ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މި މައްސަލާގައި ތުހުމަތު ކުރެވޭ މީހާ ދޫކޮށްލާފައި ހުރުމުން މައްސަލައާ ގުޅޭ ހެކި ފޮރުވުމަށް ނުވަތަ ހެކިބަސްދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަފާނެ ކަމަށްޓަކައި އަދި އޭނާގެ ކިބައިން މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުކޮށްފައި ބެހެއްޓުމަށް އަމުރުކުރާ ކަމަށެވެ.