14 Sep 2014, 13:10
ރާއްޖޭގައި ޑައިމޯފިން ޓްރެފިކް ކުރި މީހަކު 100000 ރުފިޔާ އިން ޖޫރިމަނާކޮށް، އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ފުލުހުން ބުނީ މާލެއިން ފުރައިގެން އައްޑޫސިޓީގެ ހިތަދޫއަށް ދަތުރުކުރަމުން ދިޔަ ބޯޓަކުން މަސްތުވާތަކެތި ގެންދާ ކަމުގެ މައުލޫމާތު ލިބިގެން 2012 ވަނަ އަހަރު ޑައިމޯފިންއާއި އެކު ހައްޔަރުކުރި ހިތަދޫ ޖެމިސްކޯ މުހައްމަދު ޝަރީފު 42.އ)ގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރިކަމުގެ ކުށް ސާބިތުވެ، އޭނާގެ މައްޗަށް ކްރިމިނަލްކޯޓުން ހުކުމްކުރީ މިމަހުގެ 10 ވަނަ ދުވަހު ކަމަށެވެ. އަދި ބުނީ އޭނާ ހައްޔަރުކުރި ވަގުތު އޭނާގެ ފަޓުލޫނު ޖީބުން މަސްތުވާތަކެތި ހުރި ބުލެޓް ސައިޒްގެ 90 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
ޝަރީފް ހައްޔަރު ކޮށް ތަހުގީގު ކުރުމަށް ފަހު ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގައި ބުނެފައި ވަނީ ދަޢުލަތުން ކުރި ދަޢުވާގައި ބުނެފައިވާ މަސްތުވާތަކެތި މުޙައްމަދު ޝަރީފްގެ އަތުން ފެނިފައިވާކަން މުޙައްމަދު ޝަރިފުގެ އިޢުތިރާފުން އެނގެން އޮންނާތީއާއި އެތަކެތީގެ ބަރުދަނުގައި 100.9436 ގްރާމް ޑައިމޯފިން ހުރިކަމަށް އޭގެ ތަހުލީލު ރިޕޯޓުން އެންގެން އޮންނާތީ، މަސްތުވާތަކެއްޗާ ބެހޭ ޤާނޫނާ ޙަވާލާދީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުން މުޙައްމަދު ޝަރީފް ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން ބުނެވިދިޔަ ޤާނޫނުގެ ދަށުން އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމާ އެކު، މުޙައްމަދު ޝަރީފް ޖަލަށް ލުމަށް ޙުކުމް ކުރާ ކަމަށެވެ.