14 Sep 2014, 12:45
ޗައިނާގެ ރައީސް ޝީ ޖިންޕިންގް ރާއްޖެ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން މާލޭގެ ބައެއް މަގުތަކުގައި ގޯޅިތަކުގައި އެއްގަމު އުޅަނދު ޕާކު ނުކުރެވޭ ގޮތަށް ފުލުހުން ހަމަޖައްސައިފި އެވެ.
ފުލުހުން ބުނީ ޗައިނާގެ ރައީސް އަށް މަރުހަބާ ކިޔުމަށް ބާއްވާ ރަސްމިިއްޔާތުތައް ކުރިއަށްދާ ސަރަޙައްދުތަކުގެ މަގުތަކާ ގޯޅިތަކުގައި އެއްގަމު އުޅަނދުތައް ޕާކު ނުކުރެވޭނެ ކަމަށެވެ. އެގޮތުން މި ރޭ 23:30 އިން ފެށިގެން އަންގާރަ ދުވަހުގެ 15:00 އާ ހަމައަށް މާލޭގެ ބައެއް މަގުތަކާއި ގޯޅިތަކުގެ ޕާކިން ޒޯންތަކުގައި އެއްގަމު އުޅަނދު ޕާކް ކުރުމަކީ މަނާކަމެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޕާކްކުރުން މަނާކުރާ އެއްވެސް ސަރަހައްދެއްގައި ވެހިކަލް ޕާކްކޮށްފައިވާ ނަމަ ހޯމަ ދުވަހުގެ 23:30 އިން ފެށިގެން އެ ޒޯންތަކުގައި ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ޓްރެފިކް ފުލުހުން ނަގަމުންގެންދާނެ ކަމަށާއި އެގޮތަށް ނަގާ އުޅަނދުތައް ބެހެއްޓޭނީ މާލޭގެ އެކި ސަރަޙައްދުތަކުގައި ހުންނަ ޕާކިން ޒޯންތަކުގައި ކަމަށެވެ. އަދި އެ ވެހިކަލްތައް އެހެން ސަރަޙައްދަކަށް ބަދަލުކޮށްގެން ލިބޭ ދަތިތަކަށް ނުވަތަ ގެއްލުމަކަށް ފުލުުހުން ޒިންމާނުވާނެ ކަމަށް ވެސް ބުންޏެވެ.
ޗައިނާގެ ރައީސްގެ ދަތުުރުފުޅުގައި އެއްގަމު އުޅަނދު ޕާކް ނުކުރެވޭ މަގުތަކާއި ގޯޅިތައް ގޮތުގައި ކަނޑައަޅާފައި ވަނީ ބޮޑުތަކުރުފާނު މަގު، އެމްޓީސީސީ އިމާރާތާ ހިސާބުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެމެދުގައިވާ ސަރަހައްދުގެ ޕާކިންގް ޒޯންތަކާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކުރިމަތީގައި އޮންނަ ޕާކިން ޒޯންތަކާއި އަމީރުއަހުމަދު މަގު، ޗާންދަނީމަގާ ގުޅުނު ހިސާބުން ފެށިގެން، އަމީރް އަޙްމަދުމަގު ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމާއި ދެމެދުގައިވާ ޒޯންތަކެވެ.
މީގެ އިތުރުން ޖުމްހޫރީހިނގުން، ޝަހީދު ހުސައިން އާދަމް ބިލްޑިން ކުރިމަތީ މަގުގެ ދެފަރާތުގައިވާ ޒޯންތަކާއި ޗާންދަނީމަގު، އޯކިޑްމަގު ލައިޓާއި ގުޅުނު ހިސާބުން ފެށިގެން ޗާންދަނީމަގު ފަރީދީމަގު ލައިޓާއި ދެމެދުގައިވާ ޒޯންތައް އަދި މެދުޒިޔާރަތްމަގު، ޝަހީދު ހުސައިން މުޙައްމަދު ހިނގުން ގުޅުނު ހިސާބުން ފެށިގެން ޖުމްހޫރީ ބިނާ އާއި ދެމެދުގައިވާ ޒޯންތަކެވެ.