އެކާވީސް ވަނަ ގަރުނުގެ ކަނޑުގެ ސިލްކް ރޫޓެއް ގާއިމުކުރުމުގައި އިންޑިޔާ ކަނޑުގައި އިސްތިރާޖީ ސަރަހައްދެއްގައި އޮންނަ ދިވެހިރާއްޖެ އަކީ، ގަދީމީ ސިލްކް ރޫޓުގެ ވެސް މުހިއްމު މަންޒިލެއް ކަމުގައި ޗައިނާގެ ރައީސް ޒީ ޖިންޕިންގް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާ އާއި ދިވެހި ރާއްޖޭގެ ގުޅުމާ ބެހޭ ގޮތުން "ގާތް އެކުވެރީން، އަދި ތަރައްގީގައި ބައިވެރީން"،މި ސުރުޚީގެ ދަށުން އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ސަންގެ އިނގެރޭސި އެޑިޝަންގައި މިއަދު ޝާއިއުކުރި ލިޔުމެއްގަ އެވެ.

ސިލްކް ރޫޓަކީ ޗައިނާ އިން މެދު އިރުމައްޗާއި ޔޫރަޕާއި އެފްރިކާ އަށް ވިޔަފާރީގެ މުދާ ގެންގޮސް ގެނައުމަށް ޓަކައި ބޭނުންކުރެވޭނޭ ކަނޑުމަގެވެ. އެ ގޮތުން މި ތިން ބައްރަށް ދަތުރުކުރާ އިރު، ރާއްޖެ ހިމެނެނީ ދެބައި ހަމަވާ ސަރަހައްދުގައި އޮންނަ އެންމެ މުހިންމު މަންޒިލްގެ ގޮތުގަ އެވެ. އެހެން ކަމުން މި ބައްރުތަކުން ސިލްކް ރޫޓުން ދެކޮޅަށް ދަތުރުކުރާ އެތައް އެތައް ހާސް ބޯޓު ފަހަރެއްގެ މައި މަންޒިލެއްގެ ގޮތުގައި، ދިވެހި ރާއްޖެ ހިމެނޭނެ އެވެ.

ރައީސް ޒީ ޖިންޕިންގެ ލިޔުއްވުމުގައި ވިދާޅުވީ، ސީނުކަރައިން ގޮވައި ލަނީ 21 ވަނަ ގަރުނުގެ، ކަނޑުގެ ސިލްކް ރޫޓެއް ގާއިމް ކުރުމަށެވެ. އެކާވީސް ވަނަ ޤަރުނުގެ އައު ސިލްކް ރޫޓް ޤާއިމު ކުރުމުގައި، ދިވެހި ރާއްޖޭގެ ޤާބިލުކަން އެންމެ މަތީ ދަރަޖައިގައި ބޭނުން ކޮށް، މުހިއްމު ދައުރެއް އަދާ ކުރުމަކީ ސީނުގެ ސަރުކާރު ނުހަނު ބޮޑަށް މަރުޙަބާ ކިޔާ ކަމެއް ކަމަށް އެމަނިކުފާނުގެ ލިޔުއްވުމުގައި ވިދާޅުވެފައިވެ އެވެ. މި އެއްބާރުލުން ޙަގީގަތަކަށް ހެދުމަށް ޓަކައި ދިވެހިރާއްޖެއާ ގުޅިގެން ހަލުވި ގޮތެއްގައި މަސައްކަތް ކުރުމަކީ ސީނުގެ ސަރުކާރުގެ އުއްމީދެއް ކަމަށާއި މީގެ ސަބަބުން ހުރިހާ ޤައުމުތަކަކަށް ވެސް ފައިދާ ކޮށް، އޭޝިޔާ ދުނިޔޭގައި އަދާ ކުރާ ދައުރު އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް އެމަނިކުފާނުގެ އާޓިކަލްގައި ލިޔުއްވާފައިވެ އެވެ.

އެމަނިކުފާނުގެ ލިޔުއްވުމުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ސީނާއި ދިވެހި ރާއްޖެއާ ދެމެދުގައި، ބައިނަލްއަޤްވާމީ މައިދާނުގައި އޮންނަ ގުޅުންތައް ކުރިމަގުގައި އިތުރަށް ހަރުދަނާ ކުރާން ޖެހެ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދިވެހި ރާއްޖެއަކީ، ދެކުނު އޭޝިޔާ ސަރަޙައްދުގައްޔާއި އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އޮތް ސީނުގެ މުހިއްމު ބައިވެރިއެކެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އާއި، އިންސާނީ ޙައްޤުތަކުގެ މައްސަލަ އާއި، އެހެނިހެން ވެސް މި ބާވަތުގެ އެކިއެކި މައްސަލަތަކުގައި، ދިވެހިރާއްޖެއާ އެކު ގާތް ގުޅުންތަކެއް ބާއްވައިގެން މަސައްކަތް ކުރުމަކީ ސީނުގެ ސިޔާސަތެވެ. ސީނުގެ އުއްމީދަކީ، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ކަންކަމުގައި، ދިވެހިރާއްޖެއަކީ ބަސްވިކޭ، މުހިއްމު ދައުރެއް އަދާ ކުރާ ޤައުމެއްގެ ގޮތުގައި އޮންނަ ތަން ދުށުން ކަމަށް ވެސް ރައީސް ޒީ ޖިންޕިންގެ ލިޔުއްވުމުގައި ވަނީ ވިދާޅުވެފަ އެވެ.

ޗައިނާގެ ރައީސްގެ ލިޔުއްވުމުގައި ވަނީ ޗައިނާ އާއި ދިވެހި ރާއްޖޭގެ ތާރީޚީ ގުޅުމުގެ މައްޗަށް ވެސް ބައްލަވައިލައްވައިފަ އެވެ. އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި، ސީނުކަރަޔާއި ދިވެހިރާއްޖެއާ ދެމެދުގައި އޮތް ރަޙްމަތްތެރިކަމާއި އެކުވެރިކަމުގެ މުޢާމަލާތްތަކަށް ވަރަށް ދިގު ތާރީޚެއް ލިބިފައިވެ އެވެ. ސީނުކަރައިގެ އިހުގެ ރަސްކަމެއް ކަމަށްވާ މިންގް ދަރިކޮޅުގެ ރަސްކަމުގެ ޒަމާނުގައި، ސީނުގެ މަޝްހޫރު ސައްޔާހު ޒެންގް ހީ، އޭނާގެ ފްލީޓާއެކު ދެ ފަހަރެއްގެ މަތީން ދިވެހިރާއްޖެ އަށް ޒިޔާރަތް ކުރިއެވެ. ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ސުލްޠާން ޔޫސުފް، ތިން ފަހަރެއްގެ މަތީން ސީނަށް އެމަނިކުފާނުގެ މަންދޫބުން ފޮނުއްވި އެވެ.

"ޤަދީމީ ސީނުކަރައިގައި ހަދައިފައި ހުރި މުށީގެ ކަންވާރުތަކާއި ފައިސާފޮތިތަކެއް، މި ޒަމާނަށް އެޅުނު ފަހުން ރާއްޖެއިން ފެނި، އެ ތަކެތި މާލޭގައި ހުންނަ ޤައުމީ ދާރުލް އާޘާރުގައި ބެހެއްޓިފައިވޭ. މިއީ ވެސް ނުހަނު އިހުއްސުރެ، ސީނުކަރަޔާއި ދިވެހި ރާއްޖެއާ ދެމެދު އެކުވެރިކަމާއި ރަޙްމަތްތެރިކަމުގެ ގުޅުންތައް އޮތް ކަން ސާބިތު ކޮށްދޭ ހެއްކެއް،" ޗައިނާގެ ރައީސް ޒިން ގެ ލިޔުއްވުމުގައި ވިދާޅުވެފައިވެ އެވެ.

އެމަނިކުފާނު އިތުރަށް ލިޔުއްވާފައިވާ ގޮތުގައި، 1972 ވަނަ އަހަރު، ސީނުކަރަޔާއި ދިވެހި ރާއްޖެއާ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުން ޤާއިމު ކުރެވުނެވެ. އޭގެ ފަހުން ފާއިތުވެ މި ދިޔަ 40 އަހަރަށް ވުރެ ދިގު މުއްދަތުގައި، ދެ ޤައުމު ވަނީ އަބަދުވެސް އެއް ޤައުމު އަނެއް ޤައުމަށް އިޙުތިރާމު ކޮށްފައެވެ. އިތުބާރު ކޮށްފަ އެވެ. އެއް ޤައުމު އަނެއް ޤައުމަށް އެހީތެރިކަމާއި މަދަދުވެރިކަން ފޯރު ކޮށްދީފައެވެ. ބޮޑުކުޑަމިނުން ބަލާ އިރު، ނުހަނު ތަފާތު ދެ ޤައުމަކަށް ވެސް، ހަމަހަމަ އެކުވެރީންގެ ގޮތުގައި އެއް ޤައުމު އަނެއް ޤައުމާ އެކު މުޢާމަލާތު ކުރެވިދާނޭ ކަމުގެ، އަދި ދެބައިމީހުންނަށް ވެސް ފައިދާ އާއި މަންފާ ލިބެނިވި ގޮތެއްގައި އެކުވެރިކަން ދެމެހެއްޓިދާނެ ކަމުގެ ރީތި މިސާލެއް ވަނީ ދުނިޔެއަށް ދައްކުވައިދީފަ އެވެ.

ރައީސް ޒިންގެ ލިޔުއްވުމުގައި ވިދާޅުވެފައިވާ ގޮތުގައި، ސީނާއި ދިވެހިރާއްޖޭގެ ގުޅުންތައް، ކައިރި މާޒީގައި ވެއަތު ވެގެން މި ދިޔަ އަހަރުތަކުގައި ވަނީ އެކިއެކި ދާއިރާތަކުގައި އިތުރަށް ތަރައްޤީ ވެފައެވެ. ޢަމަލީ މައިދާނުގައި ދެ ޤައުމުގެ ދެމެދުގައި އޮތް އެއްބާރުލުން ވަނީ އިތުރު ވެފަ އެވެ. ދެ ޤައުމުގެ ދެމެދުގައި ދެ ކޮޅަށް މުދާ ހިނގާ ބީދައިން ކުރެވޭ ވިޔަފާރި އިތުރު ވެ، ޚާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާ ވަނީ ވަރަށް ބޮޑަށް ފުޅާ ކުރެވިފަ އެވެ. ވެއަތު ވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ވެސް ދިވެހިރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރީން އައީ ސީނުންނެވެ. ސީނުގެ ރައްޔިތުންނަށް، ޚާއްސަކޮށް ޒުވާނުންނަށް، ރާއްޖެ ބަލައިގަނެވެނީ ޗުއްޓީ ހޭދަ ކޮށްލުމަށް އެފަދަ ދެވަނައެއް ނެތް ޚާއްސަ މަންޒިލެއްގެ ގޮތުގަ އެވެ. ލޯބިވެރީންގެ މަންޒިލެއްގެ ގޮތުގަ އެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދު އިތުރަށް ތަރައްޤީކޮށް، ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން އިތުރަށް ކުރި އެރުވުމުގައި، ވީ އެންމެ ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދިނުމަށް ސީނުގެ ސަރުކާރުން ވަނީ މަސައްކަތް ކޮށްފަ އެވެ. މިކަންކަމުން އެނގިގެން ދަނީ، ސީނާއި ދިވެހިރާއްޖެއަކީ ހަމައެކަނި އެއް ޤައުމު އަނެއް ޤައުމަށް އެހީތެރި ވާ އިޚްލާޞްތެރި އެކުވެރީން ނޫން ކަމާއި މި ދެ ޤައުމަކީ ގުޅިގެން، ތަރައްޤީ އާއި ފާގަތިކަމުގެ ޢާއްމު އަމާޒެއް ޙާޞިލު ކުރުމަށް ޓަކައި މަސައްކަތް ކުރާ ވެސް ދެ ޤައުމު ކަން ކަމަށް އެމަނުކުފާނު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

"ސީނީ މުސްކުޅި ޅެމެއްގައި އޮންނަ ފަދައިން، އަޅުގަނޑުމެންގެ ގުޅުމުގައި "ކޯރުގެ ފެންގަނޑު އުފުލި، އައްސޭރި ފުޅާ ވެ، ބާރު އޮއިވަރު ދަނީ ދެމެމުން. ފަހި ވައިގައި، ރިޔަލުގައި ވަނީ ރަނގަޅަށް ވައި އަޅައިފަ." ރައީސް ޒިން ލިޔުއްވާފައިވެ އެވެ.

އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި، ސީނާއި ދިވެހި ރާއްޖޭގެ ގުޅުމުގައި މިހާރު ވަނީ ކުރިޔަށް ދިޔުމުގެ މުޅީން އައު ހަރުފަތްތަކެއް ގިރާ ކުރާން ޖެހިފަ އެވެ. އެ ހަރުފަތްތަކާ އެކު، ކުރިމަތީގައި ވަނީ ނުހަނު މުހިއްމު ފުރުސަތުތަކެއް ކަމަށާއި އެ ފުރުޞަތުތަކުގެ ބޭނުން ހިފާން އެބަ ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވައިފަ އެވެ.

އަދި އެކުވެރިކަން ބަދަހި ވަމުން އަންނަ ދުވެލި މަޑު ވިޔަ ނުދީ ހިފަހައްޓާން ޖެހޭ ކަމަށާއި އަޅުގަނޑުމެންގެ ތާރީޚީ ރަޙްމަތްތެރިކަން އިތުރަށް ހަރުދަނާ ކުރާން ޖެހޭކަން ވެސް ރައީސް ޒިން ގެ ލިޔުއްވުމުގައި ވަނީ ފާހަގަކުރައްވައިފަ އެވެ. އެކިއެކި ދާއިރާތަކުގައި ދެ ޤައުމުގެ އެއްބާރުލުން އިތުރު ކޮށް، ވަރުގަދަ ކުރާން ޖެހޭކަން ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ސީނާއި ދިވެހިރާއްޖޭގެ ގުޅުން މުޅީން އައު އުސްމިނަކަށް ގެންދާން ޖެހޭ ކަމަށެވެ.