ސްރީލަންކާގެ ޔޫޓީއޯ އެޑިއު ކޮންސަލްޓް (ޔޫޓީއޯ) އާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ބޭންކިން އަދި ފައިނޭންސް އާއި ބެހޭ ކޮންފަރެންސެއް ބާއްވަން ނިންމައިފި އެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އިންޑަސްޓްރީ ކޮންފަރެންސް (އެމްއައިބީއެފްއައި) ގެ ނަމުގައި މިމަހު 17 ވަނަ ދުވަހު ކުރިއަށް ގެންދަން ނިންމާފައިވާ އެ ކޮންފަރެންސާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔޫޓީއޯގެ ބޭފުޅަކު ވިދާޅުވީ އެ ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ އެކި އެކި ފަރާތްތަކަށް ވެސް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ކޮންފަރެންސް 17 ވަނަ ދުވަހު ފަށަން ހަމަޖައްސާފައިވީ ނަމަވެސް އޭނާ ވިދާޅުވީ އޭގެ ކުރިން މިމަހު 16 ވަނަ ދުވަހު ކޮންފަރެންސްސާ ގުޅިގެން ދެ ޕްރީ ކޮންފަރެންސް ވޯކްޝޮޕެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެދުވަހު ހެނދުނު 9:00 އިން ފެށިގެން 3:30 އާއި ހަމައަށް އިސްކާމިކް ބޭންކިންއާ ބެހޭ މައުލޫމާތު ދިނުން އޮންނާނެ ކަމަށެވެ. އަދި އެދުވަހުގެ ހަވީރު 3:30 އިން 6:00 އާއި ހަމައަށް މުސްލިމުންގެ ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ބޮޑު މާކެޓެއް ލިބޭނީ ކޮންގޮތަކުންކަން މައުލޫމާތު ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިމަހު 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެ ކޮންފަރެސްންސް ގައި އިސްލާމިކް މިނިސްޓަރާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ފަދަ ފަރާތްތަކުން ބައިވެރިވެ އެވެ.

އެ ކޮންފަރެންސްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ނަން ރަޖިސްޓްރީ ކުރުމަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން މިމަހު 14 އަދި 15 ވަނަ ދުވަހު ހެނދުނު 09:00 އިން 4:30 އަށް އިސްލާމިކް މިނިސްޓްރީގައި ނަން ނޯޓް ކުރެވޭނެ އެވެ. ކޮންފަރެންސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އިސްލާމިކް މިނިސްޓްރީގެ ޖަލްސާކުރާ ހޯލުގަ އެވެ.

ޔޫޓީއޯ އިން ވަނީ ދާދިފަހުން ސްރީލަންކާގައި ވެސް އިސްލާމިކް ބޭންކިން އެންޑް ފައިނޭންސް އާއި ބެހޭގޮތުން ކޮންފަރެންސެއް ބާއްވާފަ އެވެ.