ބަޣްދާދު (ސެޕްޓެމްބަރ 14) : އިރާގުގެ ހަރުކަށި ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް ޖަމާއަތުން ވަގަށްނަގައިގެންއުޅޭ އިނގިރޭސިވިލާތުގެ ރައްޔިތެއްގެ ބޯބުރިކޮށްގެން އޭނާ މަރާލިކަން އެޖަމާއަތުން ހާމަކޮށްފި އެވެ.
މިކަން ހާމަކޮށްފައި ވަނީ އެޖަމާއަތުން އިއްޔެ އިންޓަނެޓްގައި ޝާއިއުކުރި ވީޑިޔޯ ޓޭޕެއްގަ އެވެ. މިޓޭޕްގައި އައިއެސް ޖަމާއަތުން ވަގަށްނަގައިގެން އުޅޭ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ ޑޭވިޑް ހެންޒްގެ ވަޅިއަކުން ކަތިލައި އޭނާ މަރާލުމުގެ ކުރިން އޭނާގެ ގާތިލް ބުނެފައި ވަނީ އައިއެސްއިން މިކަންކުރަނީ އެ ޖަމާއަތާ ދެކޮޅަށް އެމެރިކާ ރުކުރުވާލާ "ޝައިތާނީ" އިއްތިޙާދުގައި ބައިވެރިވުމަށް އިނގިރޭސި ސަރުކާރުން ނިންމުމާ އެކު އެކަމަށް ބަދަލު ހިފުމުގެ ގޮތުން ކަމުގަ އެވެ. އައިއެސް އިން ދާދިފަހުން ވަނީ އެ ޖަމާއަތުން ވަގަށް ނެގި އެމެރިކާގެ ދެ މީހެއް ވެސް ކަތިލާލައިގެން މަރާލާފަ އެވެ.

ޑޭވިޑް ހެންޒްގެގެ ކަރުބުރިކޮށްލުމުގެ ކުރިން އައިއެސްގެ ހަނގުރާމަވެރިޔާ ވަނީ ޑޭވިޑްގެ މަރުގެ ޒިންމާ އުފުލަންޖެހޭނީ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންގެ ސަރުކާރުން ކަމަށް ބުނެފަ އެވެ. ފަލަސްތީނުގެ ކުށެއް ނެތް އާންމުންނާ ދެކޮޅަށް ގަތްލުއާންމުތައް ހިންގުމަށް ފަހު އިސްރާއީލުން ވެސް އެމީހުންގެ މަރުގެ ޒިންމާ އަޅުވަނީ ޙަމާސް ޖަމާއަތުގެ ބޮލުގަ އެވެ. އެހެންކަމުން އައިއެސްއިން ވެސް މީހުންމެރުމާއި ގަތްލުއާންމުތައް ހިންގުމަށް ފަހު އެކަން ޖަސްޓިފައި ކުރަނީ އިސްރާއީލުން މިފަދަ ޖަރީމާތައް ޖަސްޓިފައިކުރާ ގޮތަށެވެ.

އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވަނީ އައިއެސްގެ މިއަމަލު ކުށްވެރިކޮށް މިއީ ބާބެރިޒަމްގެ އަމަލެއް ކަމަށް ސިފަކުރައްވާފަ އެވެ. ނަމަވެސް އިސްރާއީލުން ޣައްޒާ އަށް ހަމަލާދީ ފަލަސްތީނުގެ ދެހާހަށްވުރެ ގިނަމީހުން ޝަހީދުކޮށްލިއިރު ވެސް ކެމެރޮން ވަނީ އެއީ އަމިއްލަ ނަފްސުގެ ދިފާއުގައި އިސްރާއީލުން ހިންގި ކަމެއް ކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އައިއެސްއިން ވަނީ އިނގިރޭސީން އެމެރިކާއާ ބައިވެރިވެގެން އެޖަމާއަތަށް ހަމަލާދޭން ފަށައިފި ނަމަ އެޖަމާއަތުގެ އަތްދަށުގައިވާ އިނގިރޭސި ދެވަނަ މީހާ ވެސް ކަތިލާލާނެ ކަމުގެ އިންޒާރު ދީފަ އެވެ. (ނޫސްއެޖެންސީތައް)