ޗައިނާ އާއި ދިވެހި ރާއްޖޭގެ އެކުވެރިކަމުގެ ނައު މި ވަނީ ރިޔާތައް ކޮށައިލައި، ބާރު ދުވެލީގައި މާކަނޑަށް ނުކުމެފައި ކަމަށް ޗައިނާގެ ރައީސް ޒީ ޖިން ޕިންގް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޗައިނާ އާއި ދިވެހި ރާއްޖޭގެ ގުޅުމާ ގުޅޭ ގޮތުން "ގާތް އެކުވެރީން، އަދި ތަރައްގީގައި ބައިވެރީން"، މި ސުރުޚީގެ ދަށުން އެމަނިކުފާނުގެ އަމިއްލަފުޅު ނަންފުޅުގައި ސަންގެ އިނގިރޭސި އެޑިޝަންގައި މިއަދު ޝާއިއުކުރި ލިޔުމެއްގަ އެވެ.

ޗައިނާގެ ރައީސް ޒީ ޖިން ޕިންގްގެ ލިޔުއްވުމުގައި ވިދާޅުވީ، ސީނުކަރަ އާއި ދިވެހި ރާއްޖެއާ ދެ ޤައުމު ގުޅިގެން ކުރާ މަސައްކަތްތަކާ އެކު، އެ ނައު ދާނީ ޖެހޭ ވަޔާއި ހިނގާ އޮއިގެ ހުރިހާ ތަޙައްދީތަކެއް ބަލި ކުރަމުން ކުރިޔަށް ކަމާ މެދު އެމަނިކުފާނު ފުރިހަމައަށް އިތުބާރު ކުރައްވާ ކަމަށެވެ. އަދި ދިވެހި ރާއްޖެ އާއި ސީނުކަރައިގެ ދަތުރުގެ ކުރިމަގު އޮތީ ނުހަނު އުޖާލާކޮށް ކަމަށް ޔަގީންކުރައްވާ ކަމަށް ވެސް ޗައިނާގެ ރައީސްގެ ލިޔުއްވުމުގައިވެ އެވެ.

އެމަނިކުފާނުގެ ލިޔުއްވުމުގައި ވިދާޅުވެފައިވާ ގޮތުގައި، ސީނުގެ ސެންޓްރަލް ޓެލެވިޜަނުން ތައްޔާރު ކުރި "ފެސިނޭޓިންގް މޯލްޑިވްސް" މި ޕްރޮގްރާމް ސީނުގައި ދެއްކުމާ ގުޅިގެން، ދިވެހި ރާއްޖެއާ މެދު ސީނުގެ ފަތުރުވެރީންގެ ޝައުގުވެރިކަން ވަނީ އެތައް ގުނައެއް ބޮޑު ވެފަ އެވެ. ދިވެހިރާއްޖޭގެ ރުއްތަކާއި ސާފު މޫދާއި ހިމޭން ގޮނޑުދޮށްތައް ދެކެލާން ބޭނުންވާ ސީނީ ފަތުރުވެރީންގެ އަދަދު ވަނީ ނުހަނު ބޮޑުތަން އިތުރު ވެފަ އެވެ. ދިވެހީން ވެސް، ތަންތަން ބަލައިލުމަށާއި ކިޔެވުމަށް ޓަކައި ސީނުކަރަޔަށް ޒިޔާރަތް ކުރުމަކީ ސީނުގެ ސަރުކާރާއި ރައްޔިތުން މަރުޙަބާ ކިޔާ ކަމެއް ކަމަށް އެމަނިކުފާނުގެ ލިޔުއްވުމުގައި ވިދާޅުވެފައިވެ އެވެ.

އަދި ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ވަސީލަތްތައް ހަރުދަނާ ކޮށް، އެއާރލައިންތައް ގުޅިގެން އިތުރު ރޫޓުތައް ތަޢާރަފު ކުރުމަކީ މުހިއްމު ކަމެއް ކަމަށާއި މި ކަންކަން ވެގެން ދިޔުމުން، ދެ ޤައުމުގެ ދެމެދުގައި އެތައް ހާސް މޭލެއްގެ ދުރުމިން ހުއްޓަސް، އަޅުގަނޑުމެންނަށް ގާތްކަމުގެ އިޙުސާސް ކުރެވިގެން ދާނެ ކަމަށް އެމަނިކުފާނުގެ ލިޔުއްވުމުގައި ފާހަގަކުރައްވައިފައިވެ އެވެ.

އެމަނިކުފާނު އިތުރަށް ލިޔުއްވާފައިވާ ގޮތުގައި، ސީނާއި ދިވެހިރާއްޖެ ސިޔާސީ މައިދާނުގައި އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިތުބާރު ހަރުދަނާ ކުރާން ޖެހެ އެވެ. "އެއް ޗައިނާ"ގެ ސިޔާސަތަށް ދިވެހި ސަރުކާރުން ދެއްވާ ތާއީދަށް ޓަކައި، ސީނުގެ ރައްޔިތުން ދިވެހި ސަރުކާރަށް ޝުކުރުވެރިވެ އެވެ. އަދި ސީނުގެ މުހިއްމު މަޞްލަޙަތުތަކާ ގުޅިފައި ހުންނަ މައްސަލަތަކުގައި، ސީނަށް ދެއްވާ މަދަދަށް ޓަކައި ވެސް ޝުކުރުވެރި ވެއެވެ.

އެމަނިކުފާނުގެ ލިޔުއްވުމުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، ސީނު އަބަދުވެސް އޮންނާނީ ދައުލަތްތަކުގެ ހަމަހަމަކަމަށް ގޮވައިލައި، ކުދި ޤައުމުތަކާއި ބޮޑެތި ޤައުމުތަކުގެ މެދުގައި އިމްތިޔާޒުތައް ގެންގުޅުމަށް ދެކޮޅު ހަދާ ދައުލަތެއްގެ ގޮތުގަ އެވެ. މީގެ ކުރިއެކޭ ވެސް އެއްފަދައިން، ސީނު އަބަދުވެސް އޮންނާނީ ދިވެހި ރާއްޖޭގެ ރައްޔިތުން އެމީހުންގެ ޤައުމީ ޙާލަތަށް ބަލައި ރިޢާޔަތް ކޮށްގެން، އެމީހުން އިޚްތިޔާރު ކުރާ ސިޔާސީ ނިޒާމާއި ތަރައްގީގެ މަގުތަކަށް އިޙްތިރާމު ކުރާ އެކުވެރިއެއްގެ ގޮތުގައި ކަމަށް ވެސް ޗައިނާގެ ރައީސް ޒިން ޖިން ޕިންގް ރާއްޖޭގެ މީޑިއާއެއްގައި ފުރަތަމަ ޝާއިއުކުރެއްވި މި ލިޔުއްވުމުގައި ވިދާޅުވެފައިވެ އެވެ.