14 Sep 2014, 09:47
ދަވްޙާ (ސެޕްޓެމްބަރ 14) : ގަތަރުގައި ދިރިއުޅުއްވާ މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސް ބައެއް ލީޑަރުން އެގައުމުން ފުރާވަޑައިގެންފިކަން އެ ޖަމާއަތުގެ އިސް ބޭފުޅަކު ކަށަވަރުކޮށްދެއްވައިފި އެވެ.
މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީގެ ސަރުކާރުގެ އިންޓަނޭޝަނަލް ކޯޕަރޭޝަންއާ ބެހޭ މިނިސްޓަރު އަދި އިޚްވާން ޖަމާއަތުގެ އިސްވެރިއެއް ކަމަށްވާ އަމްރޫ ދުރާޖް ވިދާޅުވީ އިޚްވާން ޖަމާއަތުގެ އިސް ބައެއް ލީޑަރުން އެގައުމުން ފުރާވަޑައިގަތީ ގަތަރު ސަރުކާރުން އެއްވެސް ފިއްތުމެއް ކުރިމަތިކޮށްގެންނޫން ކަމަށާއި އަދި ގަތަރު ސަރުކާރުން ވަކިއެއްޗެއް އަންގައިގެން ވެސް ނޫންކަމުގަ އެވެ. އިޚްވާން ޖަމާއަތުގެ އިސް ބައެއް ލީޑަރުން ގަތަރު ދޫކުރައްވައި އެހެންގައުމަކަށް ފުރާވަޑައިގަތީ އެބޭފުޅުން ގަތަރުގައި ތިއްބަވާތީ ގަތަރުގެ އަވަށްޓެރި ބައެއް ގައުމުތަކުން އެގައުމުގެ ސަރުކާރަށް ކުރިމަތިކުރާ ފިއްތުންތަކުން ގަތަރަށް ލުޔެއް ދިނުމުގެ ނިޔަތުގައި އަމިއްލައަށް ކަމަށް ވެސް އަމްރޫ ވިދާޅުވި އެވެ. ނަމަވެސް ގަތަރު ދޫކުރައްވައި ފުރާވަޑައިގެންނެވި އިޚްވާނުންގެ ލީޑަރުން ވަޑައިގެންނެވި ގައުމެއް އޭނާ ހާމަކުރައްވާފައެއް ނުވެ އެވެ.
ގަތަރުގައި ދިރިއުޅުއްވާ އިޚްވާން ޖަމާއަތުގެ އިސް ބައެއް ލީޑަރުން ދެތިން ހަފްތާ ތެރޭގައި އެގައުމުން ފުރާވަޑައިގަތުމަށް ގަތަރު ސަރުކާރުން އިއްޔެ އެންގި ކަމަށް މީޑިޔާގައި ޚަބަރުތަކެއް ފެތުރިފައިވެ އެވެ. މިޚަބަރުތައް އަމްރޫ ވަނީ ދޮގުކުރައްވާފަ އެވެ. މިސްރުގެ އެންމެ ބޮޑު ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ލީޑަރުންގެ ތެރެއިން ގަތަރުން ފުރާވަޑައިގެންނެވީ ހަތް ބޭފުޅަކު ކަމަށް ޚަބަރުތައް ބުނެ އެވެ. މިލީޑަރުންގެ ތެރޭފައި ޑރ. މުޙައްމަދު މުރުސީގެ ސަރުކާރުގެ އިންޓަނޭޝަނަލް ކޯޕަރޭޝަންއާ ބެހޭ މިނިސްޓަރު އަމްރޫ ދުރާޖް އާއި އިޚްވާން ޖަމާއަތުގެ އިސް ދެ ލީޑަރުން ކަމަށްވާ ޖަމާލް އަބްދުއްސައްތާރާއި މަހްމޫދު ޙުސައިން ހިމެނިވަޑައިގަންނަވާ ކަމަށް މަޢުލޫމާތު ލިބެ އެވެ.
އިޚްވާން ޖަމާއަތަށް ނިސްބަތްވާ ސިޔާސީ ޕާޓީ ކަމަށްވާ ޖަސްޓިސް އެންމެ ފްރީޑަމް ޕާޓީގެ ބައެއް ލީޑަރުން ވެސް މި ހަތް ބޭފުޅުންގެ ތެރޭގައި ހިމެނޭ ކަމަށްވެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ގަތަރު ސަރުކާރުން އިޚްވާން ޖަމާއަތުގެ ލީޑަރުންނަށް ގަތަރު ދޫކުރައްވައި ފުރާވަޑައިގަތުމަށް ނިންމެވީ އެބޭފުޅުން ގަތަރުގައި ތިއްބަވާތީ ސައޫދީ އަރަބިޔާއާއި ޔުނައިޓެޑް އަރަބް އިމަރޭޓްސް އިން ގަތަރު ސަރުކާރަށް ކުރިމަތިކުރާ ފިއްތުންތަކާ ގުޅިގެންނެވެ. އެހެންކަމުން ވިރާޘީ ޢާއިލީ ރަސްކަމެއް ކުރަމުންއަންނަ ސައޫދީ އާއި ޔޫއޭއީގެ ވެރިކަމުގެ ނިޒާމުތަކާ އިދިކޮޅު އެކްޓިވިސްޓުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ ތެރޭގައި ގިނައީ އިޚްވާން ޖަމާއަތުން ގެންގުޅޭ އިސްލާމީ ފިކުރާއި އައިޑިއޮލޮޖީއަށް ތާއީދުކުރާ ފަރާތްތައް ކަމަށް ވާތީ އިޚްވާނުލްމުސްލިމޫން ފިކުރުގެ ޖަމާއަތްތަކާ މެދު މިދެގައުމުން ދެކެނީ އެދެގައުމުގެ ވިރާސީ ރަސްކަމުގެ ނިޒާމްތަކަށް އޮތް ބިރެއްގެ ގޮތުގަ އެވެ.
އިޚްވާން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް މިސްރުގެ އިންގިލާބީ ސަރުކާރުން ނިންމުމުން ސައޫދީ އަރަބިޔާއާއި ޔޫއޭއީ ވަނީ އެކަމަށް މަރްހަބާ ކިޔައި އިޚްވާން ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރަން ފަށާފަ އެވެ. އަދި ސައޫދީ އަރަބިޔާ އާއި ޔޫއޭ އީން އިޚްވާން ޖަމާއަތް ސިފަކުރަމުން ގެންދަނީ ވެސް ޑރ. މުރުސީގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ހުންނެވި މިސްރުގެ މިހާރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ސަރުކާރުން ސިފަކުރާގޮތަށް ދީނުގެ ނަމުގައި ހައްދުފަހަނާފައިވާ ތަކްފީރީ ޖަމާއަތެއްގެ ގޮތުގަ އެވެ. މިގޮތުން އިސްލާމް ދީނުމުގެ ނަމުގައި ބޮންގޮއްވުމާއި އެހެން މީހުން ކާފަރުކުރުމުގެ ތަކްފިރީ ވިސްނުންގެންގުޅޭ އައިއެސް ޖަމާއަތާއި އަލްގާއިދާޖަމާއަތާއި ނައިޖީރިޔާގެ ބޫކޫހަރާމް އާއި ސޮމާލިޔާގެ އައްޝަބާބް ޖަމާއަތް ފަދަ ހައްދުފަހަނަޅާފައިވާ ޖަމާއަތްފަދަ ޖަމާއަތެއްގެ ގޮތުގައި މިސްރާއި އެދެގައުމުން އިޚްވާން ޖަމާއަތް ސިފަކުރަމުން ގެންދެ އެވެ.
ނަމަވެސް އިޚްވާން ޖަމާއަތަކީ އެހެންމުސްލިމުން ކާފަރުންގެ ގޮތުގައި ލޭބަލްނުކުރާ އިސްލާމީ ފިކުރުގެ ސުލްހަވެރިސިޔާސީ ޖަމާއަތެކެވެ. ހަނގުރާމަވެރި ޖަމާއަތެއްނޫނެވެ. އިޚްވާން ޖަމާއަތުންވަނީ އެޖަމާއަތުގެ ވެރިކަން ގަދަބާރުން ވައްޓާލި މިސްރުގެ ސީސީގެ ވެރިކަމާދެކޮޅަށް ވެސް ހަތިޔާރުގައި ހިފައި މިސްރު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވައްޓާލުމަށް ދެކޮޅު ހަދާފަ އެވެ.
މިސްރުގައި މީގެ 80 ވަރަކަށް އަހަރުކުރިން ހަސަނުންބައްނާގެ ގިޔާދަތުގެ ދަށުން އުފެދުނު އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ ފިކުރަކީ އަރަބި އެތަށް ގައުމަކަށް ފެތުރިފައިވާ ސުލްހަވެރި އިސްލާމީ ފިކުރެކެވެ. އިޚްވާން ފިކުރުގެ ސިޔާސީ ޖަމާއަތެއް ނޫނީ އެފިކުރުގެ އެކްޓިވިސްޓުންތަކެއް ނެތް އަރަބި ގައުމެއް ގައުމެއް ވަރަށް މަދުކަމަށްވާ އިރު އަރަބި އެންމެ ބޮޑު ގައުމުތަކަށްވާ މިސްރުގެ ވެރިކަމަށް 2012 ވަނަ އަހަރު އިޚްވާންޖަމާއަތުގެ ލީޑަރެއް ކަމަށްވާ ޑރ. މުޙައްމަދު މުރުސީ އިންތިޚާބުވެވަޑައި ގަތުމުން ސައޫދީ އަރަބިޔާއާއި ޔޫއޭއީ ކަންބޮޑުވެ މުރުސީގެ ވެރިކަމުގައި މިސްރަށް އެއްވެސް އެހީއެއް ދިނުމަށް އެދެގައުމު ވަނީ ފަސްޖެހިފަ އެވެ. އަދި މިސްރުގެ ސިފައިން ގެނައި އަސްކަރީ އިންގިލާބެއްގައި 2013 ވަނަ އަހަރު މުރުސީގެ ވެރިކަން ވައްޓާލުމުން އެކަމަށް އެންމެބޮޑަށް މަރްހަބާކިޔައި މިސްރުގެ އިންގިލާބީ ސަރުކާރަށް އެންމެ ބޮޑު އެހީތެރިކަމެއް ވެސް ފޯރުކޮށްދީފައި ވަނީ އެ ދެ ގައުމުންނެވެ.
މިދެގައުމާ ޚިލާފަށް ގަތަރަކީ ޑރ. މުރުސީގެ ސަރުކާރަށް މާލީ ގޮތުން އެހީތެރިވެ އިޚްވާން ޖަމާއަތުގެ އިސްލާމީ ފިކުރަށް ތާއީދުކުރުމުގެ އިތުރުން މުރުސީއާ ދެކޮޅަށް މިސްރުގެ ސިފައިން ގެނައި އިންގިލާބަށް މަރްހަބާ ކިޔާފައިވާ ގައުމަކަށް ނުވެފާ އިޚްވާން ޖަމާއަތުގެ ސިޔާސީ ބައެއް ލީޑަރުން ގަތަރުގައި ދިރުއުޅުއްވަމުން ގެންދަވާތީ ސައޫދީ އަރަބިޔާއާއި ޔޫއޭއީގެ ފިއްތުންތައް ގަތަރަށްވަނީ ކުރިމަތިވެގެން ގޮސްފަ އެވެ. މިގޮތުން މިއަހަރު ކުރީކޮޅު މިދެގައުމުން ވަނީ ގަތަރުގައި ތިއްބަވާ އެދެގައުމުގެ ސަފީރުން ވެސް ގަތަރުން ގެންގޮސް ގަތަރުގައި ދިރިއުޅުއްވާ އިޚްވާން ޖަމާއަތުގެ ސިޔާސީ ބައެއް ލީޑަރުން ވެސް ގަތަރުން ބޭރުކުރުމަށް ގަތަރު ސަރުކާރަށް ފިއްތުންތައް ކުރިމަތިކޮށްފަ އެވެ.
ގަތަރުގައި ދިރިއުޅުއްވާ މިސްރުގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިސް ބައެއް ލީޑަރުން އެގައުމުން ފުރާވަޑައިގަތުމާ ގުޅިގެން ގަތަރުގެ ސަރުކާ ގުޅުންބޮޑު ނޫސްވެރިއެއް ކަމަށްވާ އަބްދުﷲ ބިން ޙަމަދު އަލްޢަޛްބާ ވިދާޅުވީ އެބޭފުޅުން ގަތަރުން ފުރާވަޑައިގަތުމަށް ގަތަރުގެ ސަރުކާރުން އެއްވެސް ފިއްތުންތަކެއް ކުރިމަތިކޮށްފައިނުވާ ކަމަށާ އެބޭފުޅުން ފުރާވަޑައިގަތީ ގަތަރަށް ކުރިމަތިވާ ފިއްތުންތަކާ ގުޅިގެން ގަތަރަށް ހަމްދަރްދީ ފާޅުކުރުމުގެ ގޮތުން އަމިއްލަފުޅު ހައިސިއްޔަތުން ކަމުގައެވެ. ގަތަރުގައި އުޅުއްވާ އިޚްވާނުންގެ ލީޑަރުން މިސްރުގެ އިންގިލާބީ ސަރުކާރާ އަދި މިހާރުގެ ސީސީގެ ސަރުކާރާ ހަވާލުކުރުމަށް އެދެސަރުކާރުން ކުރިމަސައްކަތްތަކަށްވެސް ގަތަރުން ދެކޮޅުހަދައި އެކަމަށް އިޖާބަ ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. (އަލްޖަޒީރާ)