މާލެ އަތޮޅު ދިއްފުށީ ބަނދަރު ހެނދުމުގެ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ފަށްޓަވައިދެއްވައިފި އެވެ. ރައީސުލްޖުމްހޫރިއްޔާ މި މަސައްކަތް ފަށްޓަވައިދެއްވީ މާލެ އަތޮޅުގެ ބައެއް ރަށްރަށަށް އެމަނިކުފާނު މިއަދު ހެނދުނު ފެއްޓެވި ދަތުރުފުޅުގައި ދިއްފުށްޓަށް ކުރެއްވި ޒިޔާރަތުގަ އެވެ.

ދިއްފުށީ ބަނދަރު ހެދުމުގެ މަސައްކަތް އިފްތިތާޙް ކޮށްދެއްވުމަށް ފަހު، އެ ރަށު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ބޭނުންފުޅަކީ ހަމައެކަނި ބަނދަރެއް ހެދުމެއް ނޫން ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ އަމާޒަކީ، ތަރައްޤީގެ ނާރެސްތަކެއް އުފެއްދުން ކަމުގައި ވިދާޅުވަމުން، ސަރުކާރުން ދިއްފުށީގައި ބަނދަރު ހައްދަވަނީ، ދިއްފުށްޓަކީ ތަރައްޤީއަށް ފަހިވާ އަދި މާލެ އަތޮޅުގެ އެހެން ރަށްރަށާ ގުޅިފައި އޮންނަ ރަށަކަށް އެރަށް ހެއްދެވުމުގެ ބޭނުންފުޅުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

މި ކަންކަމަށް ފަހިކޮށްދޭ އަދި ދިއްފުށްޓާ އެހެން ރަށްރަށް ގުޅުވައިދޭ ނާރެހަކީ ބަނދަރު ކަމަށާއި ބަނދަރު އަޅަނީ ތަރައްޤީކޮށް ބަނދަރަށް ބޭނުންވާ ހުރިހާ ބޭނުންތައް ދެނެގަނެ، އެ ހުރިހާ ބޭނުންތަކެއް ބަނދަރު ބޭނުންކޮށް ފުއްދުމަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. މި ބަނދަރާއެކުގައި، ދިއްފުށީގައި ފެރީޓަމިނަލެއްވެސް މި އަހަރު ތެރޭގައި އެޅޭނެކަން އެމަނިކުފާނު ހާމަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ސަރުކާރުގެ ވަޢުދުތައް ފުއްދެމުން ގެންދެވޭތީއާ އެކު، ދިއްފުށްޓަށް ލިބެމުންދާ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލުމުގެ ވަޢުދުގެ ދަށުން، ދިއްފުށީގެ 146 މީހަކަށް، ކޮންމެ މީހަކަށް މަދަނައިގެ ތެރެއިން އަހަރަކު އެއް ލައްކަ ރުފިޔާގެ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި ޢުމުރުން 65 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށް ސަރުކާރުން ދެއްވާ ޕެންޝަން އެ ރަށުގެ 46 މީހަކަށް ލިބެމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖޭގެ ރަށްރަށް ގުޅާ ލެއްވުމުގެ ވަޢުދުގެ ތެރެއިން، ދިއްފުށި ހިމެނޭ މެދު ދެކުނު ޕްރޮވިންސްގައި، ދަތުރުފަތުރުގެ ޚިދުމަތް ޤާއިމް ކުރެވުނު ފަހުން ދިއްފުށިން 1588 މީހުން ދަތުރަށް އަރައި، އަދި 1701 ފަހަރު ދިއްފުށްޓަށް ދަތުރު ނިންމާފައިވާކަން ވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މި ފަށްޓަވައިދެއްވި ދިއްފުށީ ބަނދަރު ހެއްދެވުމުގެ މަޝްރޫޢުގެ ދަށުން، 21 މިލިއަން ރުފިޔާ ޚަރަދު ކުރައްވައިގެން، ދިއްފުށީ ބަނދަރުގެ ބޭރުގައި ބޮޑު ހިލަޖަހައި، އެތެރޭގައި ރިވެޓްމަންޓް އަޅައި، ފުރިހަމަ ބަނދަރެއް ހެދިގެންދާނެ އެވެ. އަދި އަމާޒު ކުރައްވާފައި ވަނީ، މި އަހަރުގެ ތެރޭގައި މި ބަނދަރުގެ މަސައްކަތް މުޅިން ނިންމުމަށެވެ.