13 Sep 2014, 22:37
އެއްވެސް ފިހާރަކުން އެ ފިހާރައިގެ މުދަލާއި ތަކެތި ފިހާރައިން ބޭރުގައި ނުވަތަ ދުވާރު މަތީގައި ބެހެއްޓޭނީ ގިނަވެގެން ދެގަޑިއިރުކަމަށް ކަނޑައަޅައި "ފިހާރައިން ބޭރުގައި މުދަލާއި ތަކެތި ބެހެއްޓުން މަނާ ކުރުމާ ބެހޭ ގަވާއިދަ"ށް އަމަލުކުރަން ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވާއެ ގަވާއިދުގައި ބުނެފައިވަނީ، ފިހާރައަކުން ނުވަތަ ފިހާރައަކަށް އަރުވާ ބާލައި ނިމެންދެން މަގުމަތީގައި ބަހައްޓަންޖެހޭ ތަކެތި ވެސް ބެހެއްޓޭނީ، އެންމެ ގިނަވެގެން ދެ ގަޑިއިރު ކަމަށެވެ.
އެ ގަވާއިދުގައި ބުނެފައިވަނީ، ގަވާއިދާ ހިލާފަށް ފިހާރައިން ބޭރުގައި މުދާ ބަހައްޓާ ފަރާތްތަކަށް އެ މުދަލެއް އެތަނުން ނެގުމަށް ސިޓީ ކައުންސިލުން އަންގާނެ ކަމަށެވެ. އެގޮތަށް އެންގުމުންވެސް އެ މުދަލެއް ނުނަގައިފިނަމަ އެ މުދާތައް ނެގުމުގެ ބާރު ކައުންސިލަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އެ ގަަވާއިދުގެ ދަށުން، ފިހާރައަކުން ބޭރުގައި ހުރި މުދަލެއް ނަގަން އެންގުމުން، އެ މުދަލެއް ނުނަގައިފިނަމަ 1000 ރުފިޔާ އާއި 5000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން، ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ އެ ފިހާރައަކަށް ދޫކޮށްފައިވާ ވިޔަފާރި ހުއްދަ އެއް އަހަރު ވަންދެން ދޫނުކޮށް ހިފެހެއްޓުމުގެ ބާރުވެސް ސިޓީކައުންސިލަށް ލިބިގެން ވެއެވެ.