13 Sep 2014, 21:59
ޑިއެގޯ ކޮސްޓާގެ ހެޓްރިކާއެކު، 4-2 ލަނޑުން ފަސޭހަކަމާއެކު ސްވަންސީ ސިޓީ ބަލިކޮށް ތިން ޕޮއިންޓުގެ ތާފާތާއެކު އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ އެއްވަނައިގައި ޗެލްސީ ހަމަޖެހިލައިފި އެވެ.
ޗެލްސީގެ ސްޓެމްފޮޑް ބްރިޖްގައި މި ދެޓީމުގެ ކުރިމަތިލުން މިރޭ ފެށި އިރު، ނުވަ ޕޮއިންޓާއެކު ދެޓީމުވެސް އޮތީ ތާވަލުގެ އެންމެ ކުރީގައެވެ. އެހެން ނަމަވެސް މި ނަތީޖާއާއެކު ޗެލްސީއަށް ވަނީ، ލީގުގައި އެޓީމު ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ތިން ޕޮއިންޓުގެ ލީޑެއް ލިބިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ސްވަންސީ ސިޓީ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ
މެޗުގެ 11 ވަނަ މިނިޓްގައި ޗެލްސީގެ ކެޕްޓަން ޖޯން ޓެރީ އަތުން ބައިކޮޅަށް ޖެހުނު ލަނޑާއެކު ސުވަންސީއަށް މެޗުގެ ކުރި ލިބިފައި ވަނިކޮށް ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ޗެލްސީއަށް ނަތީޖާ ހަމަހަމަކޮށްދިނީ، އޮފްސީޒަންގައި ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑުން ޗެލްސީއާ ގުޅުނު ބްރެޒިލް އަށް އުފަން ސްޕެއިން ފޯވާޑް ކޮސްޓާ އެވެ.
ކޮސްޓާ ވަނީ، މިރޭ ކާމިޔާބުކުރި ތިން ލަނޑާ އެކު، ޗެލްސީއަށް އޭނާ މިހާތަނަށް ކުޅުނު ޕްރިމިއާ ލީގުގެ ހަތަރު މެޗުގައި ހަތް ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ލީގުގައި ކުޅުނު ހުރިހާ މެޗެއްގައި ވެސް ވަނީ ލަނޑު ޖަހައިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ސްވަންސީ ސިޓީ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ
ދެވަނަ ހާފު ފެށިގެން 11 ވަނަ މިނިޓްގައި ކޮސްޓާ ވަނީ، ލަނޑެއް ޖަހައި ޗެލްސީއަށް މެޗުގެ ކުރި ހޯދައިދީފައެވެ. އަދި، އޭގެ 10 މިނިޓް ފަހުން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ހެޓްރިކް ހަދާފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ސްވަންސީ ސިޓީ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ
ޗެލްސީގެ ހަތަރު ވަނަ ލަނޑު އެޓީމަށް ޖަހައިދިނީ، ފަހު ހާފުގައި ހެޓްރިކް ހީރޯ ކޮސްޓާގެ ބަދަލުގައި ކުޅެން އެރި ފްރާންސް ފޯވާޑް ލޮއިކް ރެމީއެވެ. މިއީ މިދިޔަ ޓްރާންފާގައި ޗެލްސީއާ އަލަށް ގުޅުނު ރެމީ ޗެލްސީއަށް ކުޅުނު ފުރަތަމަ މެޗެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީއާ ސްވަންސީ ސިޓީ ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ
ސުވަންސީގެ ދެވަނަ ލަނޑު މެޗުގެ 86 ވަނަ މިނިޓްގައި އެޓީމަށް ޖަހައިދިނީ، ވިލްފެރެޑް ބޯނީ ތަނަވަސްކޮށްދިން ފުރުސަތަކުން ޖޮންޖޯ ޝެވްލީއެވެ.