13 Sep 2014, 21:14
ސަޖިއޯ އަގުއެރޯ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ކުރި ހޯދާފައި ވަނިކޮށް ޖެކް ވިލްޝެއާ އާއި އެލެކްސިސް ސަންޗޭޒް އާސެނަލް ކޮޅަށް މެޗު އަނބުރާލި ނަމަވެސް މެޗުގެ ފަހު 10 މިނިޓް ތެރޭގައި މާޓީން ޑެމިކޭލިޝް ބޮލުން ޖަހައި އާސެނަލްގެ ގޯލަށް ވައްދާލި ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަވެ، ޗެމްޕިއަން މެންޗެސްޓާ ސިޓީ އާސެނަލް އަތްދަށު ނުވެ ސަލާމަތް ވެއްޖެ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ކުޅެ 2-2 މެންޗެސްޓާ ސިޓީ އެއްވަރުވި މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގެ 28 ވަނަ މިނިޓްގައި އަގުއެރޯ ސިޓީއަށް ކުރިހޯދައިދީ އެއް ލަނޑުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފުގައި އާސެނަލްގެ ކުޅުން ވަރުގަދަކޮށް ފެނިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، 63 ވަނަ މިނިޓްގައި ވިލްޝެއާ ވަނީ، އާސެނަލްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ކުޅެ 2-2 މެންޗެސްޓާ ސިޓީ އެއްވަރުވި މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ
މެންޗެސްޓާ ޔުނައިޓެޑުން ނިމިދިޔަ ޓްރާންސްފާގައި އާސެނަލާ ގުޅުނު، އިނގިރޭސި ފޯވާޑް ޑެނީ ވެލްބެކް ވަނީ، ފުރަތަމަ ފަހަރަށް އާސެނަލްގެ ޖާޒީގައި މިރޭ މެޗަށް ނުކުމެފައެވެ. ފުރަތަމަ މެޗުގައި ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ވެލްބެކްގެ ފަރާތުން އުންމީދީ ކުޅުމެއް އާސީން ވެންގާގެ ޓީމުގައި ވަނީ ފެނިގެން ގޮސްފައެވެ. ހަމަ އެހެންމެ މެނުއަލް ޕެލެގްރިނީ ވަނީ، ސިޓީއަށް އަލަށް ގުޅުނު ޗެލްސީގެ ކުރީގެ އިނގިރޭސި މިޑްފީލްޑަރު ފްރޭންކް ލަމްޕާޑަށް ވެސް ފުރުސަތުދީފަ އެވެ. އެހެން ނަމަވެސް ޗެލްސީއަށް ދެއްކިފަދަ މޮޅުކުޅުމެއް ލަމްޕާޑު ސީޓީއަށް ކުޅުނު ފުރަތަމަ މެޗުގައި ދެއްކިފައެއް ނުވެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ކުޅެ 2-2 މެންޗެސްޓާ ސިޓީ އެއްވަރުވި މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ
އާސެނަލްއަށް މެޗުގެ ކުރި ހޯދައިދިން ލަނޑު ސަންޗޭސް ކާމިޔާބުކުރީ، ،މެޗުގެ 74 ވަނަ މިނިޓްގައެވެ. ސިޓީގެ ގޯލާ ދިމާއަށް ދިޔަ ބޯޅައެއް ކެޕްޓަން ވިންސެންޓް ކޮމްޕެނީ، ބޮލުން ޖަހައި ދުރަށް ފޮނުވާލި ބޯޅަ ވިލްޝެއާ ދެވަނަ ފަހަރަށް ގޯލަށް ފޮނުވާލުމުން ބޯޅަ ގޯލްގެ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ސަންޗޭޒް ވަނީ އޭނާގެ ހުނަރު ދައްކާލައި، ބޯޅަ ގޯލްތެރެއަށް ފޮނުވާލައިފައެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާ ދެކޮޅަށް ކުޅެ 2-2 މެންޗެސްޓާ ސިޓީ އެއްވަރުވި މެޗުގެ ތެރެއިން -- ފޮޓޯ: އޭޕީ
މި ސީޒަންގެ ޕްރިމިއާ ލީގުގައި އާސެނަލް ކުޅުނު ފުރަތަމަ މެޗުން ކްރިސްޓަލް ޕެލަސް އަތުން 2-1 ލަނޑުން މޮޅުވި ފަހުން ލީގުގައި އެންމެ ފަހުން ކުޅުނު ދެމެޗުން ވެސް އެއްވަރުވެ މޮޅަކަށް އެދިއެދި ހުރި، ވެންގާގެ އުންމީދު ފެނަށް ދުއްވާލި ލަނޑު ސިޓީގެ އާޖެންޓީނާ ޑިފެންޑަރު ކާމިޔާބުކުރީ މެޗުގެ 83 ވަނަ މިނިޓްގައެވެ.
މިނަތީޖާއާއެކު ލީގުގައި އާސެނަލް މިހާރު އޮތީ ހަތަރު މެޗު ކުޅެގެން ލިބުނު ހަ ޕޮއިންޓާއެކު ތާވަލުގެ އަށް ވަނައިގައެވެ. އަދި ސިޓީ އޮތީ ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައިގައެވެ.