ރާއްޖެ އަށް މުދާ އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމުގެ ހުއްދަ ދީފައިވާ ފަރާތްތަކުގެ ތެރެއިން މީރާ އަށް ފައިސާ ނުދައްކާ ފަރާތްތަކުގެ މުދާ ކަސްޓަމްސް އަށް ހިފެހެއްޓޭނެ ކަމަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމް ކޮށްފައި މިވަނީ ގއ. ކޮލަމާފުށީ މަރިޔަމްމާގޭ ފުއާދު ޒާހިރު މީރާ އަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި ހުރުމުގެ ސަބަބުން އޭނާ އެތެރެކުރި މުދާ ކަސްޓަމްސް އިން ހިފެހެއްޓުމުން އެ މުދާ ދޫކޮށް ދިނުމުގެ އަމުރަކަށް އެދި ފުއާދު ހުށަހެޅި މައްސަލައިގެ ހުކުމް އިއްވަމުންނެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މުދާ އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުމުާއި ރީ އެކްސްޕޯޓް ކުރުމުގެ ގަވާއިދުގެ ހަތަރު ވަނަ މާއްދާގެ (ށ)ގެ ދަށުން މުދާ އެކްސްޕޯޓް ކުރުމާއި އިންޕޯޓް ކުރުމުގެ ހުއްދަ އޮންނަ ފަރާތަކުން މީރާ އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ނަމަ އެ ނުދައްކާ މުއްދަތުގައި އެ ފަރާތަކުން މުދާ އިމްޕޯޓް ކުރުމާއި އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން ހުއްޓުވުމުގެ ބާރު ކަސްޓްމްސް އަށް ލިބިގެންވާ ކަަމަށެވެ. އެހެން ކަމުން ކަސްޓަމްސް އިން ފުއާދުގެ މުދަލުގެ ޑިކްލެރޭޝަން ޕްރޮސެސްކޮށްދީފައި ނުވަނީ ގާނޫނީ އިމުގެ ތެރެއިން ކަަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅާފަ އެވެ.

ކަސްޓަމްސްއާ ދެކޮޅަށް ފުއާދު ހުށަހެޅި މައްސަލަ އަށް ހުކުމް އިއްވަމުން ސިވިލް ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ ފުއާދު ރާއްޖެ އަށް އަށް ގެންނަ މުދާ އެތެރެކުރުން ވަގުތީ ގޮތުން ހުއްޓުވޭ ހުއްޓުވުމަކުން ފުއާދަށް ލިބޭ ގެއްލުމުގެ ޒިންމާ ކަސްޓަމްސް އިން އުފުލަން ޖެހޭނެ އެއް ވެސް ގާނޫނީ ހަމައެއް ނެތް ކަަމަށެވެ. އެހެން ކަމުން ފުއާދު ޒާހިރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަސްޓަމްސްގެ ކިބައިން ހޯދުމަށް ފުއާދުގެ ދައުވާގައި އެދިފައިވާ ފައިސާ ކަސްޓަމްސްގެ ކިބައިން ފުއާދަށް ނަގައިދޭނެ ތަނެއް ނެތް ކަމަށް ވެސް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސިވިލް ކޯޓުންކުރި ހުކުމުގައި ބުނެފައިވާ ގޮތުން ރާއްޖެ އަށް އިމްޕޯޓްކުރާ މުދާ އިމްޕޯޓް ކުރާ ވަގުތުން ފެށިގެން އެ މުދަލެއް ދޫކޮށް ނިމެންދެން ނުވަތަ ކަސްޓްމްސްގެ އެހެންވެސް އިޖުރާތުތައް ފުރިހަމަކޮށް ނިމެންދެން އެ މުދަލެއް ކަސްޓްމްސްގެ ފުރިހަމަ ކޮންޓްރޯގެ ދަށުގައި ބެހެއްޓުމުގެ ބާރު ކަސްޓްމްސްގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ހ) ދަށުން ކަސްޓަމްސް އަށް ލިބިގެންވާ ކަމަށެވެ. އެހެން ކަމުން އެފަދައިން ކަސްޓަންސްމްގެ ކޮންޓްރޯލްގެ ދަށުގައި ބަހައްޓާފައި ހުންނަ މުދާ އެއީ ދައުލަތަށް ނެގުން ނުވަތަ މީހެއްގެ މުދަލެއް ދައުލަތުން ހިފުން ކަަމށް ނުބެލެވޭނެ ކަަމށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.