13 Sep 2014, 16:55
އެމެރިކާގެ ނިއުޔޯކްގައި ހުރި ވޯލްޑް ޓްރޭޑް ސެންޓަރު ނުވަތަ ޓްވިން ޓަވަރަށް 2001 ވަނަ އަހަރު ހަމަލާދީ އެތަން ބިމާ ހަމަކޮށްލި ހާދިސާއާ ގުޅިގެން އެ ގައުމުގެ ސަރުކާރުން ތައްޔާރުކޮށްފައިވާ ރިޕޯޓެއްގެ ބޮޑު ބައެއް އަދިވެސް އޮތީ ސިއްރުކޮށްފަ އެވެ.
އެ ހާދިސާއާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓްގެ 28 ސަފްހާއެއް މުޅިން ސިއްރުކޮށްފައި އޮތް އޮތުން ނައްތައިލުމަށް ހާދިސާގައި މަރުވި ބައެއް މީހުންގެ އާއިލާތަކުން އަންނަނީ އެދެމުންނެވެ.
އަލްޖަޒީރާގައި ބުދަ ދުވަހު ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ސިއްރުކޮށްފައިވާ ސަފުހާތަކުގައި ވަނީ 11/9 ހަމަލާ އަށް އެހީތެރިވީ ގައުމެއް ނުވަތަ ގައުމުތަކަކާ ބެހޭ މައުލޫމާތެވެ. އަދި އެ ސަފުހާތައް ރައްކާކޮށްފައި ވަނީ އެމެރިކާގެ ސެނެޓްގެ އިންޓެލިޖެންސް ކޮމިޓީގަ އެވެ. އަދި އެ ސަފުހާތައް ކޮންގްރެސްގެ މެމްބަރުންނަށް ވެސް ކިއުމުގެ ފުރުސަތު ލިބެނީ ހައުސް އެންޑް ސެނެޓް އިންޓެލިޖެންސް ކޮމިޓީގެ ވެރިންގެ ހުއްދަ ލިބިގެން ކަމަށާއި އެގޮތުން ކިޔާ އިރު ވެސް މައުލޫމާތުތައް އާއްމު ނުވާނެކަން ކަށަވަރުކުރާ ކަމަށް ވެސް އަލްޖަޒީރާގެ ރިޕޯޓްގައި ބުނެފައިވެ އެވެ.
އެމެރިކާ ސަރުކާރުން އެލިއުންތައް ސިއްރު ކުރަނީ އެގައުމުގެ ހާރިޖީ ގުޅުންތަކަށް އަސަރެއް ކޮށްފާނެ ކަމުގެ ބަހަނާގަ އެވެ. ނަމަވެސް އެ ސަފުހާތައް ލިއުމުގައި އިސްކޮށް އުޅުނު އެކަކު ކަމަށްވާ ބޮބް ގްރަހަމް ވަނީ 11/9ގެ ހާދިސާއާ ސައުދީ އަރަބިއްޔާއާ ގުޅުމެއްވާކަން ފާޅުގައި ތުހުމަތުކޮށްފަ އެވެ. ގްރަހަމްއަކީ އެމެރިކާގެ ސެނެޓުން އެހާދިސާ ތަހުގީގު ކުރި އިރު އެކަމުގައި ބައިވެރި ސެނެޓަރެކެވެ.
އޭނާގެ ތުހުމަތާ ގުޅިގެން އެމެރިކާގައި އޭރު ހުންނެވި ސައުދީ އެމްބެސެޑަރު އަދި ފަހުން އެގައުމުގެ ޖާސޫސީ އިދާރާގެ ވެރިކަން ވެސް ކުރެއްވި ޕްރިންސް ބަންދަރު ބިން ސުލްތާން ވަނީ 2003 ވަނަ އަހަރު އެކަން ދޮގު ކުރައްވައިފަ އެވެ.
ސިއްރުކޮށްފައިވާ ސަފުހާތައް ހާމަކުރުމަށް އެމެރިކާ ރައްޔިތުންގެ އިތުރުން ސައުދީ އަރަބިއްޔާ އިން ވެސް ވަނީ ގޮވާލާފަ އެވެ.