19 Jan 2011, 14:13
މޯލްޑިވިސް ޕޯސްޓު ލިމިޓެޑުގެ ހުރިހާ މުވައްޒަފުންގެ ފުޑް އެލަވަންސް އާއި ހާޒިރީ އެލަވަންސް މި މަހުން ފެށިގެން ނުދޭ ގޮތަށް ހަމަޖައްސައިފި އެވެ.
އެކުންފުނިން ވަނީ މިކަން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.
މޯލްޑިވިސް ޕޯސްޓު ލިމިޓެޑުގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ސަލްވާ ޝަފީގު މިއަދު ވިދާޅުވީ، މާލެ އާއި އަތޮޅުތަކުގެ ތެރޭގައި މަސައްކަތްކުރާ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ފުޑް އެލަވަންސް އާއި ހާޒިރީ އެލަވަންސް ކަނޑާލުމަށް ނިންމީ އެ ކުންފީގެ ބޯޑުން ކަމަށެވެ.
"އެންމެ ދަށުން ފެށިގެން މަތީ ފަންތީގެ ބޭފުޅުންގެ އެލަވްންސްތައް ވެސް ކަނޑާލައިފައި ވަނީ. ވަކި ބަޔަކަށް ހާއްސަކޮށްގެނެއް ނޫން. މިތަނާއި މުވައްޒަފުން އަޕް ގުރޭޑް ކުރުމަށް ފައިސާ ބޭނުން ކުރާނީ. މި އެލަވަންސް އަކީ އަޅުގަނޑުމެން އަމިއްލައަށް ދެމުން ގެންދިޔަ އެލަވަންސެއް." ސަލްވާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުވައްޒަފުންގެ އެލަވަންސްތައް އަލުން އިއާދަ ކުރާނީ އެ ކުންފުންޏަށް ކުރިއަށް އޮތްތަނުގައި ލިބޭ ފައިދާ އަށް ބެލުމަށްފަހުގައި ކަމަށެވެ.
ޕޯސްޓް ލިމިޓެޑުގެ މުވައްޒަފަކަށް ފުޑް އެލަވަންސްގެ ގޮތުގައި މަހަކު 450 ރުފިޔާ ލިބެ އެވެ. އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 10 ރުފިޔާ ލިބެ އެވެ.
ޕޯސްޓު ލިމިޓެޑުގައި މަސައްކަތް ކުރާ މުވައްޒަފަކު ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މިއަދު ބުނީ އެލަވަންސްތައް ކަނޑާލުމާ ގުޅިގެން ގިނަ މުވައްޒަފުންތަކެއް ތިބީ ހިތްހަމަ ނުޖެހިފައި ކަމަށެވެ. އަދި އެލަވަންސް ކަނޑާލުމާ ގުޅިގެން މުވައްޒަފުން ހާޒިރީ އަށް ސަމާލުކަން ދިނުން ވެސް ކުޑަވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެލަވަންސްތައް ކަނޑާލި ކަމުގެ ނޯޓިސް ދިނީ މިދިޔަ ބުރާސްފަތި ދުވަހު. އާދީއްތަ ދުވަހު 25 މުވައްޒަފުން ހާޒިރު ނުވޭ. އެންމެވެސް ތިބީ ހިތްހަމަ ނުޖެހިފައި، މިކަމާ. މިއޮތް މުސާރަ ކުޑަ ތަނުގައި އަނެއްކާވެސް އެ ކަނޑާލީ ބައެއް." އޭނާ ބުންޏެވެ.
ޕޯސްޓް ލިމިޓެޑްގައި 180 މުވައްޒަފުން މަސައްކަތްކުރާ ކަމަށް އެ ކުންފުނިން ބުނެ އެވެ.