13 Sep 2014, 16:17
މާލޭ ސިޓީ ކައުންސިލުން ފާސްނުކޮށް މާލޭގައި އިޝްތިހާރެއް ބެހެއްޓުމާއި ހަރުކުރުން މަނާކުރާ ގަވާއިދެއް އެ ކައުންސިލުން ނެރެފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި "މަގުމަތީގައި އިއުލާނާއި އިޝްތިހާރު ހަރުކުރުމާބެހޭ ގަވާއިދު"ގައި ބުނެފައި ވަނީ، އާންމު ތަންތަނުގައި އެއްވެސް ބާވަތެއްގެ އިއުލާނެއް ނުވަތަ އިޝްތިހާރެއް ބަހައްޓައި ނުވަތަ ހަރުކުރަން ވާނީ އެ ކައުންސިލަށް ހުށަހަޅައި ފާސްކުރުމަށް ފަހު ކަމަށެވެ.
އެ ގަވާއިދުގެ ދަށުން ސަރުކާރުގެ އިމާރާތްތަކުގައާއި ސަރުކާރުގެ ތަންތަނާއި މަގުމަތީ ފާރުގައާއި މަގުހުރަހަށް ހުންނަ ތަންތަނުގައި އެ އިދާރާއެއްގެ ބޭނުމަށް ނުނީ އިޝްތިހާރު ހިއްޕުމަކީ މަނާ ކަމެކެވެ.
މީގެ އިތުރުން، މިސްކިތްތަކުގައި ތިބޭ މީހުންނަށް ފެންނަ ގޮތަށް އެކިއެކި ތަސްވީރު ހުންނަ އިއުލާނާއި އިޝްތިހާރު ހަރުކުރުމާއި އެއްވެސް ބާވަތެއްގެ އިޝްތިހާރެއް މަގުމައްޗަށް އެޅުމަކީ ވެސް އެ ގަވާއިދުގެ ދަށުން މަނާކަމެކެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އަމަލުކުރަން ފަށާފައިވާ އެ ގަވާއިދުގެ ދަށުން، ސިޓީ ކައުންސިލުން ފާސްނުކޮށް، އަދި މަނާތަންތަނުގައި އިޝްތިހާރު ހިއްޕާ ނަމަ 500 ރުފިޔާ އާއި 5000 ރުފިޔާއާ ދެމެދުގެ އަދަދަކުން އެފަދަ ބަޔަކު ޖޫރިމަނާ ކުރެވެ އެވެ.
މި ގަވާއިދުގެ ދަށުން ޖޫރިމަނާ ކުރުމަށް ފަހު ވެސް އެކަމެއް އިސްލާޙު ނުކޮށް، ނުވަތަ އިޝްތިހާރެއް ނުނަގައިފި ނަމަ، ކައުންސިލްގެ އިދާރާ އިން އެ އިޝްތިހާރެއް ނަގާނެ ކަމަށާއި އަދި ނެގުމަށް ހިނގި ހަރަދު އެ އިޝްތިހާރެއް ބެހެއްޓި ފަރާތަކުން ކައުންސިލަށް ދައްކަން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.