ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެން ކުރީގެ ރައީސް އަލްމަރުހޫމް އިބްރާހީމް ނާސިރުގެ މައްޗަށް ސާވިތުވެފައިވާ 2،570،088.56 އެމެރިކާ ޑޮލަރުގެ ދަރަނި އަދާކުރުމުން ނޫނީ އެމަނިކުފާނުގެ ނަމުގައި ހުރި ފައިސާ އާއި ތަންތަނުގެ މިލްކުވެރިކަން ވާރިސުންނަށް ނަގުލުކޮށްދެވެން ނެތް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމްގައި ވަނީ ރައީސް ނާސިރުގެ ޕެންޝަން ފައިސާގެ ގޮތުގައި ހުރި 1،921،312.39 ރުފިޔާ އާއި އެމަނިކުފާނުގެ ނަންފުޅުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގައި ހުޅުވާފައިވާ އެކައުންޓުގައި ހުރި 3000 ރުފިޔާއާ އެކު ޖުމްލަ 1،924،312.39 ރުފިޔާ ވަނީ އެ ކޯޓް އެކައުންޓަށް ޖަމާކޮށްފައި ކަމަށެވެ.

އެ ފައިސާގެ އިތުރުން އެމަނިކުފާނުގެ ނަންފުޅުގައި ރަޖިސްޓްރީކޮށްފައިވާ ހ. ކްރެސެންޓް 8 ނަމަކަށްކިޔާ އަމިއްލަ ގޯތީގެ ބިމާއި ނުއުފުލޭ މުދަލާއި އެ މަރުހޫމްގެ ނަންފުޅުގައި ރަޖިސްޓްރީކޮށްފައިވާ މެދުޒިޔާރަތްމަގު6 ނަކަމަށް ކިޔާ ގޯތީގެ ބިމާއި ނުއުފުލޭ މުދަލަކީ އެމަނިކުފާނުގެ ތަރިގައިގެ ގޮތުގައި ހިމެނި ބަހަން ހުރި ތަކެތި ކަމަށް ސިވިލް ކޯޓުގެ ހުކުމްގައިވެ އެވެ.

އެމަނިކުފާނު ދިވެހި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 2،570،088.56 އެމެރިކާ ޑޮލަރު ދައުލަތަށް ދައްކާފައިނުވާ ކަން ހައިކޯޓުން ކުރި ހުކުމަކުން ސާބިތުވާތީ އެ ދަރަނި އަދާކުރުމުން ނޫނީ އެމަނިކުފާނުގެ ނަންފުޅުގައި ހުރި ފައިސާއާއި ތަންތަނުގެ މިލްކުވެރިކަން ނަގަލުކުރުމަށް ޝަރީއަތަށް ހުށަހެޅުމުގެ ހައްގު ލިބިގެން ނުވާ ކަމަށް އެ ހުކުމްގައިވެ އެވެ.

ރައީސް ނާސިރު އަވަހާރަވި އިރު ވާރިސުންގެ ގޮތުގައި ދުނިޔޭގައި ތިއްބެވީ ދެ ފިރިހެން ދަރިކަލުން ކަމިގައިވާ ގ. ސޯސަން އަބީރު އަހްމަދު ނާސިރު އާއި އިސްމާއީލް ނާސިރުގެ އިތުރުން އަންހެން ދަރިކަނބަލުން އާއިޝަތު ނާސިރާ އެވެ.