ނިމިދިޔަ ސަމާ ޓްރާންސްފާގައި ބޮޑެތި ކްލަބުތަކުން ރަނގަޅު ހުށަހެޅުންތަކެއް ލިބިގެން ދިޔަ ކަމަށާއި، އެހެން ނަމަވެސް ފައިސާއަށްޓަކައި، ކްލަބް ދޫކޮށް ނުދާނޭ ކަމަށް އެތުލެޓިކޯ މެޑްރިޑްގެ އުރުގުއާއި ޑިފެންޑަރު ޑިއެގޯ ގޯޑިން ބުނެފި އެވެ.

ކޯޗު ޑިއެގޯ ސިމިއޯނީގެ ތައުރީފްގެ ބަސްތައް ރައްދުވެފައިވާ، ގޯޑިން ބުނީ، ބޮޑެތި ހުށަހެޅުންތައް ލިބުނު ކަމުގައިވީ ނަމަވެސް ކްލަބްގެ ފަރާތުން ލިބޭ ލޯބި އޭނާއަށް މާ މުހިއްމު ކަމަށެވެ. އެހެން ކަމުން ބޮޑު މުސާރައަކަށްޓަކައި އޭނާ ކްލަބް ދޫކޮށްފައި ނުދާނެ ކަމަށެވެ.

" މި އަހަރު ތެރޭގައި އަހަންނަށް ވަރަށް ރަނގަޅު ހުށަހެޅުންތައް ލިބުނު. އެކަމަކު ޑިއެގޯ ސިމިއޯނީގެ އެހީތެރިކަމާއި.... މި ކްލަބަށް އަހަރެންގެ ހިތުގައި އޮތް ލޯބީގެ ސަބަބުން މިތަން ދޫކޮށް ދިއުމަކީ ވަރަށް އުނދަގޫ ކަމެއް،" އުމުރުން 28 އަހަރުގެ ޑިފެންޑަރު ބުންޏެވެ.

މިދިޔަ ސީޒަންގެ ލީގުގެ އެންމެ ފަހު ދުވަހު ބާސެލޯނާ ކޮޅަށް އެތުލެޓިކޯއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ގޯޑިން ކާމިޔާބު ކުރުމުން އޭނާ ވަނީ، ކްލަބުގެ މަޝްހޫރު ޝަހުސިއްޔަތަކަށް ވެފައެވެ. ސަބަބަކީ، އެ ލަނޑުގެ ސަބަބުން ވޭތުވެ ދިޔަ 18 ވަރަކަށް އަހަރުގެ ތެރޭގައި އެތުލެޓިކޯއަށް ވަނީ، ސްޕެއިން ލީގު ތަށި ފުރަތަމަ ފަހަރަށް އުފުލައިލުމުގެ ޝަރަފު ލިބިފައެވެ.

ސްޕެނިޝް ލީގުގައި ޗެމްޕިއަން އެތުލެޓިކޯ ރާއްޖޭގަޑިން މިރޭ 11 ޖަހާއިރު ނުކުންނާނީ، ވާދަވެރި ރެއާލްގެ ދަނޑުގައި އެޓީމާ ދެކޮޅަށެވެ. "ސުޕަރ ކޮޕާ ޑި އެސްޕާނާ" ކާމިޔާބުކޮށް މި ސީޒަންގައި ރެއާލްގެ މައްޗަށް އެއްފަހަރު ކުރި ހޯދާފައިވާ، އެތުލެޓިކޯގެ ޑިފެންޑަރު ގޯޑިން ބުނީ، މިރޭގެ ކުރިމަތިލުން ވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"އަހަރެމެންގެ ވިސްނުން ހުރީ ހުރިހާ މެޗަކުން ވެސް މޮޅުވާން. އެކަމަކު އަހަރެމެންނަށް އެނގޭ އަހަރެމެން މި ކުރިމަތިލަނީ ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި އެޓީމާކަން،" ގޯޑިން ބުންޏެވެ.