13 Sep 2014, 10:43
ބްރެޒިލް ޓީމުގެ ކެޕްޓަންކަން ކުރަން ފުރިހަމައަށް ތައްޔާރު ވެފައި ހުރި ކަމަށާއި އެ ޓީމުގެ އާ ކޯޗާ ޑުންގާއާ ގުޅިގެން ބްރެޒިލަށް ރަނގަޅު ކާމިޔާބުތަކެއް ހޯދޭނެ ކަމުގެ ޔަގީންކަން އޮތްކަމަށް ޒުވާން ފޯވާޑް ނޭމާ ބުނެފި އެވެ.
މިދިޔަ ހަފްތާގެ ހުކުރު ދުވަހު ކޮލަމްބިޔާއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ބްރެޒިލް މޮޅު ހޯދާފައިވާއިރު ހަމަ އެ ނަތީޖާ ވަނީ އަންގާރަ ދުވަހު ނިއު ޖާޒީގައި އިކުއެޑޯއާ ދެކޮޅަށް ކުޅުން މެޗުގައި ވެސް ނެރެފައެވެ.
ނޭމާ ބުނީ އޭނާ ޒުވާން ކަމަށާއި އެހެން ނަމަވެސް އޭނާއަށް އެނގޭ އެއްޗެއް އެނގުނު ވަރަކުން އެހެން ކުޅުންތެރީންނަށް ކިޔައިދޭނެ ކަމަށެވެ.
"އަހަރެން އަދިވެސް ވަރަށް ޒުވާން. މި ޓީމުގައި އެންމެ ޅަ ކުޅުންތެރިންގެ ތެރެއިން އެކަކު އަހަންނަކީ. ވަރަށް އުފާވޭ ކެޕްޓަނަކަށް ކުޅެވޭނެތީ. މިވީ ހަތަރު އަހަރުގައި އަހަރެންނަށް ވަރަށް ގިނަ އެއްޗެހި ދަސްވެއްޖެ. ވީ ވަރަކުން އެހެން ކުޅުންތެރިންނަށް އަހަރެންނަށް އެނގޭ އެއްޗެހި ކިޔައިދޭނަން،" ނޭމާ ބުންޏެވެ.
ނޭމާ ބުނީ އުނދަގޫ ދެ މެޗެއް ކުޅެފައިވާ އިރު އެ ދެ މެޗުން ވެސް މޮޅުވެފައިވާތީ އެކަމާ އުފާ ކުރާ ކަމަށެވެ.
"އަހަރެންނަށް ހީވަނީ ނަތީޖާ ރަނގަޅުހެން. ވަރަށް އުނދަގޫ ދެެމެޗު މި ކުޅެވުނީ. އެކަމު މޮޅުވެފައިވާތީ ވަރަށް ބޮޑަށް އުފާވެ. ވަރަށް ޕޮސިޓިވްކޮށް މި ބަލަނީ،" ނޭމާ ބުންޏެވެ.