13 Sep 2014, 10:26
ވޮޝިންޓަން (ސެޕްޓެމްބަރ 13) : އެބޯލާ ވައިރަސްގެ ސަބަބުން އެފްރިކާގެ ހުޅަނގުގެ ބައެއް ގައުމުތަކުގެ އިގްތިސާދީ ކުރިއެރުން ދަށަށްދާން ފަށާފައިވާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފި އެވެ.
އައިއެމްއެފްގެ ތަރްޖަމާން މިލް މޮރާއި ވިދާޅުވީ އެބޯލާ ފެތުރެމުން ދިޔުމުގެ ސަބަބުން އެފްރިކާގެ ހުޅަނގުގެ ދެގައުމު ކަމަށްވާ ލައިބީރިޔާ އާއި ސީރަލިޔޯންގެ އިގްތިސާދީ ކުރިއެރުން 3.5 އިންސައްތަ އަށް ދަށަށް ދާނެ ކަމަށް ބެލެވިފައިވާ ކަމަށާއި ގިނީގެ އިގްތިސާދީ ކުރިއެރުން ވެސް 1.5 އިންސައްތަ އަށް ދަށަށްދާނެ ކަމަށް އަންދާޒާ ކުރެވިފައިވާ ކަމުގަ އެވެ.
ފަރުވާއެއް ހޯދިފައިނުވާ އެބޯލާ ވައިރަސް ޖެހުމުގެ ސަބަބުން ސީރަލިޔޯންއާއި ލައިބޯރިޔާއާއި ގިނީގައި އެތައް ހާސްބަޔަކު މަރުވެފައިވާ އިރު މިކަމުގެ ސަބަބުން މި ތިން ގައުމަށް ތިން ސަތޭކަ މިލިޔަން ޑޮލަރެއްގެ ގެއްލުން ފާއިތުވި ދެތިން މަހުގެ ތެރޭގައި ލިބިފައިވާ ކަމަށް ބައިނަލްއަގްވާމީ މާލީ މުއައްސަސާތަކުން ބުނެ އެވެ. އެބޯލާ ވައިރަސްގެ ނުރައްކާ ކުރިމަތިވެފައިވާ ހުޅަނގު އެފްރިކާގެ ތިން ގައުމު ކަމަށްވާ ސީރަލިޔޯންއާއި ލައިބޯރިޔާއާއި ގިނީއަކީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ތިން ގައުމެވެ. މީގެ ތެރެއިން ލައިބީރިޔާއާއި ސީރަލިޔޯން އަކީ ދާޚިލީ ހަނގުރާމައެއްގައި މުޅިން ސުންނާފަތިވެފައިވާ ދެގައުމެވެ.
ދާޚިލީ ހަނގުރާމަ ނިމުމާގުޅިގެން ގައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށް އެދެގައުމުން މަސައްކަތްކުރާ މަސައްކަތްތަކަށް އެބޯލާގެ ސަަބަބުން ވަނީ ހުރަސްއެޅިފަ އެވެ. (ރޮއިޓާސް)