ލެޕްޓޮޕެއް ގެންގުޅޭ ކޮންމެ މީހެއްގެ އަތުގައިހެން މިހާރަކަށް އައިސް ޓެބްލެޓެއް އޮވެއެވެ. ނަމަވެސް އެ ދެ އާލާތުގެ ބޭނުން އެކައްޗަކުން ކުރެވޭ ކަހަލަ މެޝިނެއް އުފައްދައިފި ނަމަ ގަންނާނީ ކިތައް މީހުން ހެއްޔެވެ؟

"ލެޕްޓޮޕް ރިޕްލޭސް ކުރެވޭނެ ޓެބްލެޓް"ގެ ނަމުގައި އިޝްތިހާރު ކުރަމުންދާ މައިކްރޯސޮފްޓުގެ މި ޓެބްލެޓް – ލެޕްޓޮޕް ހައިބްރިޑްގެ ކެޓެގަރީގެ ދަށަށް ފުރިހަމަ އަށް ފެތެއެވެ. ނަމަވެސް އަތުގައި އޮތް އައިޕެޑާއި ލެޕްޓޮޕް އެއްލާލުމަށްފަހު މި މެޝިނު ހިޔާރު ކުރާނީ ކިތައް މީހުން ހެއްޔެވެ؟

ޓެބްލެޓަކާއި އަޅާ ކިޔާއިރު "ސާފޭސް ޕްރޯ 3" އުނދަގުލަކާ ނުލައި މިފަދަ އެހެން ހުރިހާ މެޝިނެއް ބަލިކޮށްލައެވެ. އެންމެ ފަހުގެ ސޮފްޓްވެއާ އަދި ހާޑުވެއާ، ކުޑަ މެޝިނަކަށް ޕެކް ކޮށްލާފައިވާ މި ކޮމްޕިއުޓަރަކީ ކޮންމެ ކަހަލަ މީހަކާވެސް ގުޅޭނެ މެޝިނެކެވެ. މި މެޝިން ފަރުމާކޮށްފައި ވަނީ، އޮފީހުން ފެށިގެން ދަރިވަރުން ސްކޫލަށް ބޭނުންވާ ކަންތަކަށް ވެސް މަގުފަހި ވާގޮތަށެވެ. އާ ޑިޒައިނާ އެކު ތައްޔާރު ކުރެވިފައިވާ 'ސާފޭސް ޕެން' ގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ސްކޫލުގެ ދަރިވަރުންނަށް ނޯޓު ނެގުމަށް ބޭނުން ކުރެވޭއިރު ކުރެހުންތެރިންނަށް ވެސް މި 'ސާފޭސް ޕެން' ގެ ބޭނުން ރަނގަޅަށް ކުރެވޭނެއެވެ.

ނަމަވެސް ސާފޭސް އާއި ލެޕްޓޮޕަކާ އަޅާ ކިޔާ ހިސާބުން ވިސްނާލަން ޖެހެއެވެ. އައި ތްރީ، އައި ފައިވް އަދި އައި ސެވެންގެ ޕްރޮސެސާ ނެގުމުގެ ބާރު، ބޭނުން ކުރާ މީހުންނަށް ލިބޭ އިރު އެއީ އާދައިގެ ލެޕްޓޮޕްތަކުން ވެސް ފޯރު ކޮށްދޭ ހިދުމަތްތަކެވެ. ޕްރޮސެސާ ވަރުގަދަ ކަމުގައި ވިޔަސް ބޮޑެތި ގޭމުތަށް ކުޅުމަކަށް ސާފޭސް ޕްރޯ 3 އެކަށީގެނެއް ނުވެއެވެ.

ލެޕްޓޮޕަކާއި ޓެބްލެޓަކާ އަޅާ ކިޔާ އިރު ދެން އެންމެ ފުރަތަމަ ސުވާލު އުފެދޭނީ ބެޓްރި ލައިފްއާއި މެދުގައެވެ. ފަހަރެއްގައި ދެމެޝިނެއްގެ މަސައްކަތް އެކައްޗަކުން ކޮށްދޭ ކަމުގައި ވާނަމަ ބެޓްރީގެ ޗާޖު ހިފަހައްޓާ ވަގުތު މަދުވެދާނެ ކަމަށް ހީކޮށްފާނެއެވެ. ނަމަވެސް ސާފޭސް ޕްރޯ 3 އަކީ އެހެން ލެޕްޓޮޕްތަކާ ވާދަ ކުރެވޭ ވަރަށް 12 ގަޑިއިރު ވަންދެން ބެޓްރީގެ ބާރު ހިފަހައްޓާލާ މެޝިނެކެވެ.

ސާފޭސް ޕްރޯ 3 ގަންނަން ވިސްނާ ހުރިހާ އެންމެންގެ ހިތުގައިވެސް މިހާރު އުފެދިފައިވާނީ އެންމެ ސުވާލެކެވެ. އެއީ މި މެޝިނުގެ އަގާ މެދު އުފެދޭ ސުވާލެވެ. ސާފޭސް ޕްރޯ އަކީ އަގުހެޔޮ މެޝިނެއް ނޫނެވެ.

ދުޔިޔޭގެ އެންމެ މަޝްހޫރު އެޕަލްގެ އައިޕެޑާ އަޅައިކިޔާ ނަމަ ސާފޭސް، 70 ވަރަކަށް ޑޮލަރުގެ އަގު ބޮޑުވާނެ އެވެ. އެފަދައިން، ސާފޭސް އާއި ހަމަ އެއް 'ސްޕެކް' ގެ މެކްބުކް ޕްރޯ އަކާ އަޅާ ކިޔާއިރު 200 ޑޮލަރު އަގުބޮޑެވެ. ނަމަވެސް މިއާ އެއްވަރު 'ސްޕެކް' ގެ މެކްބުކް ޕްރޯ ވިތު ރެޓިނާ ޑިސްޕްލޭ ވިއްކަނީ އެއް އަގަކަށެވެ.

ޓެބްލެޓަކާއި ލެޕްޓޮއް ގަންނައިރު އެންމެ ފަހު ނިންމުން އޮތީ ގަންނަ މީހާގެ އަތުގައެވެ. ގަންނާނީ ލެޕްޓޮޕަކާއި ޓެބްލެޓެއް ހެއްޔެވެ؟ ނޫނީ 729 ޑޮލަރު ސަލާމަތް ކުރުމަށްފަހު ދެޑިވައިސްގެ ބޭނުން އެކައްޗަކުން ކުރެވޭ ހައިބްރިޑެއް ހެއްޔެވެ؟