ތ. ތިމަރަފުށި ތަރައްގީކުރުމަށް ސަރުކާރުން މަސައްކަތްކުރަނީ އަތޮޅުގެ ތަރައްގީއާ އެކަން ގުޅިފައިވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ތިމަރަފުށީ ރައްޔިތުންނާ ބައްބަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ތިމަރަފުށި ތަރައްޤީ ކުރެއްވުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށާއި ތިމަރަފުށި ތަރައްޤީ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީ ތިމަރަފުށީގެ ތަރައްޤީއާއި ކޮޅުމަޑުލު ތަރައްޤީއާ ގުޅިފައިވާތީ ކަމަށް ވިދާޅުވި އެވެ. އަދި ކޮޅުމަޑުލުގެ ތަރައްޤީ އާއި ރާއްޖޭގެ ތަރައްޤީ ގުޅިފައިވާކަން ސާފުވެވަޑައިގަންނަވާތީ ކަމުގައި ވެސް ރައީސްވިދާޅުވި އެވެ.

ރައްޔިތުންގެ ގަދަރާއި ޢިއްޒަތް ރައްކާތެރިކޮށްދީ، އެ ގަދަރާއި އިއްޒަތް ހޯދިގެންނޫނީ ގައުމު ތަރައްޤީއެއް ނުކުރެވޭނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވަމުން، 2008 ވަނަ އަހަރުގެ ކުރީގައި އުޅުނުގޮތަށް، ބޭސް ސިޓީ ހިފައިގެން އެއް މަހުޖަނެއްގެ ގާތުން އަނެއް މަހުޖަނެއްގެ ގާތަށް ސަލާން ޖަހަން ދާން ޖެހޭ ނަމަ، ރައްޔިތުންގެ ޤަދަރެއް ނޯންނާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ސަރުކާރުގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ އަމާޒަކީ، ރައްޔިތުންގެ ޤަދަރާއި ޢިއްޒަތް ރައްޔިތުންނަށް ހޯއްދަވައިދެއްވުން ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ބޭސް ސިޓީއަށް ސަލާން ޖެހުން ނައްތާލުމުގެ ވަޢުދުގެ ތެރެއިން، ތިމަރަފުށީގެ 431 މީހުންނަށް، ކޮންމެ މީހަކަށް މަދަނައިގެ ނިޒާމުގެ ތެރެއިން އަހަރަކު 100000ރ. ގެ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޕެންޝަން ޙައްޤުވަނީ ހަމައެކަނި، ސަރުކާރު މުވައްޒަފުންނަށް ނޫންކަން ގަބޫލު ކުރައްވައި ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރިކަން ހޯއްދައިދިނުމަށް ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން، ތިމަރަފުށީގެ، އުމުރުން 65 އަހަރުން މަތީގެ 147 ރައްޔިތުންނަށް، ސަރުކާރުން ދޭ 2000ރ.ގެ ޕެންޝަން ލިބެމުންދާތާ ދެ އަހަރު ވެފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަންކަމުން ސަރުކާރަށް ހިތްހަމަޖެހުން ލިބޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން، ރާއްޖޭގެ ސިއްހީ ޚިދުމަތް ދޭ ތަންތަނުގެ ޚިދުމަތް ރަނގަޅު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ތަކުގެ ދަށުން، ތިމަރަފުށީ ސިއްޚީ މަރުކަޒުގައި މި އަހަރު ތެރޭގައި ޓެލެމެޑިސިންގެ ޚިދުމަތް ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސްގެ އެ ދަތުރުފުޅުގައި، ތިމަރަފުށީގައި ސަރުކާރުން ގާއިމްކޮށްފައިވާ ނަރުދަމާގެ ނިޒާމް ވެސް އިފްތިތާހްކޮށްދެއްވި އެވެ.

ނަރުދަމާގެ ނިޒާމް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން، އެ ނިޒާމާ ގުޅިފައިވާ ޕަމްޕް ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި އެވެ. އަދި ތިމަރަފުށީ އޮފީހާއި ރަށްވެހިގެ ހިމެނޭ ޢިމާރާތް ހުޅުވުން އޮތެވެ. އެޢިމާރާތް ހުޅުއްވައިދެއްވީ، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ އެވެ.

މީގެއިތުރުން، ތިމަރަފުށީގައި އަޅާ އެއަރޕޯޓް އެޅުމަށާއި، ރަށަށް ބިން އިތުރުކުރުމަށް، ހިންގަވަމުން ގެންދަވާ ބިންހިއްކުމުގެ މަޝްރޫޢު ހިނގަމުންދާގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވި އެވެ.