ޕެރިސް (ސެޕްޓެމްބަރ 13) : އިރާގާއި ސޫރިޔާގެ ބޮޑު ސަރަހައްދެއް ހިފައިގެން އުޅޭ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް އާ ދެކޮޅަށް އެމެރިކާ އިސްވެ އޮވެގެން ކުރަން ރާވަމުން ގެންދާ ހަނގުރާމައިގާ ބައިވެރިވާނެކަން ފަރަންސޭސިވިލާތުން ހާމަކޮށްފި އެވެ.

ފަރަންސޭސި ޚާރިޖީ ވަޒީރު ލޮރަން ފެބިއޮސް ވިދާޅުވީ އައިއެސްއާ ދެކޮޅަށް ވައިގެމަގުން ޙަމަލާ ދިނުމުގައާއި އައިއެސް ބަލިކޮށްލުމަށް ޓަކައި އިރާގު ސިފައިންނަށް ޒަމާނީ ހަތިޔާރު ފޯރުކޮށް ދިނުމުގައި ފަރަންސޭސިވިލާތަށް މުހިއްމު ދައުރެއް އަދާކުރެވިދާނެ ކަމުގަ އެވެ. އަނެއްކޮޅުން ފަރަންސޭސި ދިފާއީ ވަޒީރު ޖާން އީވް ލޮދްރިޔާން މިއަދު ޔޫއޭއީ އާއި މިސްރަށް ކުރައްވާ ދަތުރުފުޅެއްގައި ޕެރިހުން ފުރާވަޑައިގަންނަވާނެ އެވެ. މިދަތުރުފުޅުގައި އޭނާ ފުރަތަމަ ވަޑައިގަންނަވާނީ ޔޫއޭއީގެ ވެރިރަށް އަބޫދާބީ އަށެވެ. މިދަތުރުފުޅުގެ ބޭނުމަކީ އައިއެސްއާ ދެކޮޅަށް ކުރުމަށް އެމެރިކާ އިސްވެ އޮވެގެން ރާވާ ހަނގުރާމައިގެ ކަންތައް ވިލަރެސް ކުރުމާއި ލީބިޔާގެ މައްސަލައާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރުމެވެ.

އަނެއްކޮޅުން ޖަރުމަނުގެ ޗާންސެލާ އެންގެލާ މާކަލް ވެސްވަނީ އެމެރިކާ އިސްވެ އޮވެގެން އައިއެސް ޖަމާއަތާ ދެކޮޅަށް ރުކުރުވާލާ ބައިނަލްއަގްވާމީ އިއްތިޙާދުގައި އެގައުމު ބައިވެރިވާނެކަން ހާމަކުރައްވާފަ އެވެ. ނަމަވެސް އައިއެސްއާ ދެކޮޅަށް ހިންގާ އަސްކަރީ އަމަލެއްގައި ޖަރުމަނު ބައިވެރިވާނެކަން މާކަލް ހާމަކުރައްވާފައެއް ނުވެ އެވެ.

އދ. އިން ވަނީ އައިއެސްގެ ހަނގުރާމަވެރިން ތިބި ކޮންމެ ތަނަކު އެމީހުންނާ ކުރިމަތިލުމަށް ބައިނަލްއަގްވާމީ މުޖްތަމައަށް ގޮވާލާފަ އެވެ. އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންގެ ތަރްޖަމާން ސްޓީވަން ޑޮގްރިކް ވިދާޅުވީ އައިއެސްގެ ހަނގުރާމަވެރިން ތިބި ކޮންމެ ތަނަކު އެމީހުންނާ ކުރިމަތި ލާން ޖެހޭ ކަމަށާއި މިނޫން ގޮތަކަށް އެޖަމާއަތުގެ ނުރައްކަލުން ބައިނަލްއަގްވާމީ މުޖްތަމައަށް ސަލާމަތް ނުވެވޭނެ ކަމުގަ އެވެ. އައިއެސްއާ ދެކޮޅަށް ހަރަކާތްތެރިވުމަށް ހުޅަނގާއި އދ.ން ކެތްމަދުވެފައިވާ އިރު އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގި މީހުން މެރުމުގެ ޖަރީމާތަކާއި ގަތްލުއާންމު ތަކާ ދެކޮޅަށް އަޑުއުފުލުމުގައި ހުޅަނގާއި އަރަބި ގައުމުތަކުގެ އިތުރުން އދ. ވެސް ވަނީ ނާކާމިޔާބުވެފަ އެވެ. (ރޮއިޓާސް)