ބިލިއާޑު ރާއްޖޭގައި ވަރުގަދަ ކުރެވޭނީ ޒުވާނުން އެކަމުގެ ތެރޭގައި ބައިވެރިވެގެން ކަމަށް މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް އިބްރާހިމް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިމަހުގެ އެކަކުން 11 އަށް ކުރިއަށް ގެންދިޔަ 10 ބޯލް ޕޫލް ބިލިއާޑް މުބާރާތުގެ އިނާމުދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަމުން އިބްރާހީމް އިސްމައިލް ވިދާޅުވީ އާ ބޯޑަކާއެކު މި ކުޅިވަރު ކުރިއަށްދާން މި ފަށަނީ "ޒުވާނުންގެ ބޮޑު އަތެއް" މިކަމުގައި އޮތުމުން ކަމަށާއި މިކުޅިވަރު ވަރުގަދަ ކުޅިވަރަކަށް ހެދެން އޮތީ ޒުވާނުންގެ އެހީއާއި އެކު ކަމަށެވެ.

"އަލުން ތާޒާ ކަމާއެކު މި ކުޅިވަރާއި އެސޯސިއޭޝަން މިދަނީ ފެށިގެން. މިއީ ކަންނޭނގެ މި ކުޅިވަރަށް ބޭނުންވާ ކަމަކީ، ޒުވާނުން. ޒުވާނުން މިކަމުގެ ތެރެއަށް ވަދެ މިކުޅިވަރު ނަގާ ކޮޅަށް ޖެއްސުން،" އިބްރާހިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ކުޅިވަރު ކުރިއަށް އެބަދާ ކަމަށާއި ޒުވާން ކުދިންނަށް ބިލިއާޑް ކުޅުމުގެ ފުރުސަތު ލިބުމަކީ ކުޅިވަރު އިތުރަށް ކުރިއަށް ގެންދިއުމަށް މަގުފަހި ވާނެ ކަމެއް ކަމަށެވެ.

"މިހާރު އެސޯސިއޭޝަންގެ ފަރާތުން މިފަދަ މުބާރާތްތައް ބާއްވާ ޒުވާން ކުދިންނަށް މިކަހަލަ ފުރުސަތުތަށް ހުޅުވައި ދެއްވާކަން އެއީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ކުޅިވަރު ކުރިއަރައިގެން ދާނޭ ކަމެއް،" އިބްރާހިމް ވިދާޅުވި އެވެ.

އިބްރާހީމް އިސްމާއީލް ވިދާޅުވީ، ކުޅިވަރު ކުޅެމުން އެސޯސިއޭޝަން ހިންގުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ.

"މިކަމަށް ޝައުގުވެރިވާ، މި ކުޅިވަރު ކުޅެމުން ހިންގުމަކީ ފުދޭވަރެއްގެ ބުރަ ކަމެއް. ދެން ހިންގާ މީހުން މިކަން ކުރުމަކީ އުނދަގޫވެސް ކަމެއް. އެހެން ނަމަވެސް ކުޅުމަށް ހުންނަ ރޫހު އެއީ ވަރަށް ރީތި ސިފައެއް،" އިބްރާހިމް ވިދާޅުވި އެވެ.