13 Sep 2014, 09:38
ނުރައްކާތެރި އެބޯލާ ވައިރަސް ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމަށް 165 މީހުންގެ މައްޗަށް އެކުލެވޭ ސިއްހީ އޮފިސަރުންގެ ޓީމެއް ހުޅަނގު އެފްރިކާ އަށް ފޮނުވަން ކިއުބާއިން ނިންމައިފި އެވެ.
ޖެނީވާގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ މައި މަރުކަޒުގައި މިއަދު އޮތް ޕްރެސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން، ކިއުބާގެ ޕަބްލިކް ހެލްްތް މިނިސްޓަރު ރޮބާޓް މޮރާލްސް އޮޖެދާ ވިދާޅުވީ، އެބޯލާ ފެތުރެމުންދާ ހުޅަނގު އެފްރިކާގެ، ސިއެރަލިއޯނަށް އެގައުމުގެ މެޑިކަލް ޓީމް އަންނަ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ފުރާނަ ކަމަށެވެ.
އެ ޓީމުގައި 62 ޑޮކްޓަރުންނާއި 103 ނަރުހުންގެ އިތުރުން، އިންފެކްޝަން ކޮންޓްރޯލް ކުރުމުގެ ސްޕެޝަލިސްޓުން ހިމެނޭނެ ކަމަށް މޮރާލްސް ވިދާޅުވި އެވެ. އަދި އެ ޓީމު ސިއެރަލިއޯނުގައި ހަ މަސް ދުވަސް ވަންދެން ހަރަކާތްތެރިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޕްރެސްކޮންފަރެންސްގައި ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް މާގަރެޓް ޗަން ވަނީ ކިއުބާއިން ވެދޭ އެހީއަށް ޝަކުރުއަދާކޮށްފަ އެވެ. އަދި ހުޅަނގު އެފްރިކާ އަށް 1500 އަށް ވުރެ ގިނަ ސިއްހީ އޮފިސަރުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ލައިބީރިއާގައި އެބޯލާ ޖެހިފައިވާ ބަލިމީހުން ބާއްވާނެ އެދެއް ނެތް. އެބޯލާއާ ދެކޮޅަށް ހަނގުރާމަކުރާނަމަ، ހަނގުރާމަ ކުރުމަށްޓަކައި ބޭނުންވަނީ ވަސީލަތް. އިންސާނީ ވަސީލަތްތަކަކީ އެންމެ މުހިއްމު އެއްބައި. ކިއުބާއިން މިދޭ އެހީއާ އެކު ސިއެރަލިއޯނަށް ބޮޑު ބަދަލެއް އަންނާނެ،" ޑިރެކްޓަރު ޖެނެރަލް ވިދާޅުވި އެވެ.
މާޗް މަހުގެ ތެރޭގައި ހުޅަނގު އެފްރިކާގައި ފެތުރެންފެށި އެބޯލާ ވައިރަސް ސިއެރަލިއޯންގެ އިތުރުން ނައިޖީރިއާ، ލައިބީރިއާ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރްސީ) އަދި ސެނަގަލްގައި ވެސް ދަނީ ފެތުރެމުން ނެވެ.
އެ ބަލި ޖެހިގެން ހުޅަނގު އެފްރިކާގެ އެކި ގައުމުތަކުން 2400 މީހުން މިހާތަނަށް މަރުވެފައިވާ އިރު، އެ ބަލި ޖެހިފައިތިބި 4700 މީހުން އެބަތިއްބެވެ. ނަމަވެސް ޑަބްލިޔުއެޗްއޯ އިން ބުނެފައި ވަނީ ބަލި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވުން ގާތް ކަމަށެވެ.