13 Sep 2014, 09:32
އަންހެން ކުދިންނަށް ތައުލީމުގެ ފުރުސަތު ހޯދައި ދިނުމަށް ވަކާލާތުކުރުމުން ތާލިބާނުން ހަމަލާދީ ޒަހަމްކޮށްލި، ޕާކިސްތާނުގެ މަލާލާ ޔުސުފްޒާއީ އަށް ހަމަލާދިން ތާލިބާންގެ މީހުން ޕާކިސްތާންގެ ސިފައިން ހައްޔަރުކޮށްފި އެވެ.
ޕާކިސްތާން ސިފައިންގެ ތަރުޖަމާނު ޖެނެރަލް އާސިމް ސަލީމް ބަޖްވާއާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް (އޭޕީ)ގައި ބުނެފައި ވަނީ، ޕާކިސްތާނުގެ ސިފައިންނާއި ފުލުހުންގެ އިތުރުން އިންޓެލިގަންސާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 2012 ވަނަ އަހަރު މަލާލާ އަށް ހަމަލާދިނުމުގައި ބައިވެރިވި ތާލިބާންގެ 10 ހަނގުރާމަވެރިން ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ހައްޔަރުކުރީ ކޮންތަނަކުން ކަމެއް ބުނެފައެއް ނުވެ އެވެ.
މަލާލާ އަށް ހަމަލާދިން ހަނގުރާމަވެރިން އިތުރު 22 މީހުންނަށް ވެސް ހަމަލާދޭން ނިންމާފައިވާ ކަމަށާއި އެ ހުރިހާ ހަމަލާއެއް ރާވާފައި ވަނީ ޕާކިސްތާނުގެ ތާލިބާނުންގެ އެންމެ އިސް ކޮމާންޑަރު، މުއްލާ ފަޟްލުﷲގެ އަމުރަށް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ.
"މަލާލާ އަށް ހަމަލާދިނުމުގައި ހަރަކާތްތެރިވި މުޅި ގޭންގް ވަނީ ފަޅާއަރާފައި. އަދި އެ ޓެރަރިސްޓުންނަކީ ތެހްރިކް އެ ތާލިބާންގެ ހަނގުރާމަވެރިން،" ޕާކިސްތާން ސިފައިންގެ ތަރުޖަމާން ވިދާޅުވެފައިވެ އެވެ.
ފިރިހެން ކުދީންނެކޭ އެއްފަދައިން އަންހެން ކުދީންނަށް ވެސް ތައުލީމު ލިބޭން ޖެހޭނެ ކަމަށް މަލާލާ ވަކާލާތު ކުރުމުން، ސުވާތު ވާދީގެ މިންގޯރާ އަށް އުފަން މަލާލާ ޔޫސުފްޒައީ އަށް ތާލިބާނުން ހަމަލަ ދިނީ އުމުރުން އެންމެ 14 އަހަރުގައި، ސްކޫލު ނިންމައިފައި ބަހުގައި ގެއަށް ދިޔަ މަގުމަތީގަ އެވެ.
އެ ހަމަލާގައި މަލާލާގެ ބޮލަށާއި ކަރަށް ބަޑިޖަހާފައިވާ އިރު، ބަހުގައި ތިބި އެހެން ދެ ކުއްޖަކަށް ވެސް ވަނީ ހަމަލާދީފަ އެވެ. އެ ހަމަލާއަށް ފަހު އޭނާ އަށް ވަނީ ޕާކިސްތާނުންނާއި އިނގިރޭސި ވިލާތުން ފަރުވާދީފަ އެވެ.