13 Sep 2014, 09:33
ނިމިދިޔަ އޮގަސްޓު މަހުގެ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ޗެލްސީއަށް ކުޅެމުން އަންނަ ސްޕެއިންގެ ފޯވާޑް ޑިއެގޯ ކޮސްޓާ ހޯދައިފި އެވެ.
މި ސީޒަނުގައި ޗެލްސީއާ ގުޅުނު ފޯވާޑް ވަނީ މިދިޔަ މަހު ޗެލްސީ ކުޅުނު ތިން މެޗުގައި ހަތަރު ލަނޑު ޖަހައިފައެވެ. މިދިޔަ މަހު އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަކޮށްފައި ވަނީ ޗެލްސީގެ ސެސް ފެބްރިގާސް އާއި ސުވެންސީ ގެ ދެ ކުޅުންތެރިންކަމަށްވާ ނަތަން ޑެޔާ އާއި ގިލްފީ ސްގޯސަން އާއި އެސްޓަންވިލާގެ އަންދުރޭ ވިއެމަންް އެވެ.
ލީގުގައި މިދިޔަ މަހު ކުޅުނު ތިންމެޗުން މޮޅުވެފައިވާ ސުވެންސީ ސިޓީގެ ކޯޗު ގެރީ މޮންކަށް ވަނީ މިދިޔަމަހުގެ އެންމެ މޮޅު ކޯޗުގެ މަގާމް ލިބިފައެވެ. މޮންކު ވަނީ މިދިޔަމަހުގައި މެންޗެސްޓާގެ އޯލްޑް ޓްރެފޮޑްގައި 2-1 ލަނޑުން އެ ޓީމުބަލި ކޮށްފައެވެ. އެންމެ މޮޅު ކޯޗަކަށް މޮންކު އާއި މިދިޔަ މަހުގައި ވާދަކޮށްފައި ވަނީ ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިޔޯ އާއި އެސްޓަންވިލާގެ ކޯޗު ޕައުލް ލަންބާޓް އާއި ސްޓޯކް ސިޓީގެ ކޯޗު މާކް ހިއުސްއެވެ.