މޯލްޑިވްސް ޓެން ބޯލް ޕޫލް ބިލިއަޑް މުބާރާތުގެ ޗެމްޕިއަންކަން ހަސަން ޝަފްރާޒް އާ ވާދަކޮށް މުހައްމަދު ޝަރީފް ހޯދައިފި އެވެ.

ގަލޮޅު ޔޫތު ސެންޓަރުގެ އެމްޕީބީއޭ ކްލަބް ހައުސްގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގައި ޝަފްރާޒްގެ މައްޗަށް ޝަރީފް ކުރި ހޯދީ ހަތް ފްރޭމް އެއް ފްރޭމް އިންނެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން ޝަރީފް މި ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެކަން ފާހަގަކޮށްލެވެއެވެ.

ޝަރީފް ފައިނަލުން ޖާގަ ހޯދީ ސެމީގައި ޝަފްރާޒް ބަލިކުރުމަށްފަހުއެވެ. އަދި ފައިނަލުގެ ފަހު ޖާގަ ޝަފްރާޒު ހޯދީ ތިންވަނަ ސެމީގައި ދުންޔާޒް މުހައްމަދުގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މުބާރާތް ކާމިޔާބު ކުރި ޝަރީފް މުހައްމަަދަށް ފައިސާގެ އިނާމެއްގެ ގޮތުގައި 3000 ރުފިޔާ ވަނީ ދީފައެވެ. އަދި ދެވަނަ އަށް ދިޔަ ހަސަން ޝަފްރާޒް އަށް 1500 ރުފިޔާ ވަނީ ދީފައެވެ.

މުބާރާތުގެ ތިންވަނަ މަގާމް ހޯދީ ދުންޔާޒް މުހައްމަދު އެވެ. ހަތަރުވަނައަށް ފަސް ކުޅުންތެރިޔަކު ގޮސްފައިވެއެވެ. އެއީ އަލީ ފަޔާޒް، ހުސައިން ފަޔާޒް، އަހުސަން ހާޝިމް، އިބްރާހިމް ހަނީފް، އަހުމަދު ޝިޔާދު އެވެ.

މެޗް ޝަރަފުވެރިކޮށްދެވައި ވަނަ ވަނައަށް އައި ފަރާތްތަކަށް ތަށްޓާއި މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ މޯލްޑިވްސް ޕޫލް ބިލިއަޑް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް އިސްމާއިލް އެވެ.

ޕޫލް ބިލިއަޑް އެސޯސިއޭޝަނުން ބުނީ، މި މަސްތެރޭގައި 8 ބޯލް ބިލިއާޑް މުބާރާތެއް ވެސް ފަށާނެ ކަމަށެވެ.