މެނީލާ (ސެޕްޓެމްބަރ 12) ފިލިޕީންސްގެ ދެކުނުގެ ސަރަހައްދުގެ މުސްލިމުންނަށް ވެރިކަމުގެ ބޮޑެތި ބާރުތަކެއް ލިބިދާ ގޮތަށް އެ ސަރަހައްދުގައި ލާމަރުކަޒީ ވެރިކަމެއް އުފެއްދުމުގެ ގާނޫނެއް ފާސްކޮށްދިނުމަށް ފިލިޕީންސްގެ ރައީސް ބެނީނޯ އަކީނޯ އެގައުމުގެ ކޮންގްރެސް އަށް އިލްތިމާސް ކުރައްވައިފި އެވެ.

އަކީނޯ ވިދާޅުވީ ފިލިޕީންސްގެ ދެކުނުގެ ސަރަހައްދުގެ ވެރިކަމުގެ ބާރުތައް ލާމަރުކަޒީ އުސޫލުން މުސްލިމުންނަށް ލިބޭގޮތަށް ގާނޫނެއް ފާސްކޮށް އެކަން ތަންފީޒު ކުރެވިއްޖެ ނަމަ އެސަރަހައްދުގެ މިނިވަން ކަމަށް މަސައްކަތްކުރާ މޯރޯ އިސްލާމިކް ފްރަންޓް ޖަމާއަތާ އެކު ސުލްހަ ގާއިމްކޮށް އެ ޖަމާއަތުން ކުރާ ހަނގުރާމަ ނިމުމަކަށް ގެނެވިދާނެ ކަމުގަ އެވެ. މިގޮތުން 2016 ވަނަ އަހަރުގެ ކުރިން މިފަދަ ލާމަރުކަޒީ ގާނޫނެއް ފާސްކޮށް އޭގެ ދަށުން މެންޑަނާއޮ ސަރަހައްދުގައި އަމިއްލަ ވެރިކަމެއް ކުރުމުގެ ފުރްސަތު މުސްލިމުންނަށް ދިނުމަށް ބޭނުންވާ ކަމަށްވެސް ފިލިޕީންސްގެ ރައީސް ވިދާޅުވި އެވެ.

ފިލިޕީންސްގެ ދެކުނުގެ ސަރަހައްދަކީ ތާރީޚަށް ބަލާ އިރު ކުރިން މުސްލިމުންގެ އަމިއްލަ ވެރިކަމެއް އޮތް ސަރަހައްދެކެވެ. އަދި އެ ސަރަހައްދަކީ އާބާދީގެ ގޮތުން ވެސް ކުރިން 90 އިންސައްތަ މުސްލިމް ސަރަހައްދެކެވެ. ނަމަވެސް ފިލިޕީންސްގައި ކުރިން ވެރިކަން ކުރި ސަރުކާރުތަކުން ވަނީ އެސަރަހައްދުން މުސްލިމުންގެ ބާރު ކަނޑުވާލުމަށް ޓަކައި ކެތަލިކް މަޛްހަބުގެ ގިނަ އަދަދެއްގެ ނަސާރާ އިން އެ ސަރަހައްދުގައި ވަޒަންވެރި ކުރުވާފަ އެވެ.
މިއާ އެކު އެ ސަރަހައްދުގެ އަޣްލަބިއްޔަތު ނަސާރާއިންނަށް ލިބުމުން މުސްލިމުން ވަނީ އެމީހުންގެ ހައްގުތައް ހޯދުމާއި މިނިވަން ކަމަށްޓަކައި ސަރުކާރާ ދެކޮޅަށް ތެދުވާން ފަށާފަ އެވެ. މުސްލިމުންގެ ހައްގުތައް ހޯދުމަށް މަސައްކަތްކުރާ ޖަމްއިއްޔާއަކީ މޯރޯ އިސްލާމިކް ފްރަންޓެވެ. މޯރޯ ފްރަންޓާއި ފިލިޕީންސްގެ ސިފައިންގެ ލަޝްކަރުތަކާ ދެމެދު ހިނގި ދިގުލީ ހަނގުރާމައިގާ ދެފަރާތުން ވެސް ދޮޅު ލައްކައެއްހާ މީހުން މަރުވެފައިވާ އިރު މިލިޔަނަކަށް ވުރެ ގިނަ މީހުން މިހަނގުރާމައިގާ ޙާލުގައި ޖެހިފައިވެ އެވެ.

ފިލިޕީންސްގެ މުސްލިމުންގެ ހައްގުތަކަށް އެގައުމުގެ މިހާރުގެ ސަރުކާރުން އިޢްތިރާފްވެ މުސްލިމުންގެ އަމިއްލަ ވެރިކަމެއް އެސަރަހައްދުގައި ގާއިމް ކުރުމަށް ސަރުކާރުން އެއްބަސްވުމާ އެކު މޯރޯ ފްރަންޓުން ވަނީ ހަނގުރާމަ ހުއްޓާލައި އެޖަމާއަތުގެ ހަނގުރާމަވެރިންގެ އަތުން ހަތިޔާރު ނިގުޅައިގަނެ އެ ޖަމާއަތުގެ އަސްކަރީ ގޮފި އުވާލުމަށް އެއްބަސްވެފަ އެވެ. މޯރޯ ފްރަންޓްގެ ހަނގުރާމަވެރިންގެ އަދަދަކީ ގާތްގަނޑަކަށް 12 ހާހެވެ. މި 12 ހާސްމީހުން ވެއްދުމަށް ހަމަޖެހިފައި ވަނީ ފިލިޕީންސްގެ ސިފައިންގެ ތެރެއަށެވެ.

ދެ ފަރާތުގެ ދެމެދުގައި ސުލްޙައިގެ މިއެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ މާޗްމަހުގެ ތެެރޭގަ އެވެ. ސުލްހައިގެ މިއެއްބަސްވުމާ އެއްގޮތަށް ފިލިޕީންސްގެ ދެކުނުގެ ސަރަހައްދުގެ ވެރިކަން ލާމަރުކަޒީ އުސޫލުން އެގައުމުގެ މުސްލިމުންނާ ހަވާލުކުރުމުގެ ގާނޫނު ސަރުކާރުން މިހާރުވަނީ އެގައުމުގެ ކޮންގްރެސް އަށް ހުށަހަޅާފަ އެވެ.

ފިލިޕީންސްގެ ދެކުނުގެ ސަރަހައްދުގައި ގާއިމްކުރާ މުސްލިމުންގެ ވެރިކަމުގެ ނިޒާމުގައި ދިފާޢީ ކަންކަން ފިޔަވައި ހުރިހާ ކަމެއް ބަލަހައްޓާނީ އެސަރަހައްދުގައި އިންތިޚާބުކުރާ މުސްލިމް ސަރުކާރަކާއި ޕާލަމެންޓަކުންނެވެ. ފުލުހުންގެ ގޮތުގައި ވެސް ތިބޭނީ އެސަރަހައްދަށް ޚާއްސަ މުސްލިމް ފުލުހުންނެވެ. މިގޮތުން ދިފާޢީ ކަންކަން ފިޔަވައި އެހެން އެއްވެސް ކަމެއްގެ ތެރެއަށް މެނީލާގައިވާ ފިލިޕީންސްގެ މައި ސަރުކާރު ނުވަންނަ ގޮތަށް މިގާނޫނުގެ ދެލިކޮލިކޮޕީ ވަނީ ފަރުމާކޮށްފަ އެވެ.

ފިލިޕީންސްގެ ދެކުނުގެ ސަރަހައްދަކީ އެގައުމުގެ 10 އިންސައްތަ ބިމެވެ. ޕިލިޕީންސްގެ މުސްލިމުންގެ ނިސްބަތަކީ ފަސް ޕަސެންޓެވެ. އެއީ އެގައުމުގެ 100 މިލިޔަން މީހުންގެ ތެރެއިން ފަސް މިލިޔަން މީހުންނެވެ. (ނޫސްއެޖެންސީތައް)