12 Sep 2014, 22:43
މި އަހަރު ހައްޖަށް މީހުން ގެންދިއުމަށް ޓަކައި ފަތުހު ޖަމާއަތަށް ފައިސާ ދެއްކި 125 މީހުން ހައްޖަށް ގެންދެވެން ނެތް ކަމަށް ފަހު ވަގުތު އެ ޖަމާއަތުން އެންގުމާ އެކު އެ މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުން ނުވަ މިލިއަން ރުފިޔާ ހޭދަކުރަން ޖެހޭ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެފި އެވެ.
ފަތުހު ޖަމާއަތަށް ފައިސާ ދެއްކި މީހުންނާ ބައްދަލުކުރުމަށް މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނައިބް ޑރ. އައިޝަތު މުނީޒާ ވިދާޅުވީ، ފަތުހު ޖަމާއަތުން ފަހު ވަގުތު ހައްޖަށް ނުގެންދެވޭނެ ކަމަށް އެންގުމުން އެ މީހުން ހައްޖަށް ގެންދިއުމަށް ނުވަ މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރަންޖެހޭ ކަމަށެވެ.
މީގެ އިތުރުން، އެ ޖަމާއަތަށް ފައިސާ ދެއްކި މީހުންނަށް، ރަނގަޅު އިންތިޒާމްތަކެއް ވެސް އެ ޖަމާއަތުން ހަމަޖައްސައިދީފައިނުވާ ކަމަށް ވެސް މުނީޒާ ވިދާޅުވި އެވެ.
"ފަތުހު ޖަމާއަތަށް ފައިސާ ދެއްކި މީހުންނަށް ވަނީ ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސައި ނުދީ. އޭގެ ތެރޭގައި ޓިކެޓާއި ހައްޖަށް ގޮސް ހުންނާނެ ހޮޓާ ވެސް ހަމަޖައްސާފައި ނުވޭ. ހައްޖު ކޯޕަރޭޝަންގެ ފަރާތުން އެ އެންމެންނަށް ތަފާތު އެހީތައް ވުމަށް އޮތީ ތައްޔާރަށް،" މިނިސްޓަރުގެ ނައިބް ވިދާޅުވި އެވެ.
ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ފަތުހު ޖަމާއަތަށް ފައިސާ ދެއްކި ފަރާތްތަކުގެ ޓިކެޓަށް އެކަނި ވެސް 1.9 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށެވެ. އަދި ފަތުހު ޖަމާއަތުން ކަންކަން ކޮށްފައި ހުރީ ވަރަށް ދެރަވަރުކޮށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަމިއްލަ ޖަމިއްޔާތަކުގެ ހަވާލުގައި މީހުން ހައްޖަށް ގެންދިއުމުގެ ކަންކަމާ މެދު ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށް އިޝާރާތްކުރައްވައި ޝަހީމް ވިދާޅުވީ، ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ރާއްޖެ އިން ހައްޖަށްދާ މީހުންނަށް ހައްޖަށްދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ. އަދި އެކަން އެގޮތަށް ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިޔަ 500 ހައްޖާޖީން ރާއްޖެ އިން ފުރައިގެން އެދިޔައީ ވަރަށް ހިތްހަމަޖެހިގެން ހުރެ،" މިނިސްޓަރު ޝަވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ބައެއް ޖަމާއަތްތަކާ ގުޅޭ ގޮތުން ވަރަށް ދެރަވަރުގެ ހަބަރުތައް ލިބެމުންދާ ކަމަށާއި އެގޮތުން ސައުދީގެ ބައެއް ފަރާތްތައް ރާއްޖޭގެ ބައެއް ހައްޖު ޖަމާއަތްތަކުން ފައިސާ ނުދައްކާތީ އެފަދަ ޝަކުވާތައް ވެސް އަންނަމުންދާ ކަމަށެވެ.