12 Sep 2014, 20:28
އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ހައްޖަށް ގެންދިއުމަށް އެމީހުން އަތުން ފައިސާ ނެގި މައްސަލައާ ގުޅިގެން އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ޖަމާޢަތުގެ މެނޭޖިންގް ޑިރެކްޓަރު މ. އެކްސަލް، މުސްޠަފާ މުޙައްމަދު،68، ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން މުސްތަފާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެއާއި އަލްފަތުޙު ޙައްޖު އެންޑް ޢުމްރާ ޖަމާޢަތުގެ އޮފީސް ބަލައި ފާސްކުރުމަށް ފަހު މިއަދު އިރުއޮއްސި 6:00 އެހައިކަންހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެނގިފައިވާގޮތުގައި މި އަހަރު ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ، އެ ޖަމާއަތަށް އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާއަށްވުރެ އިތުރަށް ގިނަ ބަޔަކު ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ އެމީހުންގެ އަތުން ފައިސާ ނަގާފައިވާކަން އެނގިފައިވާ ކަމަށެވެ.
އަލްފަތުޙު ހައްޖު އެންޑް ޢުމްރާ ޖަމާޢަތުން މި އަހަރު ހައްޖަށް ދިއުމަށް ފައިސާ ދީފައިވާ ފަރާތްތަކުން، އެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފުލުހުންނާ ހިއްސާ ކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހައްޖަށް ދިޔުމަށްޓަކައި ފަތުހު ޖަމާއަތަށް ފައިސާ ދެއްކި ފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސާވިސްގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އިސްލާމިކް މިނިސްޓްރީންނެވެ.