ށ. މިލަންދޫ ބަނދަރުގައި އޮތް ބޯޓެއްގައި ބަހައްޓާފައި ހުރި ބޮޑު ބުދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލަކު ވިދާޅުވީ މިލަންދޫ ބަނދަރުގައި އޮތް އުފުލި ފާޑުގެ ބޯޓެއްގައި ބަހައްޓާފައި ހުރި ބުދެއްގެ މައުލޫމާތު ފުލުހުންނަށް ލިބުމުން އެސަރަހައްދަށް ގޮސް ބުދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
"ބުއްދާއޭ ކިޔާ ވައްތަރުގެ ބުދެއް އެއީ. އޭގެ މައުލޫމާތު ލިބިގެން ގޮސް ފުލުހުން ވަނީ އެ ނަގައިގެން ގެނެސްފައި،" މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.

ބޯޓުގެ މީހުން ބުނެފައި ވަނީ ބުދު ބޯޓަށް އަރުވާފައި ވަނީ ތިލަފުށިން ކަމަށެވެ. އަދި ބުނީ ބުދާއެކު އެމީހުން ދަތުރުކުރަނީ ތިލަފުށިން ކަމަށެވެ. ފުލުހުން ބުނީ އެ ބުދު ފުލުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ކަމަށެވެ.

"އެމީހުން އެ ބުދު ބޯޓަށް އަރުވައިގެން އަޅުކަން ކުރުން ކަހަލަ ކަމެއް ކުރީއެއް ނޫން. އެ ބުދު ބޯޓުގައި ބަހައްޓާފައިހުރީ،" ފުލުހުންގެ މީޑިޔާ އޮފިޝަލު ވިދާޅުވި އެވެ.

މި ބޯޓަކީ ދިވެހިން ތިބި ބޯޓެއް ކަމެއް ވެސް އަދި ކޮން ބައެއް ކޮން ނަމެއް ކިޔާ ބޯޓެއް ކަމެއް ވެސް ފުލުހުން ނުބުނެ އެވެ. މިކަމާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ނަމަވެސް ސަން އަށް އެނގިފައިވާ ގޮތުގައި ބޯޓުގައި ބަހައްޓާފައި ވަނީ ކްރިސްމަސްގައި ބޭނުން ކުރާ ސެންޓިކްލައުސްގެ ބޮޑު ބުދެކެވެ.