19:00


ހަނގުރާމަވެރިން 48 ގަޑިއިރު ތެރޭގައި ރަޝިޔާގައި ހަތަރު ބޮން ގޮއްވާލާ 51 މީހަކު މަރާލުމާ ގުޅިގެން މުޅި ގައުމުގައި ޓެރަރިޒަމްގެ ބިރުވެރިކަން ފެތުރިގެން ގޮސްފި އެވެ.


ރަޝިޔާގެ ވެރިރަށް މޮސްކޯގެ ރެއިލްވޭ ސްޓޭޝަނަކަށް ދިން ވަރުގަދަ ބޮމުގެ ދެ ހަމަލާއެއްގައި 39 މީހުން މަރާލާފައިވަނިކޮށް، އެގައުމުގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ އުތުރު ކޯކަސަސް ސަރަހައްދުގައިވެސް ދިން އިތުރު ދެ ހަމަލާއެއްގައި ވަނީ 12 މީހަކު މަރާލާފަ އެވެ. މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ފުލުހުންވެސް ހިމެނޭއިރު ޒަޚަމްވި މީހުންގެ އަދަދު ވަނީ 20 އަށް ވުރެ މައްޗަށް އަރައިފަ އެވެ.


ރަޝިޔާ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ޗެޗްނިޔާގެ ހަނގުރާމަވެރިޔެއް ކަމުގައިވާ ދޯކޫ އުމަރޯވް ވަނީ މޮސްކޯގެ ރެއިލްވޭ ސްޓޭޝަނުގައި ދިން ހަމަލާތަކުގެ ޒިންމާ އުފުލާފަ އެވެ. އޭނާ ވަނީ ރަޝިޔާގެ ސިޓީތަކަށް ހަމަލާދޭނެ ކަމަށް ބުނެ މީގެ ދުވަސްތަކެއް ކުރިން ވީޑިއޯ ރިކޯޑިންގެއް އާއްމުކޮށްފައި ކަމަށް ރިޕޯޓުތައް ބުނޭ،  ރަޝިޔާގައި އިއްޔެ ދިން ދެވަނަ ބޮމުގެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެ އެވެ.


މި ހަމަލާތައް ތަހުގީގުކުރުމަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާއިރު، ރަޝިޔާގެ ރައީސް ޑިމިޓްރީ މެޑްވެޑޭވް ވިދާޅުވެފައިވަނީ ޓެރަރިޒްމްގެ އަމަލުތައް ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އުޅުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ރަޝިޔާގެ ރައީސް ވަނީ ކޯކަސަސް ސަރަހައްދަށް ވަޑައިގެން އެތަނުގެ ވެރިންނާ ބައްދަލުކުރައްވާ، ހަނގުރާމަވެރިން ނައްތާލުމަށް އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މިއަދު މަޝްވަރާ ކުރައްވާފަ އެވެ.