12 Sep 2014, 19:15
މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރު އެންމެ މޮޅު ދަރިވަރަކަށް ތ. ގާދިއްފުށީ، އައްސޭރި އަހްމަދު މިސްބާހު ހޮވިއްޖެ އެވެ.
ދަރުބާރުގޭގައި ރޭ އޮތް އެ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގައި މިސްބާހަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި އިނާމާއި އެޑިއުކޭޝަން މިނިސްޓްރީގެ އިތުރުން މަޖީދިއްޔާ ސްކޫލާއި އެ ސްކޫލުގެ ޕީޓީއޭއިން ހުށަހެޅި އިނާމު ހަވާލުކޮށްދެއްވީ، ޝަރަފުވެރި މެހެމާން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަށް މަޖީދިއްޔާ ސްކޫލުން ދެމުންދާ "ގޯލްޑް އެވޯޑް" މިސްބާހަށް ލިބިފައިވާއިރު، އޭނާވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުން އަށް މާއްދާއިން އޭ ފާސް ހޯދައި ގައުމީ ގަދަ ދިހައިގެ އެއް ވަނައިގައި ހިމެނިފަ އެވެ.
މީގެ އިތުރުން، އިކޮނޮމިކްސް މާއްދާއިން ރާއްޖެއިން އެއް ވަނަ މަގާމާއި މުޅި ދުނިޔެއިން އެކޮނޮމިކްސް އިން ދެވަ ވަނަ މިސްބާހް ހޯދާފައިވެ އެވެ. އަދި ޓްރެވަލް އެންޑް ޓުއަރިޒަމް މާއްދާއިން މުޅި ދުނިޔެއިން ހަތް ވަނަ ވެސް އޭނާ ވަނީ ހޯދާފަ އެވެ.
ސީއެޗްއެސްސީގެ ގްރޭޑް 11 ގައި މިހާރު ތައުލީމު ހާސިލުކުރަމުންދާ މަޖީދިއްޔާ ސްކޫލުގެ ދިވެހި ޖަމިއްޔާ، އެކުވެރިންގެ ގުޅުމުގެ ކުރީގެ ރައީސް މިސްބާހް "ސަން" އަށް ބުނީ، ސްކޫލް ނިންމުމަށްފަހު ދާނެ ވަކި ދާއިރާއެއް އަދި ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް ވިސްނުން ހުރީ އިގްތިސޯދީ ދާއިރާއަކުން ކުރިއަށްދިއުމަށް ކަމަށް އޭނާ ބުންޏެވެ.
މަޖީދިއްޔާ ސްކޫލުގެ ގޯލްޑް ސްޓާ އަކަށް މިސްބާހު ހޮވިފައިވާއިރު، އެ ސްކޫލުގެ މިދިޔަ އަހަރުގެ ސިލްވާ ސްޓާގެ އެވޯޑު ހޯދާފައިވަނީ އަހްމަދު ސާއިބު އަލީ އެވެ. އަދި ބްރޯންޒް ސްޓާ އެވޯޑު ހޯދާފައިވަނީ މުހައްމަދު ނަޒުހާން ނަޒީރެވެ.
ރޭގެ ޖަލްސާގައި، މަޖީދިއްޔާ ސްކޫލުން މިދިޔަ އަހަރު އެކި ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އިނާމް ހަވާލުކޮށްފައިވާއިރު، ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް ވެސް ވަނީ އިނާމް ހަވާލުކޮށްފަ އެވެ.