12 Sep 2014, 17:17
ރާއްޖޭގެ ޒުވާނުން ވިޔަފާރީގެ ތެރެއަށް ނެރުމަށްޓަކައި ޔޫތު އެންޓްރަޕިނިއާޝިޕް ޕްރޮގްރާމެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ދަރުބާރުގޭގައި ރޭ އޮތް މަޖީދިއްޔާ ސްކޫލުގެ މިދިޔަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ތައުލީމާއި ހުނަރު އަދި ތަމްރީންގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއްދޭ ކަމެއް ކަމަށެވެ. އެގޮތުން ޒުވާންނަށްޓަކައި ހާއްސަ ޕްރޮގްރާމެއް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ސައީދު ވިދާޅުވި އެވެ.
"ދަރިވަރުން ބޭނުންވާ ދާއިރާތަކުގެ ވަޒީފާތައް ފަހިކޮށްދޭނެ އިގްތިސާދީ މާހައުލެއް ގާއިމްކޮށްދިނުމަށްޓަކައި ސަރުކާރުން މުހިއްމު މަޝްރޫއުތަކެއް ފަށާފައިވަނީ...ކައިރި މުސްތަގްބަލެއްގައި ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ޔޫތު އެންޓްރަޕިނިއާޝިޕް ޕްރޮގްރާމެއް ފަށައިގަނެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ ތަރައްގީއަށް ވަރަށް ގިނަ ދާއިރާތަކުން މީހުން ބޭނުންވި ނަމަވެސް، މީހުން ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށް ފާހަގަކުރައްވައި ސައީދު ވިދާޅުވީ، ހުޅުމާލޭގައި ޔޫތު ސިޓީއެއް ގާއިމް ކުރުމުންނާއި އެސްއީޒެޑުގެ މަސައްކަތް ފެށިގެން ދިޔުމުން ކުރިން ރާއްޖޭގައި ނެތް އެތަކެއް ސިނާއަތްތަކަކުން ވަޒީފާއާއި ވިޔަފާރީގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި އެކަމަށް ދަރިވަރުން ވިސްނުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
"އުމްރާނީ، އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ގައުމު ތަރައްގީ ކުރުމަށް ދަރިވަރުންގެ ވަރަށް ބޮޑު ޒިންމާއެއް އެބަ އޮތް. އެ ޒިންމާ އަދާކުރުމަށް ސްކޫލް ދުވަސްވަރު ތައްޔާރުވުން މުހިއްމު. ގައުމުގެ ތަރައްގީގެ ލަނޑުތައް ހާސިލުކުރެވޭނީ ތިކުދިންގެ ލޯތަކާ ސިކުނޑިތައް ތަރައްގީގެ ތަސައްވަރު ހާސިލުކުރުމަށް ހުޅުވާލެވިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ، ކޮންމެ ދަރިވަރަކީ ގައުމަށް ވަރަށް މުހިއްމު ކުއްޖެއް ކަމަށެވެ. އަދި ރާއްޖެއަކީ މީސްކޮޅު މަދު ގައުމަކަށްވުމާ އެކު މި ގައުމުގެ އެންމެ ބޮޑު ރައުސް މާލަކީ ޒުވާން އާބާދީއާ ގުޅެންތިބި ތައުލީމީ ފަންނުވެރި ދަރިވަރުން ކަމަށް ވެސް ވިދާޅުވި އެވެ.