12 Sep 2014, 16:08
ދ. އަތޮޅު ތައުލީމީ މަރުކަޒުން، ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއަށް 11،000 ރުފިޔާ ހަދިޔާކޮށްފި އެވެ.
ކުޑަކުދިންގެ ހިޔާގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ވަނީ 11،000 ރުފިޔާގެ އިތުރުން 24 ހަދިޔާ ފޮށިގަނޑު ވެސް ހަދިޔާކޮށްފަ އެވެ. އެ އެހީ ކުޑަކުދިންގެ ހިޔާއާ ހަވާލުކޮށްދެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް އަހުމަދު މުހައްމަދެވެ. އަދި ކުޑަކުދިންގެ ހިޔާގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެލެއްވީ، އެތަނުގެ ސީއީއޯ ޒީނާޒް އަދުނާނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ޒީނާޒް ވިދާޅުވީ ހިޔާގައި އުޅޭ ކުދިންނަކީ މުޖުތަމައުއަށް ބޭނުން ހިފޭ ކުދިންތަކަކަށް ހެދުމަށް ޚާއްސަ ކަންތައްތަކެއް ކުރައްވާނެ ކަމަށެވެ.
"އަޅުނގަޑުމެން ޔަގީންކަން އަރުވަން ބޭނުން، ކުދިންނަށް ރައްކާތެރިކަމާ ހިމާޔަތް ލިބި އަދި މުޖުތަމައުއަށް ބޭނުން ހިފޭ ކުދިންތަކަކަށް ހިޔާއިން ނުކުންނަ ކުދިން ވެގެންދާފަދަ ހަރަކާތްތަކެއް ހިޔާގެ ތެރޭގައި ހިންގާ އެފަދަ ތަރުބިއްޔަތެއް ދެވޭނެ ފަދަ ތަނަކަށް ހިޔާ ހަދާނެ ކަމަށް،" ހިޔާގެ އާ ސީސީއޯ ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާއަށް ވެދިން އެ އެހީއަކީ އަތޮޅު ތެރޭގެ ސްކޫލަކުން އެ ސެންޓަރަށް ދެއްވި ފުރަތަމަ އެހީކަން އުފުލާއެކު ފާހަގަކޮށް، ޒީނާޒު ވަނީ އެ ސްކޫލަށް ޝުކުރު އަދާކޮށްފަ އެވެ.
އެ ރަސްމިއްޔާތަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަހްމަދު މުހައްމަދު ވިދާޅުވީ، ކުޑަކުދިންގެ ހިޔާއަށްޓަކައި ހަދިޔާކުރި އެހީއަކީ ސްކޫލުގެ މުވައްޒަފުންނާއި ބެލެނިވެރިން ހަދިޔާކުރި ތަކެތި ކަމަށެވެ. އަދި ހަދިޔާކުރި ފައިސާއަކީ ކުޑަކުދިންގެ ހިޔާއަށްޓަކައި އެއް ދުވަހަށް ހުޅުވާލި ފަންޑަކުން ލިބުނު ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުނގަޑުމެންގެ އުއްމީދަކީ ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް އެހީވާނެ ބަޔަކު ރާއްޖޭގައި އުފެދިގެން ދިއުން. ގިނަ ސްކޫލްތަކަކުން ވެސް އެހީވުން، ވީހާވެސް ގިނަ ރައްޔިތުންތަކެއް އެކުދިންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަ ދިނުން،" ޕްރިންސިޕަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ދާއިމީ ގޮތެއްގައި ކުޑަކުދިންގެ ހިޔާއަށް ފައިސާގެ އެހީވުމަށް އެސްކޫލުން ވިސްނަމުން އަންނަ ކަމަށެވެ.
ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއްގެ ދަށުން ދ. އަތޮޅު ތައުލީމީ މަރުކަޒުގެ 54 ޓީޗަރުންނާއި ނުވަ ސަޕޯޓް ސްޓާފުން މާލެއަށް ކުރި އެ ދަތުރުގައި މާލޭގެ ހަތަރު ސްކޫލަކަށް ޒިޔާރަތްކޮށްފައިވެ އެވެ.