12 Sep 2014, 14:38
ފަތުހު ޖަމާއަތަށް ހައްޖަށް ދިއުމަށް ފައިސާ ދެއްކި ފަރާތްތަކުން ހައްޖަށް ގެންދެވެން ނެތް ކަމަށް ފަހު ވަގުތު އެޖަމާއަތުން އެންގުމާއެކު ސަރުކާރުގެ ޚަރަދުގައި އެ 125 މީހުން ހައްޖަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެޖަމާއަތަށް ފައިސާ ދެއްކި 125 މީހުން ހައްޖަށް ގެންދެވެން ނެތް ކަމަށް ފަތުހު ޖަމާއަތުން އެންގުމާ އެކު އެކަން ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަމާލުކަމަށް އެކަން ގެނެސްފައިވާ ކަމަށެވެ. އަދި އެމަނިކުފާނުގެ އެންގެވުމުގެ މަތިން ސަރުކާރުގެ ޚަރަދުގައި އެ އެންމެން ހައްޖަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ.
"ފަހުން އެފައިސާ އެޖަމާއަތުން ހޯދުމަށް ޝަރުއީ މަރުހަލާތައް ކަޑައްތު ކުރުމަށް ރައީސް ވިދާޅުވެފައިވަނީ" ޑރ. ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އެ 125 މީހުން ހައްޖަށް ފޮނުވުމަށް ދައުލަތުން ކުރާ ޚަރަދު ފަހުން ދޭނެ ކަމަށް ފަތުހު ޖަމާއަތުން އެއްބަސްވެފައިވާ ކަމަށެވެ.
ފަތުހު ޖަމާއަތުން އެގޮތަށް އެންގެވުމުން އެމީހުން ހައްޖަށް ގެންދިޔުމުގެ ކަންކަން ހަމަޖެއްސުމަށް އިސްލާމިކް މިނިސްޓްރީން ޓާސްކް ފޯސްއެއް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށް ޑރ. ޝަހީމް ވިދާޅުވި އެވެ. އެގޮތުން އެމީހުން ހައްޖަށް ދިޔުމަށް ބޭނުންވާ ޓިކެޓުވެސް މިހާރު ނަގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ކުރިއަށްއޮތް ތިން ގަޑިއިރު ގެ ތެރޭގައި މިމީހުންގެ ހުރިހާ ކަމެއް، ސައުދީ އަރަބިއްޔާއާއި ދިވެހި ރާއްޖެއިން ކުރަންޖެހޭކަންކަން އެބަޖެހޭ އިންތިޒާމް ކުރަން،" ޑރ. ޝަހީމް ވިދާޅުވި އެވެ.
ފަތުހު ޖަމާއަތުން ހައްޖަށް ނުގެންދެވޭނެ ކަމަށް ފަހުވަގުތު ބުނި 125 މީހުންނަށް ބާއްވާ ޚާއްސަ ބައްދަލުވުމެއް މިރޭ 8:30 ގައި އިސްލާމިކް މިނިސްޓްރީގައި ބާއްވަން ވަނީ ހަމަޖައްސާފަ އެވެ. އެމީހުންނަށް ޓްރޭނިންގ ޕްރޮގްރާމެއް ވަރަށް އަވަހަށް ބާއްވާނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.