ޖިއްދާ (ސެޕްޓެމްބަރ 12) : އިރާގާއި ސޫރިޔާގެ ބޮޑު ސަރަހައްދެއް ހިފައިގެން އުޅޭ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިއެސް ނައްތާލުމަށް އެމެރިކާގެ ރައީސް ބަރަކް އިޢްލާން ކުރައްވާފައިވާ ޕްލޭންތަންފީޒު ކުރުމާބެހޭ ގޮތުން އެމެރިކާއާއި އަރަބި ގައުމުތައް ގުޅިގެން އިއްޔެ ނެރުނު ބަޔާނުގައި އަރަބި ދިހަ ގައުމެއްގެ ޚާރިޖީ ވަޒީރުން ސޮއިކުރައްވައިފި އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީއާ އެކު މިބަޔާނުގައި ސޮއިކުރެއްވި އަރަބި ޚާރިޖީ ވަޒީރުން ނިސްބަތްވެވަޑައިގަންނަވާ ގައުމުތަކަކީ އިރާގް، ސައޫދީއަރަބިޔާ، އުރުދުން، ލުބްނާން، މިސްރު، ކުވައިތު، ޔޫއޭއީ، ގަތަރު، އުމާން އަދިބަހްރައިން އެވެ. އައިއެސް ނައްތާލުމަށް އޮބާމާ އިޢްލާން ކުރައްވާފައިވާ ޕްލޭން ވިލަރެސް ކުރުމަށް ސައޫދީ އަރަބިޔާގެ ޖިއްދާގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި އައިއެސް އާ ދެކޮޅަށް އެމެރިކާ އެކުލަވާލާ އިއްތިޙާދުގައި ވެސް ބައިވެރިވާނެކަން ވެސް މި ދިހަ ގައުުމުގެ ޚާރިޖީ ވަޒީރުން ވަނީ ހާމަކުރައްވާފަ އެވެ.

މިބައްދަލުވުމުގައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީގެ އަރިހުގައި އަރަބި ދިހަ ގައުމެއްގެ ޚާރިޖީ ވަޒީރުންގެ އިތުރުން ތުރުކީގެ ޚާރިޖީވަޒީރު ބައިވެރިވެވަޑައިގެންނެވި ނަމަވެސް މި އިއްތިޙާދުގައި ސީދާ ގޮތެއްގައި ބައިވެރިނުވާނެ ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު ވިދާޅުވި އެވެ. އަދި ޖިއްދާގެ ބައްދަލުވުމުން ނެރުނު ބަޔާނުގައި ވެސް ތުރުކީގެ ޚާރިޖީވަޒީރު ސޮއިކުރައްވާފައެއް ނުވެ އެވެ.

މިކަމާ ބެހޭ ގޮތުން އެމެރިކާގެ ޚާރިޖީވަޒީރު ޖޯންކެރީ ވިދާޅުވީ ތުރުކީގެ މިނިންމުން ވިސްނިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އައިއެސްއާ ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ތުރުކީގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމުގަ އެވެ. ހުޅަނގުގެ އަސްކަރީ ޖަމާއަތް ކަމަށްވާ ނޭޓޯގައި ހިމެނޭ ހަމައެކަނި އިސްލާމީ ގައުމަކީ ތުރުކީ އެވެ. އައިއެސްއާ ދެކޮޅަށް ރުކުރުވާލާ އިއްތިޙާދުގައި ތުރުކީ ބައިވެރިނުވަނީ އައިއެސްޖަމާއަތުން ވަގަށްނަގާފައިވާ ތުރުކީގެ 49 މީހުންގެ ކަރުބުރިކޮށްކަތިލައިގެން އެމީހުން މަރާލާފާނެކަމުގެ ބިރު އޮތުމުން ކަމަށް ރިޕޯޓްތައްބުނެ އެވެ.
އައިއެސްގެ ނުރައްކާ އެންމެ ބޮޑަށްކުރިމަތިވެފައިވާ އެއްގައުމު ކަމަށްވާ ސޫރިޔާ މިއިއްތިޙާދުގައި ބައިވެރިކުރުމަށް ސައޫދީ އަރަބިޔާ ނުރުހޭނެތީ ސޫރިޔާ ވަނީ މިއިއްތިޙާދުންއެއްފަރާތްކޮށްފަ އެވެ.
ގަލްފުގެއެންމެ ބޮޑު އަސްކަރީބާރުކަމަށްވާ އީރާން ވަނީ އައިއެސްއަކީ ކިތަންމެ ނުރައްކާތެރި ޖަމާއަތެއް ނަމަވެސް އެމެރިކާގެ ކޮމާންޑްގެ ދަށުންރުކުރުވާލާއި އްތިޙާދެއްގައި ބައިވެރިނުވާނެކަންހާމަކޮށްފަ އެވެ. އެމެރިކާ ވެސް ވަނީ އީރާނަކީ އިސްރާއީލު ނައްތާލުމަށް ގޮވާލާ ގައުމަކަށްވުމުގެ އިތުރުން އެމެރިކާއަށް ވެސް އިތުބާރު ނުކުރެވޭ ގައުމަކަށްވާތީ އެމެރިކާގެ ކޮމާންޑްގެ ދަށުން އެކުލަވާލާމި އިއްތިޙާދުގައި އީރާން ބައިވެރިނުކުރާނެކަމަށްބުނެފަ އެވެ.

އައިއެސްއާ ދެކޮޅަށް އެމެރިކާ އިޢުލާންކޮށްފައިވާ ހަނގުރާމައިގެ ޕްލޭން ބިނާވެފައި ވަނީ މައިގަނޑުހަކަމެއްގެ މައްޗަށެވެ. މީގެ ތެރޭގައި ވައިގެ މަގުން އައިއެސްގެ ހަނގުރާމަވެރިންނާއި މަރުކަޒުތަކަށް ޙަމަލާދިނުމާއި އެ ޖަމާއަތަށް ފައިސާއާއި ވަސީލަތްތައް ލިބޭނެދޮރުތައް ބަންދުކުރުމާއި ދުނިޔޭގެ އެކި ގައުމުތަކުގައި އެ ޖަމާއަތުގެ ހަރަކާތްތައް ހިނގާގޮތްތައް ބަލައި ޖާސޫސުކުރުމާއެކު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުންހިމެނެ އެވެ.
އަދި އައިއެސްގެ ފިކުރާއި އައިޑިއޮލޮޖީއާ ދެކޮޅަށް ހަރަކާތްތެރިވުމާއި އެ ޖަމާއަތުގެ ސަފުތަކުގައި ބައިވެރިވުމަށް ދުނިޔޭގެ ކަންކޮޅުތަކުން އިރާގާއި ސޫރިޔާއަށް ދާމުސްލިމުން ހުއްޓުވުމާއި އައިއެސްއިން ދީފާނެ ކުއްލި ހަމަލާތަކަކުން ސަލާމަތްވުމަށް އެމެރިކާ އާއި ޔޫރަޕްގެ އެތެރޭގެ ދިފާޢުވަރު ގަދަކުރުން ވެސް ހިމެނޭކަމަށް އޮބާމާ ވިދާޅުވެފައިވެ އެވެ.
އައިއެސްއާ ދެކޮޅަށް އެމެރިކާ ރުކުރުވާލާ ބައިނަލްއަގްވާމީ ކޯލިޝަންގައި 40 އަށް ވުރެ ގިނަ ގައުމުބައިވެރިވާނެ ކަމަށް އޮބާމާ ވިދާޅުވި ނަމަވެސް އައިއެސް ނައްތާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. އެމެރިކާއާއި ނޭޓޯގެ ގައުމުތަކުން އެންމެ ޒަމާނީ ހަތިޔާރާ އެކު އިރާގާއި އަފްޣާނިސްތާނުގައި ދިހަ ބާރަ އަހަރުވަންދެން ހަނގުރާމަކޮށްގެން ތާލިބާނުންނާއި އިރާގުގެ ހަނގުރާމަވެރި ޖަމާއަތްތައް ބަލިކޮށްލެވިފައިނުވާއިރު އައިއެސްގެ މައްޗަށް ވެސްކާމިޔާބު ހޯދުމަކީ އެމެރިކާ އަށް ކުރެވިދާނެ ކަމެއްކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

އައިއެސްއިން އެމެރިކާގެ ދެމީހެއްގެ ކަރުބުރިކޮށްލައި ކަތިލާލައިގެން މަރާލާފައިވީ ނަމަވެސް އެ ޖަމާއަތުގެ އަނިޔާވެރިކަމާއި މީހުން މެރުމުގެ ޖަރީމާތަކުގެ ޝިކާރައަކަށް ބޮޑަށް ވެފައި ވަނީ އިރާގާއި ސޫރިޔާގެ މުސްލިމް ރައްޔިތުންނެވެ. އަދި އައިއެސް ނައްތާލުމުގެ ނަމުގައި އިރާގާއި ސޫރިޔާ އަށް އެމެރިކާދޭ ޙަމަލާތަކުގައި ވެސް މަރުވާނެ ކަމަށް ބެލެވެނީ އެ ދެ ގައުުމުގެ އާންމު ރައްޔިތުންނެވެ. ޓެރަރިޒަމާ ހަނގުރާމަ ކުރުމުގެ ނަމުގައި އަފްޣާނިސްތާނާއި ޕާކިސްތާނަށް އެމެރިކާ ދެމުންގެންދާ ހަމަލާތަކުގެ ޝިކާރައަކަށް ވެސް ވެފައި ވަނީ އެ ދެ ގައުމުގެ ކުށެއް ނެތް އާންމުންނެވެ. (ނޫސްއެޖެންސީތައް)