12 Sep 2014, 09:52
ސިއްހީ އަދި ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާތައް ކުރުމަށް ލަންކާއާ އެކު ދެ ސަބްކޮމިޝަނެއް އުފައްދަން ހުށައަޅާފައިވާ ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވެއްޖެ އެވެ.
ލަންކާގައި ބޭއްވި "ޖޮއިންޓް ކޮމިޝަން" ބައްދަލުވުން ނިންމާލުމަށްފަހު ރޭ ރާއްޖެ ވަޑައިގެން ފޮރިން މިނިސްޓްރީގައި މީޑިއާއަށް މައުލޫމާތު ދެއްވަމުން ދުންޔާ ވިދާޅުވީ އެ ބައްދަލުވުމުގައި ރާއްޖެއިން ވަރަށް ގިނަ ކަންކަމާ މަޝްވަރާކޮށްފައިވާ ކަމަށާއި އެންމެބޮޑު އިސްކަމެއް ދީގެން މަސައްކަތް ކޮށްފައި ވާނީ ރާއްޖޭގެ ސިއްހީ އަދި ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަޝްވަރާތަކަށް ކަމަށެވެ.
"އެ ބައްދަލުވުމުގައި ރާއްޖެއިން ހުށަހެޅި ދެ ސަބްކޮމިޝަން އުފެއްދުމަށް. މި ސަރުކާރުން އަބަދުވެސް ބަލަނީ ދިވެހި ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަށް. އެހެންވީމަ ސްރީލަންކާގައި މަޝްވަރާ ކުރިން އަޅުގަނޑުމެންނަށް ބޭނުންވާ ޑޮކްޓަރުންނާއި ޓީޗަރުން ހޯދުމަށް،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ އެ ސަބްކޮމިޝަން އުފެދުމުން ސަރުކާރުގެ އުންމީދަކީ އެ ދެ ދާއިރާ ވެސް އިތުރަށް ހަރުދަނާވެ ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް އިތުރަށް ރަނގަޅުވެގެން ދުޔުން ކަމަށެވެ.
އެކަމަނާ ވިދާޅުވީ ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންނަކީ ސްރީލަންކާއިން އެކި ކަންކަމަށް ބޭސްފަރުވާ ކުރުމަށް ވަރަށްގިނައިން ދާ ބަޔަކަށްވާ އިރު އެތަނުގައި ފަރުވާ ހޯދުމުގެ އަގުތައް ހުރީ ވަރަށް މަތީގައި ކަމަށެވެ. އެހެންކަމުން އަގުތައް އިތުރަށް ބަލައި އެކަމުގައި އެއްވެސް ކަހަލަ އެހީތެރިކަމެއް ފޯރުކޮށްދެވިދާނެތޯ ވެސް އެ މަޝްވަރާތެރޭގައި ދަންނަވާފައިވާނެ ކަމަށް ދުންޔާ ވިދާޅުވި އެވެ.
އެގޮތުން އެ މަޝްވަރާގެ ޖަވާބަކަށް ސްރީލަންކާގެ ފޮރިން މިނިސްޓަރު ވެސް އެކަން ބެއްލެވުމަށްފަހު ވަރަށް އަވަހަށް ޖަވާބެއް ދެއްވާނެކަމަށް ވިދާޅުވެފައިވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓަރާއި ފިޝަރީޒް މިނިސްޓަރާ އެކު ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ރާއްޖޭގެ ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން ޓޫރިޒަމާއި ސަގާފީ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވި ކަމަށް ވެސް ދުންޔާ ވިދާޅުވި އެވެ.