ރާއްޖޭގެ ކުންފުނިތަކުން އުފައްދާ މަހާއި މަހުގެ އުފެއްދުންތައް ރަޝިއާއަށް އެކްސްޕޯޓް ކުރަން މަޝްވަރާކޮށްފިއެވެ.

އެމަޝްވަރާތައް ބާއްވާފައިވަނީ ލަންކާގައި ހުންނަވާ ރަޝިއާގެ އެމްބެސަޑާ އެލެކްޒެންޑާ އޭ ކަރްޗާވާއި އާއެކު ދިވެހި ސަރުކާރުގެ ބައެއް އިސްވެރިންނެވެ. އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެބައްދަލުވުމަކީ ސަރުކާރުގެ ޚާއްސަ ވަފްދު ލަންކާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

އެބައްދަލުވުމުގައި މިނިސްޓަރު ޝައިނީ ވިދާޅުވީ ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ޑިއުޓީ މާފުކޮށްދިނުން ހުއްޓާލުމާ ގުޅިގެން ރާއްޖޭގެ ކުންފުނިތަކަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެހެން ބާޒާރުތަކަށް އެކްސްޕޯޓް ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ދިވެހި ކުންފުނިތަކުން ރަޝިއާއަށް މަސް އެކްސްޕޯޓް ކުރަން ބޭނުންވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ރަޝިއާގެ ފެދެރަލް އޭޖަންސީ ފޯ ފިޝަރީޒް ވަފުދެއް ރާއްޖެއަށް އައިސް ކުންފުނިތައް އޯޑިޓްކޮށް ވީހާވެސް އަވަހަކަށް އެކްސްޕޯޓްކުރުމަށް މަގުފަހިކޮށްދެއްވުމަށް އެދެން،" ޑރ. ޝައިނީ ވިދާޅުވިއެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުވަމުން ރަޝިއާގެ އެމްބެސަޑާ ކަރްޗާވާއި ވިދާޅުވީ ރާއްޖެއިން ރަޝިއާއަށް މަސްއެކްސްޕޯޓް ކުރުމަށް މަސައްކަތް މިކުރާ ވަގުތަކީ ވަރަށް މުނާސަބަތު ވަގުތެއް ކަމަށާއި ރަޝިއާގެ ސަރުކާރާއި ގުޅިގެން އަދި އޭނާގެ އަމިއްލަ ހައިސިއްޔަތުންވެސް ރާއްޖެއަށް ވެވެންއޮތް އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށެވެ.