ފުލުހުންނާ ފުލުހުންގެ ޢާއިލާތަކަށް ބޭސްފަރުވާ ކުރުމުގައި މިހާރަށްވުރެ ފަސޭހަ އަދި ހަރުދަނާ ނިޒާމެއް ޤާއިމް ކުރުމުގެގޮތުން ޕޮލިސް މެޑިކަލް ކައުންޓަރެއް އޭޑީކޭ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.

އޭޑީކޭ ހޮސްޕިޓަލުގައި މި މެޑިކަލް ކައުންޓަރު ހުޅުއްވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އާއި އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑައިރެކްޓަރ އަޙްމަދު ޢައްފާލުއެވެ.

ފުލުހުންނާ ފުލުހުންގެ ޢާއިލާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް ދެއްކުމަށާއި ބޭސްނެގުމަށް ބޭނުންވާ ސްލިޕް މިހާތަނަށް ދޫކުރަމުން ދިޔައީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ހުންނަ ޕޮލިސް މެޑިކަލް ކައުންޓަރުންނެވެ.

ޕޮލިސް މެޑިކަލް ޑިޕާޓްމަންޓުގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ފަޒްނީން ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލުގައި ފުލުހުންގެ މެޑިކަލް ކައުންޓަރެއް ހުޅުވުމުން ފުލުހުންނާ ފުލުހުންގެ އާއިލާތަކަށް އެ ހޮސްޕިޓަލުން ޚިދުމަތް ހޯދުމުގައި ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެކަމަށެވެ. ޕޮލިސް މެޑިކަލް ކައުންޓަރު ހުންނަނީ އެ ހޮސްޕިޓަލަށް ވަދެގެންދާއިރު ރެސްޓޯރެންޓް ކައިރީގައެވެ.

އޭޑީކޭ ހޮސްޕިޓަލުގައި ޕޮލިސް މެޑިކަލް ކައުންޓަރެއް ހުޅުވިގެންދިޔައީ މޯލްޑިވްސް ޕޮލިސް ސާވިސްގެ މެޑިކަލް ޑިޕާޓްމަންޓާއި އެހޮސްޕިޓަލާއެކު ކުރެވުނު މަޝްވަރާތަކަކަށްފަހުއެވެ. މި ފަދަ ޚިދުމަތެއް ލިބުމުގެ މަގު ތަނަވަސްވެގެންދިޔައީތީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖްމަންޓަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ޝުކުރު އަދާކުރިއެވެ.