މާއިން (އަސްލު ނަމެއް ނޫން) އަކީ މާލޭ ސްކޫލެއްގެ ގްރޭޑް ތިނެއްގައި ކިޔަވަމުން އަންނަ ކުއްޖެކެވެ. ބަސް އަހާ ތޫނު ފިލި ކުއްޖެކެވެ. ވޭތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މާއިންއަށް ވަނީ ހިތްދަތި އިހްސާސްތަކެއް ކުރަން ޖެހިފަ އެވެ. ގްރޭޑް ކްލާހަށް ޕްރޮމޯޓްވި ހިސާބުން ފެށިގެން އެކުގައި އުޅޭ ކުދިންގެ ފަރާތުން އޭނާއަށް އުނދަގޫތަކެއް ކުރިމަތިކލާން ޖެހުނެވެ. ކްލާސް ބަދަލުވެގެން ދިޔައިރު އެކުގައި އުޅޭނޭ ރައްޓެހި ކުއްޖަކު ނެތެވެ. އެކަނިވެރިކަން ވަނީ، އެ ކުޑަ ކުއްޖާ ވަށާލައިފަ އެވެ. ކޮންމެ ދުވަހަކުހެން ސްކޫލް ނިމިގެން ގެއަށް ދަނީ ހިތާމައިން ރޮއިރޮއި ހުންނަ ހާލުގަ އެވެ.

މާއިން އަށް އެންމެ ހިތްދަތި ތަޖްރިބާތަކެއް ކުރަން ޖެހޭ އެއްވަގުތަކީ، އޭނާ އެކުދީންތަކަކާ އެކު އެންމެ އެކުގައި އުޅޭން ބޭނުންވާ، އޭނާ ކިޔަވަންދާ ސްކޫލްގެ ކްލާސްގަޑި އެވެ. ކްލާސް ކުދީންގެ ފަރާތުން ކޮންމެ ދުވަހަކުހެން މަލާމާތާއި ފުރައްސާރައާއި ޖެއްސުންކުރުމާ ކުރިމަތިލާން ޖެހޭއިރު އެކުދިން މާއިން ކިޔަވަން ގެންގުޅޭ ފޮތްތައް ވީދާލައި އެނޫން ވެސް ތަފާތު ގޯނާތައް ކުރިމަތި ކުރުވަ އެވެ. އަދި ހަމަ އެހެންމެ ކްލާސް ކުދިން އެކުގައި ތިބެގެން މަޖާކޮށް އުފާކޮށް ހަދާއިރު މާއިން ހުންނަނީ އެހުރިހާ ކަމަކުން އެކަހެރިކޮށްލާފަ އެވެ. މި ހުރިހާ ކަމެއް އެންމެ ގާތުން މާއިން ހިއްސާކުރާ އެކަކީ އޭނާގެ ޓީޗަރެވެ. ނަމަވެސް ޓީޗަރުގެ ފަރާތުން ފެނިގެންދިޔައީ ޒިންމާދާރުކަން ކުޑަ އަމަލުތަކެކެވެ.

ހުރިހާ ކުދިންގެ ކުރިމަތީގައި އޭނާ ބޭޒާރުކޮށްލީ އެވެ. ދޮގު ނުހެދުމަށާއި "އަނގަ މަޑުން ލައިގެން ހުރުމަށް" އެންގީ އެވެ. އެންމެ ފަހުން ޓީޗަރަކު ދަރިވަރަކާ މުއާމަލާތް ކޮށްގެން ނުވާނޭ ބީދައަކުން މާއިން އާ ދިމާލަށް "މަގުމަތީ ބަހުރުވައިން" މުހާތަބުކުރަން ވެސް ފެށީއެވެ. އެކަމުގެ ސަބަބުން މާއިންއަށް މަލާމާތާއި ފުރައްސާރަކުރާ ކުދީންނަށް ލިބިގެންދިޔައީ އިތުރު ހިތްވަރެކެވެ.

އުމުރުން އެންމެ އަށެއްކަ އަހަރުގެ ކިޔަވަން މޮޅު ތޫނުފިލި މާއިންގެ ކިޔެވުމަށް އެންމެ ފަހުން ބުރޫ އަރަން ފެށި އެވެ. އަދި އޭނާގެ ބެލެނިވެރީންނަށް އެކަން ފާހަގަކުރެވެން ފެށި ހިސާބުން އެކަމާ ސުވާލުކޮށް ހަދަންފެށި އެވެ. އެހެން ނަމަވެސް މާއިން އަށް އެ ކަންތައްތައް އޭނާގެ ބެލެނިވެރިންނާ ހިއްސާކުރަން ޖެހިލުންވި އެވެ. ވީގޮތް އޮޅުން ފިލުވައި މާއިންގެ ބެލެނިވެރިން އެކަން ސްކޫލުގެ ސަމާލުކަމަށް ގެނައެވެ.

އެންމެ ފަހުން މާއިން އަށް ކުރިމަތިވަމުން ދިޔަ ކަންތައްތަކުގެ ވާހަކަ ސޯޝަލް މީޑިއާއަށް ފެންމަތިވެ، ގިނަ ބަޔަކު އެވާހަތައް ދައްކަން ފެށި އެވެ. އަދި "ބުލީ" ކުރުމާ ދެކޮޅަށް ވާހަކަތައް ދައްކަން ފެށި އެވެ. އެކަން ހަރުކަށި އިބާރާތުން ކުށްވެރި ވެސް ކޮށްފަ އެވެ. ނަމަވެސް ހަގީގަތަކީ ބުލީ ކުރުމަކީ އިއްޔެ މެންދުރު ވެގެން އުޅޭ ކަމެއް ނޫން ކަމެވެ. އެކަމަކީ ފިޔަވަޅު އަޅަން މަޖުބޫރު، ބިރުވެރި އަމަލެކެވެ. ހޭލުންތެރިކުރަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ.

ސްކޫލެއްގައި ދަރިވަރުންނަށް ކައުންސެލިންދޭ ފާތިމަތު ނުހާ ވިދާޅުވީ، "އާންމުކޮށް ކުދިން ކައުންސެލިން ހޯދަން އަންނަ ސަބަބުތަކުގެ ތެރޭގައި ބުލީކުރުން ހިމެނޭ" ކަމަށެވެ. އަދި އެފަދަ ކަންތައްތަކުގައި އާންމުކޮށް ކައުންސެލިން ހޯދަނީ ގްރޭޑް ހަ އަކާއި ނުވައަކާ ދޭތެރޭގެ ދަރިވަރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނުހާ ވިދާޅުވީ، ބުލީ ކުރުމުގެ މައްސަލަތައް މިހާރު ވަނީ، އަނގައިން ބުނެލާ ބަހަކުން ނުވަތަ ދިމާކުރުމަކުން ކުއްޖާއަށް އަސަރު ކުރުވުމަށްވުރެ ނުރައްކާ ހާލަތަކަށް ގޮސްފައި ވާކަށެވެ. ކުއްޖާ އަށް ޖިސްމާނީ އަނިޔާ ދީގެންނާއި ނަފްސާނީ ގޮތުން ބިރުދައްކައިގެން ބުލީކުރުން ވެސް މިހާރު ވަނީ އާންމު ވެފައި ކަމަށެވެ.

"މިހާރަކަށް އައިސް ބްލެކްމެއިލް ކޮށްގެން ބުލީ ކުރުން އިތުރު. މިސާލަކަށް ކަމެއް ކޮށްގެން އެކަން ބަސްޓް ކޮށްލާނެ ކަމަށް ބުނެ ކަންތައްތަކަށް އެދުން. ނުވަތަ ލާރި ގެންގޮސްދޭން ބުނުން. ބައެއް ހާދިސާ ތަކުގައި ލާރި ގެންގޮސްފައި ވެސް އެބަހުރި،" ނުހާ ވިދާޅުވި އެވެ.

ކުއްޖަކު ބުލީގެ ޝިކާރައަކަށް ވެފައިވާ ގޮތް ދެނެގަންނާނީ ކިހިނަކުން ހެއްޔެވެ؟ އެފަދަ ކުދީން ދެނެގަންނާނޭގޮތް ވެސް ނުހާ ހިއްސާ ކުރި އެވެ. އެގޮތުން ޖިސްމާނީ ގޮތުން ބުލީ ކުރުމުން ކުދިންގެ ހަށިގަނޑުގައި އެފަދަ ކަންކަމުން ލިބިފައިހުންނަ އަނިޔާގެ ނިޝާންތައް ހުރުމާއި ހިޔާލީ ދުނިޔެއަކަށް ގެއްލިފައި ހުރެ، ކުއްލިކުއްލިއަށް ސިއްސައިގެން ދިއުން ފަދަ ކަންކަން މެދުވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ސްކޫލަށް ދާން ދެކޮޅު ހެދުމާއި، ސްކޫލުގެ ބައެއް ހަރަކާތްތަކުގައި ބައިވެރިނުވުން ވެސް ހިމެނޭ ކަމަށް ނުހާ ވިދާޅުވި އެވެ.

ބުލީކުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިހެއްޔެވެ؟ ނުހާ ގަބޫލުކުރައްވާ ގޮތުގައި، ބުލީ ކުރުން ހުއްޓުވުމަށް އެންމެ އިސް ދައުރެއް އަދާ ކުރެވޭނީ ދަރިވަރުންގެ ބެލެނިވެރިންނަށެވެ. އެގޮތުން ކުޑަކުއްޖަކު ބޮޑުވަމުން އަންނައިރު އެކުއްޖާއަށް ބުލީ ކުރުމަކީ ކޮބައިކަމާ އެފަދަ ކަމެއް ދިމާވުމުން ލަސްނުކޮށް ބެލެނިވެރިންނާ ހިއްސާކުރަން ހިތްވަރުދިނުމާއި، ބެލެނިވެރިންނާއި ކުދީންނާ ދެމެދު އޮންނަ ގުޅުން ވީހާވެސް ހަރުދަނާ ކުރާން ޖެހެ އެވެ.

"ބުލީ ކުރުމުން ދިމާވާ ކަންތައްތައް ކުއްޖާ ބެލެނިވެރިޔާއަށް ކިޔައިދިނުމުން އެކަމަށް ވީހާވެސް އަވަހަށް ސަމާލުކަންދީ، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރަން ޖެހޭ. އެއީ ސްކޫލެއްގައި ނަމަ، ކަމާގުޅޭ ބޭފުޅުންނާ ވާހަކަދައްކައިގެން އެކަން ހައްލުކުރުމަށް ވެސް ބެލެނިވެރިން މަސައްކަތްކުރަންޖެހޭ،" ކައުންސެލާ ވިދާޅުވި އެވެ.

ބުލީ ކުރުމަކީ އޭގެ ނުރައްކާތެރިކަން ހީވެސް ނުކުރާފަދަ ދަރަޖައަށް ހިނގައިދާނެ ކަމަކަށް ވާއިރު ވެސް ކަމާބެހޭ ފަރާތްތަކުން އެދެވޭ ފެންވަރެއްގައި އެކަމާ ދެކޮޅަށް މަސައްކަތް ނުކުރާކަން ނުހާ ފާހަގަކުރައްވަ އެވެ. އަދި މިހާރަށްވުރެ ބޮޑަށް ދަރިވަރުންނަށާއި ބެލެނިވެރިންނަށް ބުލީ ކުރުމަކީ ކޮބައިކަމާއި، އޭގެ ނުރައްކާތެރިން ކަން ކިޔައިދީ ހޭލުންތެރި ކުރުވާން ޖެހޭ ކަމަށް ނުހާ ވިދާޅުވި އެވެ.

އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސެއިން ސައީދު ދެކިލައްވާ ގޮތުގައި ވެސް ބުލީ ކުރުން ހުއްޓުވުމުގައި އެންމެ އިސް ވާޖިބެއް އަދާކުރެވޭނެ އެއް ބަޔަކީ ބެލެނިވެރިންނެވެ. އެގޮތުން، އެފަދަ މައްސަލައެއް ފާހަގަކުރެވިއްޖެ ނަމަ އެކަން ސިއްރުނުކޮށް، އަވަހަށް ސްކޫލަށް އެންގުމަށް ބެލެނިވެރިންގެ ކިބައިން އޭނާ އެދިވަޑައިގަތެވެ.

"ކޮންމެ ދުވަހަކު ވެސް ބެލެނިވެރިން ދަރިވަރުން ކައިރީގައި އަހަންވާނެ އެދުވަހެއްގެ ކަންތައް ކިހިނެތްތޯ. އެއީ ބެލެނިވެރިންގެ ވާޖިބެއް. ބުލީ ކުރުން ފަދަ ކަމެއް ވާނަމަ، ޓީޗަރަށް ނުވަތަ ޕްރިންސިޕަލަށް އެކަން ހިއްސާކުރެވޭނެ،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ބުލީ ކުރުމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަށް ބައެއް ސްކޫލްތަކުގައި ކަންތައްތަކެއް ހިންގާ ކަމަށެވެ. ނަމަވެސް އެކަމަށް ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް މިހާރަށްވުރެ ބޮޑަށް ގައުމީ ފެންވަރުގައި މަސައްކަތްތަކެއް ކޮށް، ކުއްޖާއަށްޓަކައި މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސްކޫލްތަކުގައި ބުލީ ކުރާ މައްސަލައާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވެސް ވަނީ ފިޔަވަޅުތަކެއް އަޅަންފަށައިފައެވެ. އެގޮތުން ސްކޫލްތަކުގެ މެނޭޖްމަންޓަށް ހިންގާ ލައިފް ސްކިލް ޕްރޮގްރާމްތަކުގައި ވެސް ބުލީކުރުމާ ގުޅޭގޮތުން މައުލޫމާތުދީ ހޭލުންތެރިކުރުވާ ކަމަށް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު ވިދާޅުވި އެވެ.

ބުލީ ކުރުމުގެ ސަބަބުން ބައެއް ހާލަތްތަކުގައި ކުއްޖާއަށް އެކަން ތަހައްމަލު ނުކުރެވި އަމިއްލައަށް މަރުވުންފަދަ ބިރުވެރި އަދި ހިތާމަވެރި ހާދިސާތައް ވެސް ބައެއް ގައުމުތަކުގައި ހިނގަމުންދާކަން ފާހަގަކޮށްލެވެ އެވެ.

އޭޑީކޭ ހޮސްޕިޓަލުގެ ނަފްސާނީ ޑޮކްޓަރެއް ކަމަށްވާ ޑރ. ބައްޝާރު އަބްދުﷲ ވިދާޅުވީ، ބުލީ ކުރުމާ ގުޅިގެން މަދުން ނަމަވެސް ކުދިން ފަރުވާ ހޯދަން އަންނަ ކަމަށެވެ. އެގޮތުން ބުލީ ކުރުމާ ގުޅިގެން ޑިޕްރެސް ވެގެން މަހަކު ގާތްގަނޑަކަށް ފަސް ވަރަކަށް ކުދިން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބުލީ ކުރުމަކީ ނުރައްކާތެރި އަމަލެއް. އެއީ ބޮޑު ކުށެއް. ބުލީ ކުރުމުގެ ސަބަބުން މާލޭގައި ބައެއް ކުދިން ސްކޫލުން ވަކިވެފައިވޭ. އަދި ބައެއް ކުދިން ބުލީ ކުރުމުގެ ސަބަބުން މަސްތުވާތަކެއްޗާ ދިމާލަށް ވެސް ގޮސްފައިވޭ. އެފަދަ ދަރިވަރުންނާ ވަނީ ދިމާވެފައި،" ޑރ. ވިދާޅުވި އެވެ.

ބުލީ ކުރުން ހުއްޓުވުމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނީ ބެލެނިވެރިންނަށާއި ޓީޗަރުންނަށް ކަން ފާހަގަކުރަމުން ޑރ. ބައްޝާރު ވިދާޅުވީ، ބުލީ ކުރުން ހުއްޓުވުމަށްޓަކައި އެފަދަ ކަންކަން އާންމުކޮށް ހިނގާ މާހަލުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އެޅިދާބެ ކަމަށެވެ. އެގޮތުން ކްލާސް ރޫމްތަކުގައި ސީސީޓީވީ ކެމެރާ ފަދަ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބުލީ ކުރާ ކުދިންނާއި ބައެއް ފަހަރު ބުލީ ކުރާ ޓީޗަރުވެސް ހޯދައި އަދަބު ދެވެންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުލީ ކުރާ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ސްކޫލްތަކުގައި ބުލީ ކުރުމުގެ މައްސަލަތައް މަދުން ނަމަވެސް ފުލުހުންނަށް ހުށަހަޅޭ ކަމަށެވެ. އަދި އެ މައްސަލަތައް ގިނައިން ހުށަހަޅަނީ ބެލެނިވެރިން ކަމަށާއި، ބުލީ ކުރުމުގެ އެފަދަ މައްސަލަތައް ފުލުހުންނަށް ހުށަހެޅުމާ އެކު އެ މައްސަލަތައް ވާހަކަދައްކައިގެން ހައްލުކުރާ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.

ބުލީ ކުރުމަކީ، ހަމަ ހަގީގަތުގައި ވެސް މިހާރު، ގައުމީ ފެންވަރެއްގައި ވާހަކަ ދެކެވެން ވެއްޖެ މައްސަލައެކެވެ. އެކަމަށް މީހުން ހޭލުންތެރި ކުރުވުމުގައި ގައުމީ ފެންވަރުގެ ކެންޕެއިނެއް ހިންގަން އެބަ ޖެހެއެވެ. މިއީ އާދައިގެ ކަމަކަށް ހަދާލައިގެން ތިއްބައި ހީވެސް ނުކުރާ ފަދަ ބިރުވެރި ހާދިސާތަކަކާ ކުރިމަތި ލުމަކީ ދުރު ނޫން ކަމެއްކަން އެންމެވެސް ދަންނަން އެބަ ޖެހެއެވެ.