19 Jan 2011, 12:12
ރާއްޖޭގައި ނޫޅޭ ޖަނަވާރާއި ދޫނި ސޫފާ ސޫފި ބޭރުން އެތެރެކޮށްގެން މިހާރު ގެންގުޅެމުންދާ ކަމަށާއި އެ ސޮރުމެންގެ ސަބަބުން ޖަނާވަރަށް ޖެހޭ އާ ބަލިތަކެއް ރާއްޖޭގައި ފެތުރިގެން ހިނގައިދާނެކަމުގެ އިންޒާރު އެގްރިކަލްޗާ މިނިސްޓްރީން ދީފި އެވެ.
ޖެނުއަރީ 17، 2010 ގައި ނެރުނު ގެޒެޓްގައި ޝާއިއުކޮށްފައިވާ އެގްރިކަލްޗާ މިނިސްޓްރީގެ އިއުލާނުގައި ބުނަނީ، ރާއްޖޭގެ ވެށީގައި މީގެ ކުރިން ނޫޅޭ ބާވަތްތަކުގެ ޖަނަވާރާއި އެފަދަ ޖަނަވާރުގެ ބިސް އެތެރެކޮށް، ވިއްސައި އާލާކޮށްގެން ގެންގުޅޭ ކަމުގެ ޝަކުވާތައް މިނިސްޓްރީށް ލިބެމުންދާ ކަމަށެވެ.
"މިފަދަ ޖަނަވާރުތަކަކީ މީގެ ކުރިން ރާއްޖޭގައި އުޅޭ ތަކެއްޗެއް ނޫނެވެ. މިފަދަ ތަކެއްޗަށް ރާއްޖޭގެ މާހައުލަށް ވީއްލި ވިހާ ގިނަވުމުގެ ފުރުސަތު ލިބިއްޖެ ނަމަ، ޖަނަވާރަށް ޖެހޭ ރާއްޖޭގައި ނޫޅޭ ބަލިތައް ތައާރަފުވެ، ފެތުރޭނެ އެވެ،" އެގްރިކަލްޗާ މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
މިހާރު ވެސް ރާއްޖެއާ ކައިރި ބައެއް ގައުމުތަކުގައި ދޫނި ރޯގާގެ އަސަރު ފެންނަމުންދާތީ، ދޫންޏާއި އެހެނިހެން ޖަނަވާރު ރާއްޖެ އެތެރިވިޔަ ނުދިނުމަކީ ޖަނަވާރުގެ ޒަރީއާ އިން ޖެހޭ ރޯގާތަކުން ރައްކާތެރިވުމަށް އަޅަން ޖެހޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް އެގްރިކަލްޗާ މިނިސްޓްރީން ބުނެ އެވެ.
އެގްރިކަލްޗާ މިނިސްޓްރީން އެތެރެކުރުމަށް ހުއްދަ ދީފައިވާ ދިރޭ ތަކެތީގެ އިތުރުން އެއްވެސް ވައްތަރެއްގެ ދޫންޏާއި ދޫނީގެ ބިހާއި ވަލުޖަނަވާރުގެ ގޮތުގައި ބެލެވިދާނެ ޖަނަވާރާއި އޭގެ ބިސް ރާއްޖެ އެތެރެކުރުމަކީ މަނާ ކަމެއް ކަން ވެސް އެ އިއުލާނުގައި ވަނީ ހަނދާންކޮށްދީފަ އެވެ. އަދި އެގްރިކަލްޗާ މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް އެތެރެކުރާ ދިރޭ ތަކެތި ހިފަހައްޓައި ނައްތާލެވޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެގްރިކަލްޗާ މިނިސްޓްރީން ބުނަނީ، ޒީނަތްތެރިކުރުމުގެ ގޮތުން ރާއްޖެ އެތެރެކުރާ ގަސްގަހާގެއްސާއި އޭގެ ބައިތައް ވެސް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރެވޭނީ އެ މިނިސްޓްރީގެ ހުއްދައާ އެކުގައި ކަމަށެވެ.