11 Sep 2014, 21:48
ކޮންޓެކްޓަރުންނަށް ލުއި ލޯނު ދޭނެ އުސޫލެއް އެކުލަވާލާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މުއިއްޒު ވިދާޅުވީ ކޮންޓެކްޓަރުންނަށް ލުއި ލޯނު ދިނުމުގެ އުސޫލެއް ކަނޑައަޅައި ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.
"އެއުސޫލުގެ ފިނޭންސް މިނިސްޓްރީއަށް ވާނީ ފޮނުވާފައި، އަޅުގަނޑަށް އެނގިފައިވާގޮތުން ފިނޭންސް މިނިސްޓްރީން މަޖްލިސް ހުޅުވުމުން މަޖިލީހަށް ފޮނުވައިގެން އެކަމަށް ނަގަންޖެހޭ ހުއްދަ ނަގާފައި ވީހާވެސް އަވަހަކަށް ކޮންޓެކްޓަރުންނަށް ލުއި ލޯނު ލިބޭނެ ސްކީމެއް ތައާރަފް ކުރާނަން،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވީ، ލޯނު ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަމައެކަނި ސަރުކާރުގެ މަޝްރޫއުތައް ކުރިއަށްގެންދާ ޕްރޮޖެކްޓްތަކަށް ކަމަށާއި އެ ކަމުގެ ބޭނުކަމީ ސަރުކާރުގެ ޕްރޮޖެކްޓްތައް ހުއްޓިފައިވާ ހުއްޓުން ކުޑަކުރުން ކަމަށެވެ.
ލޯނު ދޫކުރަނީ އެއް މިލިއަނާއި ހަމައަށް ކަމަށާއި ނަމަވެސް ޕްރޮޖެކްޓްގެ މިންވަރަށް ބަލައި ފައިސާދޭނެ އުސޫލް ކަނޑައެޅޭނެ ކަމަށް ވެސް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ސަރުކާރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް އިހުމާލްވެފައިވީ ނަމަވެސް މި ސަރުކާރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީ ކުރިއެރުވުމަށް ތަފާތު މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން އެސްޓީއޯ މެދުވެރިކޮށް ކޮންސްޓްރަކްޝަން މެޓީރިއަލް ލިބޭނެ އިންތިޒާމް ވެސް މިހާރު ހަމަޖައްސާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.