11 Sep 2014, 20:54
ފަސް ވަރަކަށް އަހަރު ވަންދެން ޚިދުމަތް މެދުކެނޑިފައި އޮތުމަށްފަހު މިފްކޯގެ ފަރާތުން އައްޑޫ ސިޓީގައި ގާއިމްކޮށްފައިވާ އައިސްޕްލާންޓުން އަނެއްކާ ވެސް އައިސް ވިއްކަން ފަށައިފި އެވެ.
މިފްކޯ އިން ބުނީ 2006 ވަނަ އަހަރު ގާއިމްކޮށްފައިވާ އެ އައިސް ޕްލާންޓް އަލުން ޚިދުމަތައް ގެނެސް އައިސް ވިއްކަން ފަށާފައި ވަނީ މި ސަރުކާރުގެ މަސްވެރިކަމުގެ ސިޔާސަތުގެ ދަށުން މަސްވެރިކަން ކުރިއަރުވައި މަސްވެރިންނަށް އެ މަސައްކަތުގައި އިތުރަށް މަގުފައިކޮށްދީ ފަސޭހަތަކެއް ހޯދައި ދިނުމުގެ ގޮތުން ކަމަށެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން އެ އައިސްޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކަން ފަށާފައިވާ އިރު އެ އައިސްޕްލާންޓުން ދުވާލެއްގެ މައްޗަށް 50 މެޓްރިކް ޓަނުގެ އައިސް އުފަށްދައި މަސްވެރިންނަށް ފޯރުކޮށްދޭނެ ކަމަށް މިފްކޯ އިން ބުނެއެވެ.
އޭގެ އިތުރުން އައްޑޫ ސަރަހައްދަކީ ގިނަ އަދަދަކަށް މަސްވެރި ދޯނިފަހަރު ހަރަކާތްތެރިވާ ސަރަހައްދަކަށްވާ އިރު އައްޑޫއިން މަސްވެރިންނަށް ބޭނުންވާ އައިސް ލިބެން ފެށުމުން މަސްވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބި މަސްވެރިންނަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިފްކޯ އިން ބުނީ މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުކަމަށްވާއިރު އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ބޭނުންތައް ދެނެގަނެ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މަސްވެރިންނަށް އެ ސިނާއަތުގައި ކުރިއަށް ދިއުމަށް މަގުފަހި ކޮށްދިނުމަށް ކަމަށެވެ.