11 Sep 2014, 18:57
އިމާދުއްދީން ސްކޫލުގެ ގްރޭޑް ތިނެއްގެ ދަރިވަރަކާ ދިމާލަށް ހުތުރު ބަހުން ވާހަކަދައްކައި އިންޒާރުދިން ކަމަށް ބުނާ އެ ސްކޫލުގެ ޓީޗަރު ސަސްޕެންޑް ކޮށްފި އެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ވަކިގޮތަކަށް އަންގަންދެން ގޭގައި މަޑުކުރުމަށް އިމާދުއްދީން ސްކޫލުން ވަނީ ލިޔުމުން އެ ޓީޗަރަށް އަންގާފަ އެވެ. އެއަމަލު ހިންގާފައި ވަނީ ދިވެހި ޓީޗަރެއް ކަމެއް ނުވަތަ ބިދޭސީ ޓީޗަރެއް ކަމެއް އަދި ވަނީ ސާފުވާގޮތް ނުވެފަ އެވެ.
އިމާދުއްދީން ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝަހީން ވިދާޅުވީ، އެ ސްކޫލުން އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި އެހެންކަމުން އެކަމާ ބެހޭ އިތުރު މައުލޫމާތު މީޑިއާއަށް ހިއްސާކުރެވެން ނެތް ކަމަށެވެ. އަދި ބެލެނިވެރިޔާގެ އެދުމުގެ މަތިން އެ ދަރިވަރު އެހެން ކުލާހަކަށް ބަދަލުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ވެސް ބުނީ އެ މައްސަލަ ބަލަމުންދާތީ އިތުރު މައުލޫމާތު ދެވެން ނެތް ކަމަށެވެ.