ޗައިނާގެ ރައީސް ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ ލިބޭ ވަރަށް ވެސް އުފާވެރި ޝަރަފުވެރި ކުރިއެރުމެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާ އަލަށް ގުޅުނު ބައެއް ކައުންސިލަރުނާއި އަލަށް ގޮފިތަކުގެ ފޯމް ހަވާލުކުރުމަށް މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ރައްމިއްޔާތަށް ފަހު ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ޗައިނާގެ ރައީސް އަކީ އިގުތިސާދީ ގޮތުން ދުނިޔޭގައި މިވަގުތު ހުންނެވި އެންމެ ނުފޫޒު ގަދަ ލީޑަރު ކަމަށެވެ. އަދި ޗައިނާގެ ރައީސް ރާއްޖެއަށް ކުރައްވާ މިދަތުރުފުޅުގައި އެމަނިކުފާނު ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"މިދަތުރުފުޅުގައި އެމަނިކުފާނު ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ޔަގީން މިކުރަނީ. ސަރުކާރުގެ ފަރާތުން މި އެދެނީ އެންމެ ކަމެއްގަ. އަޅުގަނޑުމެންނަށް ދިވެހި ޒުވާނުންގެ އުއްމީދުތައް ފުރިހަމަކޮށްދެވެން އޮތީ ޒުވާނުންނަށް ފަސޭހަކަމާ އެކު ދިރިއުޅޭ ވެއްޓެއް ހުޅުމާލޭގައި ގާއިމްކޮށްދީގެން، އެމަސައްކަތް އަޅުގަނޑުމެން މިއަންނަނީ ރިޔާސީ އިންތިހާބުގެ ދުވަސް ވަރުން ފެށިގެން އެކަމާ ވާހަކަދައްކަމުން. އެހެންވެ މި އުއްމީދު ފުއްދައިދެވިއްޖެ ކަމުގައިވާނަމަ މުޅި ރާއްޖެއަށް އާއްމުވެގެންދާ އިގުތިސާދީ މަންފާތަކެއް މުޅި ރާއްޖެއަށް ލިބިގެންދާނެ،" ޔާމީން ވިދާޅުވި އެވެ.

ރައީސްގެ ވާޙަކަފުޅުގައި ސްޕެޝަލް އިކޮނިމިކް ޒޯންގެ ބިލާ ބެހޭ ގޮތުން ވާހަކަދައްކަވަމުން ވިދާޅުވީ އެ ބިލަކީ އަތޮޅު ތެރޭގެ ތަރައްގީއަށް ހުޅުވާލެވޭ މައި ދޮރާށި ކަމަށާއި މާލޭގެ ސަރަހައްދުގައި އިތުރަށް ތަރައްގީ ކުރެވޭނެ ކަމަށާއި ނަމަވެސް އެކަން ކުރެވޭނީ ރާއްޖޭގެ ބިން ބޮޑު އެކި ސަރަހައްދުތަކަށް ތަރައްގީގެ މަޝްރޫއުތައް ގެންދެވިގެން ކަމުގައި ވިދާޅުވި އެވެ.

މިއަދުގެ އެ ރަސްމިއްޔާތުގައި ޕީޕީއެމާ އަލަށް ގުޅުނު ރަށްރަށުގެ ކައުންސިލަރުންނަށާއި ގޮފިތަކަށާއި ސަރުކާރު ކުންފުނިތަކުގެ އިތުރުން ވިޔަފާރި ވެރިން ވަނީ ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ.

އެޕާޓީއާ އަލަށް ގުޅުނު ފަރާތްތަކަށް މަރުހަބާ ދަންނަވައި ރައީސް ޔާމީން ވިދާޅުވީ އެޕާޓީއަށް އެއްލައްކަ މެމްބަރުން ހަމަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން އިރާދަ ކުރެއްވިއްޔާ މިއަހަރު ނިމުގެ ކުރިން އެ އަދަދު ހަމަކުރައްވާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވީ ޕީޕީއެމްއަކީ އަބަދުވެސް ރާއްޖެ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާނެ ޕާޓީއެއް ކަމަށެވެ. މިއަދު އެ ޕާޓީއާ އަލަށް ގުޅުނު ފަރާތްތަކާ މަރުހާބާ ދަންނަވައި އެމަނިކުފާނު ވިދާޅުވީ އެފަރާތްތަކުން އެޕާޓީއާ ގުޅިގެން ދިއުމަކީ ގައުމުގެ ތަރައްގީއަށް އެފަރާތްތަކުންދޭ އަހައްމިއްޔަތު ދައްކުވައިދޭ ކަމެއް ކަމަށެވެ.