މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރާ 1000 މީހުންގެ ތެރެއިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 250 މީހުން މިއަދު ހައްޖަށް ދިއުމަށް ފުރައިފި އެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށްދާ މީހުންގެ ތެރެއިން މިއަދު މެންދުރު 2:00 ގައި ފުރާފައި ވަނީ އެ ކޯޕަރޭޝަންގެ ފަރާތުން ހައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕުގައި ހިމެނޭ 250 މީހުނެވެ. ދެވަނަ ގުރޫޕުގައި ހިމެނޭ 238 މީހުން ފުރަން ހަމަޖެހިފައި ވަނީ ހުކުރު ދުވަހު ފަތިހު އެވެ.

ހައްޖު ކޯޕަރޭޝަންގެ ޗެއާމަން ޑރ. އައިޝަތު މުނީޒާ 'ސަން' އަށް ވިދާޅުވީ އެ ކޯޕަރޭޝަންގެ ފަރާތުން މިއަދު ހައްޖަށް ފުރާފައިވާ 250 މީހުން ދިއުމަށް ހަމަޖެހިފައި ވަނީ މެގަމޯލްޑިވްސް ގެ ޗާޓާޑް ފްލައިޓެއްގައި ކަމަށާއި އެމީހުން ދާނީ އެއްވެސް ތާކަށް މަޑުނުކޮށް ސީދާ ޖިއްދާ އަށް ކަމަށެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ތެރެއިން، ފަތުހު ކުންފުނީގެ ހަވާލުގައި ހައްޖަށްފުރާ 118 މީހުން މިމަހުގެ 15 ވަނަ ދުވަހު ފުރަން ހަމަޖެހިފައިވާ އިރު މިނާ ހައްޖު ގުރޫޕުގެ ހަވާލުގައި ހައްޖައްދާ 125މީހުން މިމަހު 14 ގައި ފުރާނެ އެވެ. އަދި ރާއްޖެ އިން އެންމެ ފަހުން ހައްޖަށްފުރާ ސިސިލްފަރުގެ ހަވާލުގައި ހައްޖަށްދާ 121 މީހުން ރާއްޖެ އިން ފުރުމަށް ހަމަޖެހިފައި ވަނީ މިމަހު 16 ވަނަ ދުވަހުގެ ފަތިހު އެވެ.

މީގެއިތުރުން އެކްރޯ ކުންފުނީގެ ހަވާލުގައި ހައްޖަށްދާ 125 މީހުން ވަނީ މިމަހު ފަސްވަނަ ދުވަހު ފުރާފަ އެވެ.