ގަވާއިދާހިލާފަށް ދިރިއުޅެމުން ގެންދާ ބިދޭސީން، ނުވަތަ އިލީގަލް އިމިގުރޭންޓުގެ ބޮޑު ޖަމާއަތެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދި އެކަމުގެ ނުރައްކާ އިގްތިސާދީ ގޮތުންނާއި ސިޔާސީ ގޮތުން ރާއްޖެ އަށް ކުރާމުންދާ ކަމުގެ އިންޒާރު ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލިޔާސް ހުސެއިން ސަރުކާރަށް ދެއްވައިފި އެވެ.

ބިދޭސީންގެ ސަބަބުން ރާއްޖެ އަށް ކުރަމުން ގެންދާ ގެއްލުންތައް ފާހަގަކޮށް ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަމީން ފައިސަލް އަށް އިލިޔާސް ފޮނުއްވާފައިވާ އެ ސިޓީގައި ރާއްޖެ އަށް ގެއްލުންތަކެއް ލިބިގެން ދާނެ ތިން ދާއިރާއެއް ފާހަގަކޮށް އެކަންކަމަށް ހައްލު ލިބޭނެ ގޮތްތައް އިލިޔާސް ފާހަގަކުރައްވާފައިވެ އެވެ. އެ ތިން ދާއިރާއަކީ
އިޖްތިމާއީ، ސިޔާސީ އަދި އިގްތިސޯދީ ދާއިރާއަށް ބިދޭސީންގެ ސަބަބުން ލިބެމުން އަންނަ ގެއްލުންތަކެވެ.

ގަވާއިދާއި ހިލާފަށް ނޫނީ ފިލައިގެން އުޅޭ ބިދޭސީން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރި އެމީހުން ހެޔޮ އަގުގައި މަސައްކަތް ކުރަން ފެށުމުން ދިވެހި އިގްތިސޯދަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަން ފާހަގަ ކުރައްވަމުން އިލިޔާސް އެ ސިޓީގައި ލިޔުއްވާފައި ވަނީ މިހާރު ވެސް ރާއްޖޭގައި ގަވާއިދާ ހިލާފަށް 30،000 ބިދޭސީ އަކު އުޅޭކަމަށް ލަފާކުރައްވާ ކަމަށާއި އޭގެ ތެރެއިން ކޮންމެ މީހަކަށް ދުވާލަކަށް 200ރ އާއި މަހަކަށް 6000ރ ދެމެދުގެ އަދަދަކަށް އާމްދަނީ ލިބޭ ކަމަށާއި އެ ހުރިހާ ފައިސާއެއް ނޫނީ އޭގެން ބޮޑުބައެއް އެއްވެސް ހިފެހެއްޓުމެއްނެތި ރާއްޖެ އިން ބޭރުވަމުންދާ ކަމަށެވެ. އެހެންކަމަށްވުމުން އެފަދަ މީހުންގެ އަތުން 90 (ނުވަދިހަ) މިލިޔަން ރުފިޔާ، 7 (ހަތެއް) މިލިޔަން ޑޮލަރު އަހަރަކު ދައުލަތަށް ގެންލުންވާނެ ކަމަށް ބެލެވޭ ކަމަށް އެ ސިޓީގައިވެ އެވެ.

އިލިޔާސް ވަނީ އިމިގުރޭޝަންގެ ތަފާތު ރަސްމީ ލިޔެކިޔުންތަކަށް ބަދަލުގެނެސް އޮޅުވާލުމުގައި ބިދޭސީން ވަރަށް ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާކަން ފާހަގަކުރައްވައިފަ އެވެ. އަދި އެފަދަ އެތައް ބިދޭސީންނެއް ކޮންމެ އަހަރަކު ހައްޔަރު ކުރެވޭ ކަމަށް އެ ސިޓީ ބުނެ އެވެ.

އެފަދަ ބިދޭސީންގެ ސަބަބުން އިޖްތިމާއީ ގޮތުން ރާއްޖެ އަށް ލިބެމުން އަންނަ ގެއްލުންތަކަށް އަލިއަޅުވައި ލައްވަމުން އިލިޔާސް ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ލައްވައި ފުޅާދާއިރާއެއްގައި ތަފާތު ކުށްތައް ކުރުވުމުގެ ފަހަތުގައި ވަނީ ބޮޑަތި ގޭންގުތައް އޮޕަރޭޓް ކުރަމުން އަންނަ އިސްފަރާތްތައް ކަމަށާއި ބިދޭސީން ލައްވައި ތަފާތު ވައްކަމާއި ފޭރުމާއި ކިޑްނެޕްކުރުމާއި ހިޔުމަންޓްރެފިކިންގެ ކުށްތައް ކުރުވަމުން އަންނަ ކަމަށެވެ. އަދި މިހާރު ކޮންމެވެސް ވަރަކަށް ބިދޭސީންގެ އަމިއްލަ ސެލްތަކެއް ވެސް އުފެދިފައިވާ ކަމަށް އިލިޔާސް ލިޔުއްވާފައިވެ އެވެ.

ސިޔާސީ ގޮތުން ކަންބޮޑުވާ ކަންކަމުގެ ގޮތުގައި އިލިޔާސް އެ ސިޓީގައި ފާހަގަކުރައްވާފައި ވަނީ ބިދޭސީން ރާއްޖޭގެ އިގްތިސޯދުގެ އެންމެ މުހިންމު ސެކްޓަރުތަކުގައި ގިނަ އަދަދަކަށް މަސައްކަތް ކުރާތީ އެމީހުންނަށް ވެސް ވޯޓް ދިނުމުގެ ހައްގު އޮންނަން ޖެހޭ ކަމަށް ބަޔަކު މަޖިލީހުގައި ވަކާލާތުކޮށް އެކަމާ ގުޅޭ ބިލެއް މަޖިލީހުގައި ފާސްކުރުމަކީ ދުރުކަމެއް ނޫން ކަމަށާއި ބިދޭސީންގެ ފަރާތުން ރާއްޖެ އަށް ދީނީ ގޮތުން ހައްދުފަހަނައަޅައި ދިޔުމާއި ޓެރަރިޒަމްގެ ބިރު އެބައޮތް ކަމަށެވެ. އަދި ބައެއް ބިދޭސީން ޓޫރިސްޓް ވިސާގައި ރާއްޖެ އައިސް ދީނީ ނަސޭހަތް ދީހަދާފައިވާކަން އެނގިފައިވާ ކަމަށް ވެސް އެ ސިޓީގައި އޭނާ ލިއުއްވާފައިވެ އެވެ.

އިލިޔާސްގެ އެ ސީރިއަސް އިސޫސްތަކާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިޔާ އޮފިޝަލް މޭޖާ އަބްރުއްރަހީމް މިއަދު ވިދާޅުވީ ސިފައިންނަށް އެފަދަ ކަމެއް ފާހަގަ ކުރެވިފައި އަދި ނުވާ ކަމަށާއި އެހެން ގައުމުތަކުގައި ވެސް ބިދޭސީން ގިނަ ވުމުން ގައުމުގެ ސަލާމަތަށް ގެއްލުންވާ ގޮތަށް ރާއްޖޭގެ ސަލާމަތްތެރިކަމަށް ވެސް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

"ބިދޭސީން އިތުރު ވުމުގެ ސަބަބުން ގައުމުގެ ސަލާމަތަށް އަސަރެއް ކުރުމަކީ ގާތްކަމެއް. އެކަމަކު މި ވެނި އިޝޫއެއް ވަރަށް ސީރިއަސްއޭ އެހެން ބުނެވޭކަށް ނެތް. އަޅުގަނޑުމެން ތުރެޓް އިންކްރީޒްއެއް ނުކުރަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިލިޔާސް އެ ސިޓީ ނިންމަވާލައަވަމުން ވިދާޅުވެފައި ވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އޮންނަ ފަދަ ގޮތަށް ވަޒީފާގެ ކޯޓާ ނިޒާމެއް ތައަރަފް ކުރުމަށާއި އަދި ކޯޓާ ލިމިޓެއް ކަޑައަޅާފައި ބޭއްވުމަށެވެ. އަދި އެމްޕުލޮއިމަންޓް އެޕްރޫވަލް އަކީ ހަމައެކަނި އިދާރީގޮތުން ގެންގުޅޭ ލިޔުމެއް ގޮތަށް ހަމަޖެއްސުމަށާއި ހަމައެކަނި ވޯކް ވިސާ
ބޭނުންކޮށްގެން އެމްޕުލޮއިމަންޓުގެ ހުރިހާ ކަމެއް ނިންމުމުގެ ނިޒާމެއް ގާއިމް ކުރުމަށް އިލިޔާސް ލަފާއަރުއްވާފައިވެ އެވެ.

އެ ސިޓީގައި ވަނީ ބިދޭސީން އެތެރެވުމުގެ ކުރިން ސީދާއެމްބަސީތަކުން ވޯކް ވިސާނަގައިގެން ނޫނީ ރާއްޖެއެތެރެ ނުވެވޭ ގޮތް ހެދުމަކީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއް ކަމަށެވެ.